Roadha Mihaaru
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި

ތަކުރާރުކޮށް އެދުމުން ވެސް ރާއްޖޭން ފައިސާ ނުދޭތީ، ސާފްގެ ކޮންގްރެސްގައި މައްސަލަ ފެންމަތިކޮށްފި

10 ޖޫން 2024

އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ގުޅިގެން އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ، ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގައި ފެންމަތިކޮށްފި އެވެ.

އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ގުޅިގެން އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ، ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގައި ފެންމަތިކޮށްފި އެވެ.

ބަންގްލަދޭޝްގައި 2020 ގައި ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕް، 2021 އަށް ފަސް ކުރުމުން ވެސް ކޮވިޑްގެ ސަބަބުން އެ ގައުމުގައި ބޭއްވެން ނެތިގެން ފުރުސަތު ދޫކޮށްލި އެވެ. އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދިނީ މުބާރާތަށް ކުރަން ޖެހޭ ހުރިހާ ހަރަދަކަށް، އެފްއޭއެމުން ޖާމިނުވާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި، ޗެމްޕިއަން އިންޑިއާ އަށް ދޭން ޖެހޭ ފައިސާ އާއި ޓީމުތަކުގެ ބައިވެރިވުމުގެ ފީ އާއި ސާފް އޯނާޝިޕް ފީ ނުދައްކާ މައްސަލަ އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ފާހަގަ ކޮށްފައި އެވެ.

ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރެފްރީކަން ކުރި ބައެއް މެޗު އޮފިޝަލުން: ރެފްރީންނަށް ވެސް އަގު ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ --- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރެފްރީކަން ކުރި ބައެއް މެޗު އޮފިޝަލުން: ރެފްރީންނަށް ވެސް އަގު ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ --- ފައިލް ފޮޓޯ: މިހާރު

އެ ބައްދަލުވުމުގައި ސާފް ސެކެޓްރިއޭޓުން ބުނެފައި ވަނީ އެ ފައިސާ ހަމަޖައްސައި ދިނުމަށް އެދި ތަކުރާރުކޮށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތިން އަހަރުވާން ދާއިރު ވެސް ފައިސާ ދީފައި ނުވާކަމަށް ސާފްގެ ކޮންގްރެސްގައި ފާހަގަ ކުރި އެވެ.

ސާފްގެ ރައީސަކީ، ބަންގްލަދޭޝްގެ ކާޒީ ސޮލާހުއްދީނެވެ. އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި، ރާއްޖޭން ފައިސާ ނުދޭތީ އެ މައްސަލައިގެ ތެރެއަށް އޭއެފްސީ ވައްދަން ޖެހޭ ހިސާބަށް ހާލަތު ގޮސްވެފައިވާކަމުގެ ކަންބޮޑުވުން ސާފްގެ ތެރޭގައި އެބައޮތެވެ.

ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައި ވުމުން، ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިއަށް ދޭއް ނުވަތަ ތިން މަސް ތެރޭ އެފްއޭއެމްގެ އިންތިހާބަށް ފަހު އެ ފައިސާ ހަމަޖައްސާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ފައިނަލް މެޗަށް ފަހު ޗެމްޕިއަން އިންޑިއާއިން ތަށި އުފުލަލަނީ: އެ ޓީމަށް ދޭން ޖެހޭ އިނާމު ފައިސާ ވެސް ރާއްޖޭން ދީފައެއް ނުވޭ -- ފައިލް ފޮޓޯ: ފަޔާޒު މޫސާ |. މިހާރު

ސާފް ޗެމްޕިއަންޝިޕް 2021 ފައިނަލް މެޗަށް ފަހު ޗެމްޕިއަން އިންޑިއާއިން ތަށި އުފުލަލަނީ: އެ ޓީމަށް ދޭން ޖެހޭ އިނާމު ފައިސާ ވެސް ރާއްޖޭން ދީފައެއް ނުވޭ -- ފައިލް ފޮޓޯ: ފަޔާޒު މޫސާ |. މިހާރު

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީކަން ކުރަން ހަމަޖެއްސި އެހެން ގައުމުތަކުގެ ރެފްރީންނަށް ވެސް އެފްއޭއެމުން އިނާޔަތް ދީފައި ނުވާ މައްސަލަ ވެސް އޮތީ ފެންމަތިވެފަ އެވެ.

ފައިސާ ނުދެއްކި ނަމަވެސް، ސާފްގެ ކުރިއަށް އޮތް މުބާރާތްތަކާއި ރާއްޖެ ބައިވެރިކުރުން އަދި ނުކުރުމާ މެދު ވެސް ކޮންގްރެސްގައި ވަކި ގޮތަކަށް ނިންމާފައެއް ނުވެ އެވެ. އެހެންނަމަވެސް ރާއްޖެއާ މެދު ސާފްގެ ކޮންގްރެސްގައި ނުތަނަވަސްވުންތައް ހުރިކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ފާހަގަ ކުރެ އެވެ.