Roadha Mihaaru
ސާފްގެ މުބާރާތުން ބަންގްލަދޭޝާއި އިންޑިއާއަށް ވެސް ތަށި

ދެ ޓީމު ބޮޑާހޭކުމުން ސާފް މުބާރާތުގެ ޖޮއިންޓް ޗެމްޕިއަންކަން ބަންގްލަދޭޝާއި އިންޑިއާއަށް

09 ފެބުރުއަރީ 2024

ފައިނަލް މެޗުގައި ޕެނަލްޓީން ވެސް އެއްވަރުވެގެން ގުރުއަތު ލައިގެން އިންޑިއާ މޮޅުވީ ކަމަށް ނިންމި ނިންމުން ވެސް ބަދަލުކޮށް، ފައިނަލް ކުޅުނު އިންޑިއާ އާއި ބަންގްލަދޭޝް އަށް 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ޖޮއިންޓް ޗެމްޕިއަންކަން ދީފި އެވެ.

ފައިނަލް މެޗުގައި ޕެނަލްޓީން ވެސް އެއްވަރުވެގެން ގުރުއަތު ލައިގެން އިންޑިއާ މޮޅުވީ ކަމަށް ނިންމި ނިންމުން ވެސް ބަދަލުކޮށް، ފައިނަލް ކުޅުނު އިންޑިއާ އާއި ބަންގްލަދޭޝް އަށް 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ޖޮއިންޓް ޗެމްޕިއަންކަން ދީފި އެވެ.

ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ރާއްޖެ ވާދައެއް ނުކުރެ އެވެ. ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެ، ފައިނަލުން ޖާގަ ނުލިބުނީ ނޭޕާލާއި ބޫޓާނަށެވެ. މުބާރާތް އަމިއްލަ ފަސްގަނޑުގައި ބޭއްވި، ބަންގްލަދޭޝް ވަނީ މި ބުރުގައި އިންޑިއާ ވެސް ބަލިކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ކުޅުނު ފައިނަލް މެޗުގެ އަށްވަނަ މިނެޓުގައި އިންޑިއާ އިން ނެގި ލީޑާ އެކު މެޗު ނިންމަން ދަނިކޮށް ބަންގްލަދޭޝް 1-1 އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގަ އެވެ. އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓްގައި ދެ ޓީމު ވެސް ޖެހުވި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް، ނިމުނީ 11-11 އިންނެވެ.

ޕެނަލްޓީ ޝޫޓައުޓްގައި ކޮންމެ ޓީމަކަށް ވެސް 11 ޕެނަލްޓީ ހަމަވުމުން ރެފްރީ ކުރިއަށް ގެންދަން އުޅުމުން އެކަން ހުއްޓުވީ އެވެ. އެއަށް ފަހު ރެފްރީ ވަނީ ދެ ޓީމުގެ ކެޕްޓަނުން ހާޒިރުކޮށް ގުރުއަތު ލައިގެން އިންޑިއާ މޮޅުވީ ކަމަށް ނިންމައިފަ އެވެ.

ގުރުއަތުން މޮޅުވެގެން އިންޑިއާ ކުޅުންތެރިން އުފާފާޅު ކުރި ނަމަވެސް ބަންގްލަދޭޝް ކުޅުންތެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ދަނޑުމަތީ އިހުތިޖާޖު ކޮށްފަ އެވެ. އޭގެ ގަޑިއިރެއް ހާއިރު ފަހުން މެޗް ކޮމިޝަނަރު ޑި ސިލްވާ ޖަޔަސޫރިއާ ޑިލަން ވަނީ މުބާރާތުގައި ގުރުއަތުލުން ނޯންނަކަން ހާމަކޮށް، ޕެނަލްޓީ ޝޫޓައުޓް ކުރިއަށް ގެންދަން އަންގައިފަ އެވެ.

ބަންގްލަދޭޝް ޓީމު ދަނޑުމަތީ ތިބި ނަމަވެސް އިންޑިއާ ޓީމު ޗޭންޖިން ރޫމުން އެނބުރި ދަނޑަށް ނުކުންނަން 30 މިނިޓުގެ މުހުލަތެއް ދިނެވެ. އެ ވަގުތު ހަމަވި އިރު ވެސް އިންޑިއާ ހާޒިރު ނުވުމުން ބަންގްލަދޭޝް އަށް ޗެމްޕިއަންކަން ދޭން ވެސް ނިންމާފައި ވަނިކޮށް ފަހު ވަގުތު ނިންމީ ދެ ޓީމަށް ޖޮއިންޓް ޗެމްޕިއަންކަން ދޭށެވެ.