Roadha Mihaaru
މަރުވި އެންމެންގެ ހަށިތައް ފޮނުވާލައިފި

އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް ފޮނުވާލައިފި

20 ނޮވެމްބަރ 2022

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި ނިރުފެހި ގޭގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު މަރުވި އެވެ. އެއީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް މިހާރު ވަނީ އެ މީހަކު ނިސްބަތްވާ ގައުމަކަށް ފޮނުވާލައިފަ އެވެ.

މި ހާދިސާގައި އަނިޔާވި އެކަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި ތިބީ 26 މީހެކެވެ. މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި އެންމެ ފުރަތަމަ ރޯވި ގަރާޖަކީ ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ ތަނެކެވެ. ފުލުހުން ބުނި ގޮތުގައި އެއީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ގަރާޖެކެވެ.