Roadha Mihaaru

އިންޑިއާ ކައިރިން ބިޔަ ކާގޯ ބޯޓެއްގައި ރޯވެ ހަތަރު މީހަކު ގެއްލިއްޖެ

އިންޑިއާގެ ދެކުނުން ދަތުރުކުރަމުން ދަނިކޮށް ސިންގަޕޫރުގެ ބިޔަ ކާގޯ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށާއި އެ ނިއްވުމުގެ މަސައްކަތް ކުރަމުން އަންނައިރު ހަތަރު މީހަކު ބޯޓުން ގެއްލިފައިވާ ކަމަށް އިންޑިއާގެ ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

އިންޑިއާ ކައިރިން ކާގޯ ބޯޓެއްގައި ރޯވެ އަނދަނީ

އިންޑިއާގެ ދެކުނުން ދަތުރުކުރަމުން ދަނިކޮށް ސިންގަޕޫރުގެ ބިޔަ ކާގޯ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށާއި އެ ނިއްވުމުގެ މަސައްކަތް ކުރަމުން އަންނައިރު ހަތަރު މީހަކު ބޯޓުން ގެއްލިފައިވާ ކަމަށް އިންޑިއާގެ ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ބެއިޕޫރު ބަނދަރުގެ އައްސޭރިފަށުން ގާތްގަނޑަކަށް 78 ނޯޓިކަލް މޭލު ބޭރުން 22 ފަޅުވެރިން ތިބި 268 މީޓަރު (879 ފޫޓް) ގެ ކޮންޓެއިނާ ޝިޕް އެމްވީ ވަން ހޭ 503 ގައި އަލިފާން ރޯވީ އިއްޔެ އެވެ.

އިންޑިއާގެ ކޯސްޓްގާޑާއި ނޭވީން އެ ބޯޓުގެ 18 ފަޅުވެރިއަކު ސަލާމަތްކޮށްފައިވާއިރު، ހަތަރު ފަޅުވެރިއަކު ވަނީ ގެއްލިފަ އެވެ.

އިންޑިއާގެ ކޯސްޓް ގާޑުން މިއަދު ބުނީ ބޯޓުގައި އަދިވެސް ވަރަށް ގަދަޔަށް ރޯވެ އަނދަމުންދާ ކަމަށާއި މިހާރު ބޯޓު އޮތީ 10-15 ޑިިގްރީއަށް އަރި ވެސް ވެފައި ކަމަށެވެ.

އިންޑިއާގެ ކޯސްޓް ގާޑުން އާންމުކުރި މި ފޮޓޯގައި އެ ފެންނަނީ ކޮންޓެއިނާ ޝިޕް އެމްވީ ވަން ހޭ 503 ގައި ރޯވެ އަނދަމުން ދާއިރު އިންޑިއާގެ ކޯސްޓް ގާޑާއި ޑޯނިއާ މަތިންދާބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު.

ކޯސްޓް ގާޑުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކޮންޓެއިނާތަކުގައި ރޯވެ އަނދަމުން ދާއިރު ބޯޓުގެ ވަށައިގެން ދަނީ ކަޅު ކުލައިގެ އޮލަ ދުން އަރަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަރު ކޮންޓެއިނާތައް ވެސް ބާރުގަދަ ގޮވުންތަކާ އެކު ވައިގެ ތެރެއަށް އަރައިގެން ދިޔަ އެވެ. ކޯސްޓް ގާޑުން ބުނީ ބާރު ގޮވުންތަކާ އެކު ބައެއް ކޮންޓެއިނާތައް ކަނޑަށް ވެއްޓިފައިވާ ކަމަށެވެ.

ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީން ބުނީ ފަޅުވެރިންގެ ތެރޭގައި މި ހާދިސާގައި "ބައެއް ފަޅުވެރިންނަށް އަނިޔާވި" ކަމަށެވެ.

މިއީ މިދިޔަ މަދު ހަފްތާތަކުގެ ތެރޭގައި އިންޑިއާގެ ދެކުނު އައްސޭރިފަށުގައި ކުރިމަތިވި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ މަހު 24 ގައި ވަނީ ކެރަލާ ކައިރިން ލައިބީރިއާގެ ބޯޓެއް އަޑިއަށް ވެސް ގޮސްފަ އެވެ. އެ ހާދިސާގައި ވަނީ ބޯޓުގެ 24 ފަޅުވެރިން ވެސް އިންޑިއާގެ ކޯސްޓް ގާޑުން ސަލާމަތްކޮށްފަ އެވެ. -- އޭއެފްޕީ