Roadha Mihaaru
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ

އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ ތުއްތު 10 ކުދިން މަރުވެއްޖެ

16 ނޮވެމްބަރ 2024

އިންޑިއާގެ ހޮސްޕިޓަލެއްގެ ނިއޯނޭޓްލް ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ތުއްތު 10 ކުއްޖަކު މަރުވެ 16 ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

އިންޑިއާގެ ހޮސްޕިޓަލެއްގެ ނިއޯނޭޓްލް ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ތުއްތު 10 ކުއްޖަކު މަރުވެ 16 ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގީ ވެރިރަށް ނިއު ދިއްލީގެ ދެކުނުން ގާތްގަނޑަކަށް 450 ކިލޯމީޓަރު ދުރުގައި އޮންނަ ޖާންސީގެ މަހާރާނީ ލަކްޝްމީބާއީ މެޑިކަލް ކޮލެޖުގަ އެވެ.

އިމާރާތްކުރުމުގެ ފެންވަރު ދަށްވުމާއި ސަލާމަތީ ކަންކަން ދޯދިޔާވުމުގެ ސަބަބުން އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން އާންމު އިންޑިއާގައި މިފަހަރު މި ހާދިސާ ހިނގި ކަމަށް ބެލެވެނީ މައްސަލަ ޖެހިފައި ހުރި އޮކްސިޖަން މެޝިނަކުންނެވެ.

އުފަންވީތާ އެންމެ ދުވަހެއް ވެސް ނުވާ ތުއްތު ކުދިން ތިބި ޔުނިޓްގައި ރޯވި އަލިފާނުން އެތަނުގެ އެނދުތަކާއި މެޝިންތައް ވެސް ހުރީ އަނދައިފަ އެވެ. ސަލާމަތްކުރެވުނު ކުދިން ހޮސްޕިޓަލްގެ އެހެން ތަނަކަށް ގެންގޮސް ހުރިހާ ކުދިން އެއް އެނދެއްގައި އަތުރާފައި ތިބިތަން، އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

"ތުއްތު 10 ކުއްޖަކު ވަނީ މަރުވެފައި. މީގެ ތެރެއިން ހަތް ކުއްޖެއްގެ ހަށިގަނޑު ވަނީ ދެނެގަނެވިފައި. އަނެއް ތިން ކުދިން އަދި ކަށަވަރެއް ނުކުރެވޭ،" އުއްތަރް ޕްރެދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕަތަކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ސަލާމަތްކުރެވުނު ކުދިންގެ ތެރެއިން ވެސް 16 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް "ޓައިމްސް ނައު" އިން ރިޕޯޓްކޮށްފައިވެ އެވެ.

ޕަތަކް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހޮސްޕިޓަލުގެ ސޭފްޓީ އޮޑިޓެއް ހެދުމަށް ފަހު އޭގެ ތިން މަސް ފަހުން ފަޔާ ޑްރިލް އެއް ވެސް ބާއްވާފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލާނެ،" އޭނާ ވިދާޅުވި އެވެ. "އެއްވެސް މައްސަ؛ައެއް ފެނިއްޖެ ނަމަ އެކަމެއްގައި ޒިންމާ ނަގަންޖެހޭ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން."

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ މަރުވި ކުދިންގެ އާއިލާތަކަށް 500،000 ރުޕީސް (5،900 ޑޮލަރު) ގެ ބަދަލެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ނިއު ދިއްލީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ ކުއްޖަކު މަރުވިތާ ހަ މަސް ފަހުންނެވެ.