Roadha Mihaaru

ކޮންގޯގައި ބޯޓެއްގައި ރޯވެ 143 މީހުން މަރު

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެ 143 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކޮންގޯގައި ބޯޓެއްގައި ރޯވެ 143 މީހުން މަރު

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެ 143 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ޑީއާރުސީގެ ހުޅަނގު އުތުރުގައި އޮންނަ ކޮންގޯ ކޯރުގައި، ތެޔޮ ހިފައިގެން ދަތުކުރި ލަކުޑި ބޯޓެއްގައި ކަމަށާއި ހާދިސާ ހިނގި އިރު ބޯޓުގައި އެތައް ސަތޭކަ ފަސިންޖަރުން ވެސް ތިބި ކަމަށް ސަރަހައްދުގެ އިސް އޮފިޝަލެއް ކަމަށްވާ ޖޯސެފިން-ޕެސިފިކް ލޮކުމޫ ވިދާޅުވި އެވެ.

ކޮންގޯ ކޯރަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުން ކޯރެވެ.

"އެންމެ ފުރަތަމަ، ބުދަ ދުވަހު 131 މީހެއްގެ ހަށިގަނޑުގެ ފެނުނު. ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އިތުރު 12 މީހަކު ވަނީ ބޯޓު ތެރެއިން ނެރެވިފައި. އޭގެ ތެރެއިން ގިނަ މީހުން ވަނީ ވަނީ ސިފަ ވަކިނުވާ ވަރަށް އަނދާފައި،" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ލޮކުމޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓުގައި ރޯވީ ކައްކަން އުޅެނިކޮށް ހިނގި ހާދިސާއެއްގަ އެވެ.

"އަންހެނަކު އުނދުނެއް ރޯކޮށްލި އިރު ވަގުތު، އެތަނާ ކައިރީގައި ހުރި ތެޔޮތަކުގައި، ގޮވުމަކާ އެކު، ކުއްލިއަކަށް ހުޅުހިފީ. އެވަގުތު ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވި،" އޭނާ ވިދާޅުވި އެވެ.

މަރުވި މީހުން ވަޅުލުމުގެ މަސައްކަތުގައި އުޅުނު މީހަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އެ މީހުން ވަނީ 145 މީހެއްގެ ހަށިގަނޑާ ހަވާލުވެފަ އެވެ. މިއީ މިހާތަނަށް މަރުވި މީހުންގެ ވަގުތީ އަދަދު ކަމަށާއި އެއްބަޔަކު އަލިފާނުގެ ސަބަބުން މަރުވި އިރު ގެނބިގެން ވެސް އެތައް ބަޔަކު މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ލިސްޓެއް ވެސް ނެތުމުން، ހާދިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ދެނެގަތުމާއި ސީދާ އަދަދުތައް ކަށަވަރުކުރުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އޮކްޓޫބަރު 2023 ގައި ކޮންގޯއަށް ދަތުރުކުރި ބޯޓެއް އީކުއޭޓާ ކަރިއަށް އަޑިއަށް ގޮސް 47 މީހަކު މަރުވި އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިރުމަތީ ޑީއާރުސީގެ ލޭކް ކިވޫގައި އޮތް ލޯންޗެއް ބަންޑުން ޖަހާލައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ކިވޫ ލޭކްގައި ހިނގި ފަރަށް އެރުމުގެ ހާދިސާއެއްގައި 100 އެއްހާ މީހުން މަރުވި އެވެ.