Roadha Mihaaru
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް

ފައިތިލައެއް ފެނުނަސް އިތުރު މީހަކު މަރުވެފައިވާ ކަމަށް ނުބެލެވޭ: ޕޮލިސް

20 ނޮވެމްބަރ 2022

ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނު ފައިތިލައަކީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލަ ކަމަށް ބެލެވޭ ކަމަށާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ނުބެެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނު ފައިތިލައަކީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލަ ކަމަށް ބެލެވޭ ކަމަށާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ނުބެެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި މަރުވި 10 މީހުން ފިޔަވައި، އިތުރު މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށެވެ.

"މަރުވި ބައެއް މީހުން ހަށިގަނޑު ވަރަށް ބޮޑަށް ޑެމޭޖުވެފައި ހުރީ. އެހެންވީމާ ބެލެވެނީ އެއީ އެއިން މީހެއްގެ ފައިތިލަ ކަމަށް،" ޔޫނުސް ވިދާޅުވި އެވެ.

އެއީ ކާކުގެ ފައިތިލައެއްކަން ޔަގީންކުރުމުގެ ގޮތުން ޓެސްޓުތައް ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި 10 މީހުންގެ ހަށިގަނޑު ވެސް މިހާރު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ އަށް މީހުންނާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.

އެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި ވެސް އަންނަނީ ފަރުވާދެމުންނެވެ. ކުރިން ވެންޓިލޭޓަރުގައި ފަރުވާދިން އެ މީހާގެ ހާލު ރަނގަޅުވަމުން އަންނާތީ މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގޭގެ ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެންނެވެ. އެ ގޭގައި މަތީ ފްލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.