Roadha Mihaaru
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ

ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ހަޔާތުގެ ފަހު ވަގުތާ

10 ނޮވެމްބަރ 2022

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބަންގްލަދޭޝްގެ ސުމަން މިއާ އަށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އުއްޒަލްއާ ފޯނުން އެންމެ ފަހުން ދިމާވީ ރޭގެ 10:30 ހާއިރު އެވެ. އުއްޒަލް ކާން ދާ ގެއަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނުމަށް ފަހު ފޯނު ބޭއްވީ އެވެ. އެކަމަކު، ކަން ދިމާކުރި ގޮތުން ސުމަން އަށް ދެވޭ ގޮތެއް ނުވި އެވެ. ދެން މިއަދު މެންދުރެއްހާއިރު އޭނާ އަށް ލިބުނީ އެންމެ ގާތް ރަހުމަތްތެރިޔާ އުއްޒަލްއާ ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި ހިތާމަވެރި ޚަބަރެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބަންގްލަދޭޝްގެ ސުމަން މިއާ އަށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އުއްޒަލްއާ ފޯނުން އެންމެ ފަހުން ދިމާވީ ރޭގެ 10:30 ހާއިރު އެވެ. އުއްޒަލް ކާން ދާ ގެއަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނުމަށް ފަހު ފޯނު ބޭއްވީ އެވެ. އެކަމަކު، ކަން ދިމާކުރި ގޮތުން ސުމަން އަށް ދެވޭ ގޮތެއް ނުވި އެވެ. ދެން މިއަދު މެންދުރެއްހާއިރު އޭނާ އަށް ލިބުނީ އެންމެ ގާތް ރަހުމަތްތެރިޔާ އުއްޒަލްއާ ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި ހިތާމަވެރި ޚަބަރެވެ.

މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން އެކަކީ މީގެ 17 ވަރަކަށް އަހަރު ކުރިން ބަންގްލަދޭޝް އިން ރާއްޖެ އަށް މަސައްކަތު އައި އުއްޒަލް އެވެ. ސޮމުލްގެ ބެސްޓް ފްރެންޑެވެ.

އުއްޒަލް މަރުވީ މ. ސެންޑްރޯސްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ކަމަށް ވިޔަސް އެއީ އޭނާ ދިރިއުޅޭ ގެއެއް ނޫނެވެ. ސުމަން ބުނާގޮތުގައި އުއްޒަލް އެ ގެ އަށް ދަނީ އެ ގޭގައި ދިރިއުޅޭ އިންޑިއާގެ އަންހެނެއްގެ ކައިރި އަށް ކާށެވެ. ކޮންމެ ގަޑިއެއްގައި އުއްޒަލް ކާން ދަނީ އެ ގެ އަށެވެ. އަލިފާނުގެ ހާދިސާގައި އިންޑިއާގެ އެ އަންހެންމީހާ ވެސް ވަނީ މަރުވެފަ އެވެ.

"އެއީ އުއްޒަލްގެ ފްރެންޑެއް. މިހާރު ވަޒީފާ ނެތީމާ ކާން ދަނީ އެ ފްރެންޑް ކައިރިއަށް. ކޮންމެ ދުވަހަކު ވެސް އެ ގެ އަށް ދާނެ،" އުމުރުން 23 އަހަރުގެ ސުމަން ބުންޏެވެ.

ސުމަން އާއި އުއްޒަލް އަކީ އާއިލީ ގޮތުން ވެސް ގާތް ދެ މީހުންނެވެ. އެހެންވެ، "ބެސްޓްފްރެންޑް" ގެ އިތުރުން ވެސް އާއިލީ ގާތްކަން ދެ މީހުންގެ އޮވެ އެވެ.

އުއްޒަލް މަރުވިއިރު އަންހެނުންނާއި ބޮޑު ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ. ސުމަން ހަނދާންވާ ގޮތުން ނަމަ އެ ދެ ކުދިންގެ އުމުރުން މިހާރު އުޅޭނީ 16 ނުވަޔަ 17 އަހަރުގަ އެވެ.

އުއްޒަލްގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ. އެހެންވެ، ސުމަންގެ ގިނަ ވަގުތު މިއަދު ހޭދަކުރީ އެ ސަރަހައްދުގަ އެވެ.

"އަލިފާން ރޯވި ފަހުން މިއަދު ހެނދުނު 11:30 ގައި ރައްޓެއްސަކު ގުޅާފައި ބުނަނީ އުއްޒަލްގެ ފޯނު ނިވިފައޭ އޮތީ. ބަލާށޭ. ދެން އަހަރެން އައިޖީއެމްއެޗަށް ދިޔައިރު އެ ތަނުގައި ނެތީ. މޯޗަރީ އަށް ދާށޭ ބުނީމާ އައިިއިރު މި ތަނުގައި އޮތް ކަމަށް ބުނަނީ،" މޯޗަރީގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ސުމަން ބުންޏެވެ.

އުއްޒަލް މަސައްކަތްކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ކަމަށް ވިޔަސް ވަޒީފާ ގެއްލުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ ދިރިއުޅެމުން އައީ ރޯވި ގެއާ މާ ދުރު ނޫން ހިސާބެއްގައި، މާފަންނު ބިސްބުރު ކައިރީގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ.

"އަހަރެމެން ދެ މީހުން މާލެ އައީ ވެސް އެއްކޮށް، އެއް ދުވަހެއްގައި. އޭނާ ދިމާ ނުވާނެ ދުވަހެއް ވަރަށް މަދުވާނެ. މަޖާ ހުންނަނީ. ވަރަށް ރަނގަޅު ރައްޓެހި މީހެއް ގެއްލުނީ،" ސުމަން ބުންޏެވެ.

އުއްޒަލް ބަންގްލަދޭޝް އަށް ދިޔައީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ދެ މަސް ދުވަހު ގައުމުގައި އުޅުމަށް ފަހު ރާއްޖެ އައި ފަހުން ވަޒީފާ ގެއްލުނީ އެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި 10 ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އަންހެނުންނެވެ. މަރުވި ބަންގްލަދޭޝްގެ ދެ މީހުންގެ ތެރެއިން އެކަކީ ވެސް އަންހެނެކެވެ.