Roadha Mihaaru
ގަރާޖުގައި ރޯވެ ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި

ގަރާޖުގައި ރޯވެ ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި: ފުލުހުން

14 ނޮވެމްބަރ 2022

މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ކަމަށާއި އެއްޗެއް ގޮވައި، ދޮޅު މިނެޓްގެ ތެރޭގައި މުޅި ގޭގައި ހުޅު ހިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ކަމަށާއި އެއްޗެއް ގޮވައި، ދޮޅު މިނެޓްގެ ތެރޭގައި މުޅި ގޭގައި ހުޅު ހިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ އެ އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ. އެ ތަންތަން ވެސް ވަކިކޮށްފައި ހުރީ ފިލައިން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވިއްސަކަށް ފޫޓު، ތިރީސް ފޫޓުގެ ތަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަލިފާނުގެ މި ހާދިސާގައި 10 ބިދޭސީއަކު މަރުވި އެވެ. އެއީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ސާމީ ވިދާޅުވިގޮތުގައި، އަލިފާން ރޯވި ގަރާޖު ހިންގުމުގެ ހުއްދަ ސަރުކާރުން ދީފައި އޮތީ ހުޅުމާލޭގަ އެވެ. އެހެންވެ، އެ ތަން ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ އެކަން ވެސް ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލިފާން ރޯވުމާއެކު ހުޅުގަނޑު އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެން ދިޔަ. އޭގެ ދެ މިނިޓު ފަހުން ފުލުހުން އެ ތަނަށް ދިޔަ. އެމްއެންޑީއެފާ ގުޅިގެން އަލިފާން ނިއްވާ މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ވަގުތުން ފެށިގެން ކުރަން ފެށި،" ސާމިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގެއަށް ބޭރުން ވެސް މީހުން ގޮސް އުޅޭ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

"އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް މި ބެލެވެނީ. އެ އަށް ފަހު ހުޅުގަނޑު މުޅި އިމާރާތަށް ފެތުރެން ނެގީ ދޮޅު މިނެޓެއް ހާއިރު،" ސާމިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި ތިބީ 26 މީހަކު ކަމަށެވެ.

"އިމާރާތުގައި ރޯވެފައި ވަނީ ކުއްލިއަކަށް. ބާރު އަޑުފައްގަނޑެއް އިވުމާއެކު ގަރާޖު އެތެރެއަށް ހުޅު ފަޅައިގެން ގޮސް. އޭރު ވެސް ގަރާޖުގެ މައި ދޮރު ހުރީ ތަޅުލާފައި. ނަމަވެސް އެ ގަރާޖަށް ވަންނަން ހުރޭ އެ ގޭގައި އިތުރު ދޮރެއް،" ސާމިހު ވިދާޅުވި އެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހެއްގެ ގައުމަށް އާއިލާ އަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑުތައް އެ ގައުމުތަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.