Roadha Mihaaru

އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާގެ ގައިގައި ކާރަކުން ޖެހި 114 އަހަރުގައި މަރުވެއްޖެ

އުމުރުން އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ ކަމަށް ބެލެވިފައިވާ، އިނގިރޭސި ނަސްލުގެ އިންޑިއާ މީހެއް ކަމަށްވާ ފައުޖާ ސިންގުގެ ގައިގައި ކާރަކުން ޖެހި އުމުރުން 114 އަހަރުގައި މަރުވެއްޖެ އެވެ.

އެންމެދުވަސްވީ ދުވުންތެރިޔާ އެކްސިޑެންޓުވެ މަރުވެއްޖެ

އުމުރުން އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ ކަމަށް ބެލެވިފައިވާ، އިނގިރޭސި ނަސްލުގެ އިންޑިއާ މީހެއް ކަމަށްވާ ފައުޖާ ސިންގުގެ ގައިގައި ކާރަކުން ޖެހި އުމުރުން 114 އަހަރުގައި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ސިންގް މަރުވީ ޕަންޖާބުގައި އޭނާގެ އުފަން އަވަށުގެ މަގެއްގައި ހިނގާފައި ދަނިކޮށް ކާރަކުން ޖެހިގެން ކަމަށެވެ. ސިންގުގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ވެސް އެ ކާރު ވަނީ މަޑުނުކޮށް ގޮސްފަ އެވެ.

ސިންގް މަރުވީ ބަޔަކު އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ކާރުގައި ފިލި މީހާ ވަރަށް އަވަހަށް ހޯދޭނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސިންގުގެ މަރާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެތައް ބަޔަކު ސިންގުގެ ހަނދާން އާކޮށް ތައުރީފްގެ އެކި މެސެޖުތައް ދަނީ ދެމުންނެވެ.

ދުނިޔޭގެ މަޝްހޫރުކަން ހޯދައި ސިންގް ރެކޯޑްތައް މުގުރާލީ 100 އަހަރު ފުރުމަށް ފަހު ވެސް އެކި އުމުރުފުރާތަކުގެ މެރެތަންތަކުގައި ބައިވެރިވެގެންނެވެ. އުމުރުން 89 އަހަރުގައި ދުވަން ފެށި ފަހުން، 2000 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު ރިޓަޔާކުރުމާ ހަމައަށް ނުވަ ފުލް މެރެތަން ފުރިހަމަކުރި އެވެ.

ސިންގުގެ ރަނިން ކްލަބް އަދި ޗެރިޓީ، "ސިކްސް އިން ދަ ސިޓީ" ގެ ކުރިއަށް ހުރި ހަރަކާތްތަކުގެ ތެރޭގައި 1992 ވަނަ އަހަރުން ފެށިގެން ސިންގް ދިރިއުޅެމުން އައި އިރުމަތީ ލަންޑަންގެ އިލްފޯޑްގައި އޭނާގެ ހަޔާތާއި ކާމިޔާބީގެ ހަނދާންތައް ފާހަގަކުރުން ހިމެނެ އެވެ.

ސިންގަކީ އެންމެ ދުވަސްވީ މެރަތަން ދުވުންތެރިޔާ ކަމަށް ބުނި ކަމުގައި ވިޔަސް ގިނިސް ވޯލްޑް ރެކޯޑު ފޮތުން އޭނާއަށް ޖާގައެއް ނުލިބެ އެވެ. އެއީ އޭނާ އުފަންވި ކަމަށް ބުނާ 1911 ވަނަ އަހަރު ހަދާފައިވާ އުފަންދުވަހުގެ ސެޓްފިކެޓެއް ނެތުމުން އުމުރު ކަށަވަރުނުވާ ކަމަށް ބަލައިފަ އެވެ.

ސިންގުގެ އިނގިރޭސި ޕާސްޕޯޓުން އެނގޭ ގޮތުގައި އޭނާގެ އުފަން ތާރީހަކީ އޭޕްރީލް 1، 1911 އެވެ. އަދި އޭނާއަށް 100 އަހަރު ފުރިގެން ރާނީގެ ތަހުނިޔާގެ ސިޓީއެއް ވެސް އޭނާއަށް ލިބިފައިވެ އެވެ.

ސިންގުގެ ޓްރެއިނަރު ބީބީސީއަށް ކުރިން ބުނެފައިވާ ގޮތުގައި ސިންގް އިންޑިއާގައި އުފަންވި އިރު އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމަކީ އެ ގައުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ގިނިސް ވޯލްޑް ރެކޯޑުން ބުނެފައިވަނީ ސިންގަށް ރެކޯޑް ދޭން ބޭނުންވާ ކަމަށާއި އެކަމަކު އުސޫލު އޮންނަ ގޮތުން، އުފަންދުވަސް ކަމަށް ބަލަނީ އެ މީހަކު އުފަންވި އަހަރު ހަދާފައި އޮންނަ ޑޮކިއުމެންޓަށް ބަލައިގެން އެކަނި ކަމަށެވެ.