Roadha Mihaaru

ދަރިފުޅު ވަކިވިތާ މަހެއް ފަހުން އަޝްފާގެ އަސަރުގަދަ މެސެޖެއް

މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވިތާ އެއް މަސް ފުރުމާ ދިމާކޮށް، އަސަރުން ފުރިގެންވާ މެސެޖެއް އަޝްފާ ހިއްސާކޮށްފި އެވެ.

ދަރިފުޅު ވަކިވުމުން އަޝްފާގެ އަސަރުގަދަ މެސެޖެއް

މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވިތާ އެއް މަސް ފުރުމާ ދިމާކޮށް، އަސަރުން ފުރިގެންވާ މެސެޖެއް އަޝްފާ ހިއްސާކޮށްފި އެވެ.

އަޝްފާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަލްސަންގެ ވަކިވުމަކީ މަންމަ އާއި ބައްޕައަށް އުފުލޭ ވަރަށް ވުރެ މާ ހައިބަ ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

މަންމަ އާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބެނީ މާތްﷲ އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ހައްގުގައި ކުރާ ނަމާދާއި ކުރާ ދުއާ އާއި ޒިކުރުތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ އެހީ އާއި މަދަދުން ކަން އިހްސާސްކުރެވޭ ކަމަށް އަޝްފާ ބުންޏެވެ.

އަޝްފާ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު އަލްސަން، އުމުރުން އެންމެ 17 އަހަރުގައި ނިޔާވީ މިދިޔަ މަހު 14 ގަ އެވެ.

އަލްސަން ނިޔާވީ މާލޭ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ޖެހި ލިބުނު އަނިޔާގަ އެވެ.

އަޝްފާ ބުނީ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ އެންމެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.

"އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއްވާ ކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ،" އަޝްފާ ބުންޏެވެ.

"އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ހަޒްރަތައް ހަމްދާ ޝުކުރު ކުރަން."

އަލްސަން ކަށުނަމާދު ބޭއްވީ މާފަންނު އާސަހަރާގަ އެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.