Roadha Mihaaru

މާބަނޑު މީހަކު މަރުވި އެކްސިޑެންޓު: 10 އަހަރަށް ލައިސަންސް ހިފަހައްޓަން 10 އަހަރު ފަހުން ހުކުމް

މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލާގައި، ސައިކަލު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފަހައްޓައި އަދި މަރުވި މީހާގެ މަރުގެ ދިޔައާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މާބަނޑުމީހަކު މަރުވި އެކްސިޑެންޓް:10އަހަރުފަހުންހުކުމް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

29 މެއި 2025

މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލާގައި، ސައިކަލު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފަހައްޓައި އަދި މަރުވި މީހާގެ މަރުގެ ދިޔައާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފެބްރުއަރީ 2015 ގައި މާލޭގައި ސައިކަލުން ޖެހި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު އަންހެނަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރީ ސައިކަލު ދުއްވި ސ. މީދޫ އިރަސްމެކުގޭ އަލީ އާލިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ އެއްގަމު އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ އެވެ.

އާލިމްގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ފަސް އަހަރު ފަހުން ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު، އެ މީހާ މަރުވުމުގެ ޒިންމާ އާލިމް ނަގަން ޖެހޭ ކަމަށެވެ.

އެހެންވެ އިސްލާމީ ޝަރީއަތުގެ ދަށުން ދޭން ޖެހޭ މަރުގެ ދިޔައާ މެދު ވާރިސުންގެ ބަހެއް ހޯދުމަށް ފަހު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އެ މައްސަލަ އަލުން ފޮނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، އާލިމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 10 އަހަރު ވަންދެން ނުދީ ހިފެހެއްޓުމަށް ދައުލަތަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ހުކުމުގައި އެންގި އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ދީބާނާޒެވެ.