Roadha Mihaaru
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!

ކާރު ދުއްވި މީހާގެ މައްސަލާގައި ހައި ކޯޓުގައި ފުލުހުން ދޮގު ހެދި: ހައި ކޯޓް

02 ސެޕްޓެމްބަރ 2024

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގެ މައްސަލާގައި ހައި ކޯޓުގައި ފުލުހުން ދޮގު ހަދާފައިވާ ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގެ މައްސަލާގައި ހައި ކޯޓުގައި ފުލުހުން ދޮގު ހަދާފައިވާ ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފި އެވެ.

މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ވި އެވެ. އެ މައްސަލާގައި ކާރު ދުއްވި އިބްރާހިމް އިކްރާމް ހައި ކޯޓުން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ ދަށު ކޯޓުން އޭނާ އަށް ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ބަންދު މުއްދަތު މަޖިލީހުގައި އިކްރާމްގެ ވަކީލަކު ހުރިތޯ ބެލުމަށް ދަށު ކޯޓުގެ ފަނޑިޔާރު ފުލުހުންނާ ސުވާލުކުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ބަންދު މުއްދަތު މަޖިލީހުގެ ރެކޯޑިންތައް ހައި ކޯޓަށް ގެންގޮސް އަޑުއެހިއިރު، އެފަދަ ވާހަކައެއް ދަށު ކޯޓުގެ ފަނޑިޔާރު ދައްކާފައި ނުވާ ކަމަށާއި އެހެންކަމުން ހައި ކޯޓަށް ފުލުހުން ދޮގު މައުލޫމާތު ދީފައިވާތީ އެއީ ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައި ވާތީ މިކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި ތަހުގީގު ކުރަންޖެހޭ ކަމެއް..." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރުން އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.

އިކްރާމް ދޫވި މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އިކްރާމް ރޭ ދަންވަރު ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.