Roadha Mihaaru
ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ

ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ

04 އޯގަސްޓް 2018

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު ވަރަށް އަވަހަށް އިތުރު ކުރައްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު ވަރަށް އަވަހަށް އިތުރު ކުރައްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 70،000 މީހުން ދިރިއުޅޭ ހުޅުމާލޭގައި ފަހަކަށް އައިސް އެކްސިޑެންޓުތަކާއި މާރާމާރީތަކާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ރަށުގެ އަމަން ބެލެހެއްޓުމަށް ގިނަ ފުލުހުން ނުތިބޭތީ އާންމުންގެ ޝަކުވާތައް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.

ހުޅުމާލޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކޮށްފައިވާއިރު، އެ ތަނުގައި މަސައްކަތް ކުރަނީ 80 ވަރަކަށް ފުލުހުންނެވެ. އެ އަދަދަކީ، ރާއްޖޭގައި އެންމެ ހަލުއިކޮށް ތަރައްގީ ވަމުން އަންނަ ރަށުގެ އަމާންކަން ގާއިމް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ބުންޔާމީން ވިދާޅުވީ، ހުޅުމާލޭގައި ފުލުހުން މަދު ކަމުން، އެ ކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން އިތުރު ނުކުރެވިގެން އުޅެނީ، ފުލުހުންނަށް ހާއްސަ އިމާރާތެއް ނެތުމުން ކަން، ފުލުހުން ފާހަގަ ކުރާ ކަމަށް ބުންޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސެންޓްރަލް ޕާކް ކައިރީގައި ހަދަމުން އަންނަ ފުލުހުންގެ އާ އިމާރާތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. އޭރުން، ފުލުހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމަށް ވެސް ބުންޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ހިންގާ މާރާމާރީތަކުގައި ބައިވެރިވަނީ ކުޑަކުދިން ކަމަށެވެ. އެކަން ހުއްޓުވަން ފުލުހުންނާއި އެޗްޑީސީ ގުޅިގެން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ހުންނާނީ އެޗްޑީސީގެ އެޕާޓްމަންޓެއް ހުސްކޮށް، ފުލުހުންނަށް ހާއްސަ ކޮށްފައި. ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ފުލުހުން އެ ތަނަށް އަންނާނެ. އޭރުން މި ތަން ބެލެހެއްޓުން އިތުރު ވާނެ. އަލަށް އަންނަ މީހުން ވާނެ، ދާއިމީ ގޮތެއްގައި މިކޮޅުގައި މަސައްކަތް ކުރާ ފުލުހުންނަށް،" ބުންޔާމީން ވިދާޅުވި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށް މުވައްޒަފުންނާއި ވަސީލަތުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. ފުލުހުން މިހާރު މަސައްކަތް ކުރަނީ، އެޗްޑީސީގެ އިމާރާތުގެ ބައެއްގަ އެވެ. އެތަނުގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ބައިތިއްބަން ޖަލެއް ވެސް ހުރެ އެވެ.

މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުތަކުގައި ތިން މީހަކު މަރުވެފައިވެ އެވެ. އަދި މާރާމާރީތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނަށް އަނިޔާ ލިބިފައިވެ އެވެ.