Roadha Mihaaru
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ފަރުވާ ދެނީ

07 ސެޕްޓެމްބަރ 2024

ހުޅުމާލެ 2 ގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ 2 ގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ހެނދުނު 6:50 ގައި ހުޅުމާލެ 2 ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިން މީހާ އަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ކޮންޓްރޯލުން ނައްޓައިގެން ގޮސް ފާރަކަށް އަރައިފަ އެވެ. އޭނާގެ ބޯ ފާރުގައި ޖެހި، ފާރާއި ބިންމަތީގައި ލޭ ހުއްޓެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވެސް ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވި އެވެ. މި ދެ މައްސަލާގައި ހިމެނޭ ދެ ޑްރައިވަރުން ވެސް ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހު، 23 އެވެ. އެ އެކްސިޑެންޓުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ. ކާރު ދުއްވަން އިން ވިސާމްގެ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅުއްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުން ހިމެނެ އެވެ.

އެ މަނިކުފާނު ދެން އެޅުއްވި ފިޔަވަޅުތަކަކީ:

1- ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ ވެހިކަލްތައް ވަގުތުން ހުއްޓުވައި، ވެހިކަލް ދުއްވި މީހާގެ ލައިންސަންސާއި އެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.

2- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ ވެހިކަލްތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.

3- ސައިލެންސަރު ބަދަލު ކޮށްގެން، އަޑުގަދަ ކުރަމުން ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް މަނާކުރަން ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.

4- ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، ތަންފީޒު ކުރުމަށް އެޗްޑީސީ އަށް ފުލުހުން ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސް ކުރުން. ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

5- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފު ކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިންސަންސުން ޕޮއިންޓް ކަނޑަން ފެށުން.

6- މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން ފުލުހުން ކުރާ މަސައްކަތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުން.

7- މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު، ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.