Roadha Mihaaru
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ

މާލޭގައި އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ

08 ސެޕްޓެމްބަރ 2024

މިދިޔަ ބުދަ ދުވަހު ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިޔަސްވެ، ފަރުވާދެމުން އައި ޒުވާނަކު މަރުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ބުދަ ދުވަހު ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިޔަސްވެ، ފަރުވާދެމުން އައި ޒުވާނަކު މަރުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކާއެކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.

މިދިޔަ ތިން ދުވަހު ވެސް އޭނާ އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފަ އެވެ.

އެ ހާދިސާގައި ޓެކްސީއެއްގައި ޖެހި ލީވާން ދުއްވި ސައިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑު ވެފަ އެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި އިއްޔެ ވެސް ހުޅުމާލެ 2 ގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.