Roadha Mihaaru

އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައް ވި މީހާ ވެންޓިލޭޓަރުން ނަގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައް ވި ފިރިހެން މީހާ މިއަދު ވެންޓިލޭޓަރުން ނަގައިފި އެވެ.

ސީރިއަސް ޒަހަމްތައް ވި މީހާ ވެންޓިލޭޓަރުން ނަގައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 ޖުލައި 2025

މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައް ވި ފިރިހެން މީހާ މިއަދު ވެންޓިލޭޓަރުން ނަގައިފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތައް ވި މީހާ ވެންޓިލޭޓަރުން ނެގިއަސް އަދި ވެސް ފަރުވާ ދެމުން އަންނަނީ އައީސީޔޫގައި ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެ އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އެއީ 40 އަހަރުގެ ފިރިހެން މީހާގެ އިތުރުން އެ ހާދިސާގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އެވެ.

ފިރިހެން މީހާއަށް އަނިޔާވީ މަގު ހުރަސްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. އޭނާ ގައިގައި ސައިކަލުން ޖެހުނީ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ކަފިހި ހުރަހުން މަގުގެ އަނެއް ފަރާތަށް ދިއުމަށް ދުއްވައިގަތް ގަޑީގައި ސައިކަލުން ޖެހިގެންނެވެ.

އެ ވަގުތު ސައިކަލު ގޮސް ވެއްޓުނީ ހުޅަނގަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރިމައްޗަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 16 އަހަރުގެ ކުއްޖާ އަށް އަދި ވެސް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.