Roadha Mihaaru

ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

12 އެޕްރީލް 2025

ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ލ. ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑުގައި އެކްސިޑެންޓު ހިނގީ މާންދޫ ގުޅުވައިދޭ ހިސާބުންނެވެ.

މި އެކްސިޑެންޓުގައި މަރުވީ ލ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، މަގުގެ އެއްފަރާތުގައި ޖެހިގެން ކަމަށެވެ.

ނައުޒަމް މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.

އެކްސިޑެންޓު ހިނގީ ލިންކު ރޯޑުން ދުއްވާފައި ގޮސް މާންދު އަށް ލަނބާލާ ހިސާބުން އޮންނަ ބެންޑުގަ އެވެ. އެ ސަރަހައްދުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ.