27 ފެބުރުއަރީ 2019
ފަހަކަށް އައިސް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އަންނަ މަހު ނޭޕާލުގައި ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ފަހަކަށް އައިސް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އަންނަ މަހު ނޭޕާލުގައި ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
މިދިޔަ އަހަރަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ގިނަ ކުރިއެރުންތަކެއް ހޯދި އަހަރެކެވެ. އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އާއި 2020 ވަނަ އަހަރުގެ އޮލިމްޕިކް ކޮލިފައިންގައި ހޯދި ތަޖުރިބާގެ އަލީގައި ނޮވެމްބަރު މަހު ސިންގަޕޫރުގައި އޮތް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމު ހޯދި އެވެ. މިއީ އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ސާފްގެ ތައްޔާރީތަކާ ބެހޭގޮތުން އާތީ "މިހާރަ"ށް ބުނީ ހާއްސަ އަމާޒަކާ އެކީ މިދިޔަ އަހަރުން ފެށިގެން އެންމެ އިސްކަމެއްގެ ގޮތުގައި ސާފަށް ތައްޔާރުވި ކަމަށެވެ.
"މިދިޔަ އަހަރު ކުޅެވުނު މުބާރާތްތަކުން އޭޝިއަން ގޭމްސް އާއި އޮލިމްޕިކް ކޮލިފައިން އާއި ސިންގަޕޫރު މުބާރާތާއި ބަހްރޭން ކޭމްޕާއި މި ހަމަ ވަރަށް ސަޕޯޓެއް ލިބޭނެ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން. ތައްޔާރީތައް މިދިޔައީ ވަރަށް ފުރިހަމަ އަށް. ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް މި އުއްމީދުކުރަނީ،" އާތީ ބުންޏެވެ.
މީގެ ކުރިން ގައުމީ އަންހެން ޓީމު މުބާރާތްތަކަށްދާއިރު ގެންގުޅުނު އެއް ވިސްނުމަކީ ފެންވަރުގެ ގޮތުން ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭތީ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރުމުގެ ވިސްނުމެވެ. އެކަމަކު ފަހަކަށް އައިސް ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް ވެސް އަންހެން ޓީމު އަންނަނީ ރަނގަޅު ޗެލެންޖެއް ދެމުންނެވެ.
އެކަމަށް ބާރު ލިބެނީ މިދިޔަ އަހަރު އިންޑޮނީޝިއާއާ ދެކޮޅަށް ނެރުނު ނަތީޖާތަކެވެ. އޮގަސްޓް މަހުގައި އޮތް އޭޝިއަން ގޭމްސްގައި އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވިއިރު، ނޮވެމްބަރުގެ ކުރީކޮޅުގައި އޮލިމްޕިކް ކޮލިފައިންގައި އިންޑޮނީޝިއާއާ ވާދަކޮށް ބަލިވީ 3-1 އިންނެވެ. އެކަމަކު ސިންގަޕޫރު މުބާރާތުގައި ވަނީ ޕެނަލްޓީ ޖަހައިގެން އެ ޓީމު ބަލިކޮށްފަ އެވެ.
ނޭޕާލުގައި އަންނަ މަހު 12-22 އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. އާތީ ބުނީ އަމާޒަކީ ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.
"މުބާރާތަކަށް ކޮންމެ ޓީމެއް ވެސް ތައްޔާރުވާނީ އޭގެ އެންމެ މައްޗަކަށް ދިއުމަށް. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އަޅުގަނޑުމެންގެ ޓާގެޓަކީ އެންމެ ކުޑަމިނުން ފައިނަލެއް ކުޅެލުން. އެކަމަކު އަޅުގަނޑުމެންގެ ފިރިހެން ޓީމު ވެސް އަހަރެމެންގެ ފަހަރު ކިޔާފައި ދިޔަޔަސް 10 އަހަރުން އެންމެ ފަހަރަކު މި ރީޗް ކުރެވެނީ އެ ހިސާބަށް. މިއީ ނަތީޖާތައް ދައްކާ ގޮތް،" ކުރިން ގައުމީ ފިިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އާތީ ބުންޏެވެ.
ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެންގެ ކުޅުންތެރިންގެ ގައިގައި އެ ހިތްވަރު އެބަހުރި. ކޯޗިން ސްޓާފުން މި ތިބީ އެ ގޮތަށް ރެޑީ ވެގެން. ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ތައްޔާރަށް. އެކަމަކު ނަތީޖާ އަކީ ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެ އެއްޗެއްކަން ޖެހޭނީ ފުޓްބޯޅައިގައި ގަބޫލުކުރަން. އަމާޒަކީ ފައިނަލެއް ކުޅެލުން."
ގިނަ ގޮންޖެހުންތަކަކާ އެކު ވެސް އެފްއޭއެމުން އަންނަނީ އަންހެން ފުޓްބޯޅަ ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އުމުރުފުރާގެ އަންހެން ޓީމުތައް އެކުލަވާލުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ގޮތުން 19 އަހަރުން ދަށުގެ ގައުމީ ޓީމެއްގެ މަސައްކަތްތައް ފެށިއިރު، ދާދި ފަހުން ވަނީ އަންހެން އެކެޑަމީއެއް ވެސް ފަށައިފަ އެވެ.
އާތީ ބުނީ މިހާރު އަންހެން ފުޓްބޯޅައިގައި މިސްރާބު ދަނީ ރަނގަޅަށް ކަމަށާއި ބިންގަލެއް އެޅުނު ކަމުގައި ވިޔަސް މަސައްކަތް ކުރަން ޖެހެނީ އެހެން ގައުމުތަކާއި ހިލާފަށް އެހެން ގޮތަކަށް ކަމަށެވެ. އެއީ ގައުމީ ޓީމުތަކެއް އޮވެފައި ދެން މިހާރު އޮތީ އެކެޑަމީއެއް ކަމަށާއި އޭގެ ދެމެދުގައި މުބާރާތް ބޭއްވުމާއި އެހެނިހެން މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް ބުންޏެވެ.
"ފުރަތަމަ ވެސް އަޅުގަނޑު މެންނަށް ފެށިފައި މީނީ ޕިރަމިޑް އެކޮޅުކޮޅުން. އެއީ ފުރަތަމަ ވެސް ޓޮޕުން ފެށިފައި މިވަނީ. ކޮންމެ އެއްޗެއް ވެސް އަސްލު ފަށަން ޖެހޭނީ ބިންގަލަކުން. އެ ގޮތުން މިހާރު އަޅުގަނޑުމެންނަށް ބިންގަލެއް މި އެޅުނީ. އެއީ އެކެޑަމީއެއް ފެށުން. ގްރާސްރޫޓުގެ ފައުންޑޭޝަނެއް މި އެޅުނީ. އޭގެ މަތިން އަޅުގަނޑުމެންގެ ގައުމީ ޓީމާއި 19 އަހަރުން ދަށުގެ ޓީމު އެބައޮތް. އެހެން ގައުމުތަކާ ހިލާފަށް އަޅުގަނޑުމެންގެ ޕިރަމިޑް މި ބައްދަން ޖެހެނީ ޕިރަމިޑްގެ މަތިން ފެށިގެން ތިރިއަށް. މިހާރު ޓޯޓަލް ފޯކަސް މިއޮތީ އެކަމަށް،" އާތީ ބުންޏެވެ.
އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ މަސައްކަތަށް ބޭރުގެ ހާއްސަ އެހީ ވެސް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުން ކަމަށް އޭރު ކްލަބްތަކުން ބުންޏެވެ.
މި ފަހަރުގެ ސާފަށް ފަހު އާތީ އަންހެން ޓީމުގެ މަގާމު ދޫކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވާނެ އެވެ. އާތީ ބުނީ އޭނާ އަކީ އަބަދުވެސް އެއިރެއްގައި ކުރަން އޮންނަ މަސައްކަތަށް ވިސްނައި އެކަމެއް އެންމެ ފުރިހަމަ އަށް ކުރާ މީހެއް ކަމަށެވެ. އެހެންކަމުން މި ވަގުތު ފޯކަސް އަކީ އަންހެން ޓީމު ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްކޮށްދިނުން ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު އާތީ (ވ) އާއި އެސިސްޓަންޓް ކޯޗު އާފިއު (މ) އަދި ފިޒިކަލް ޓްރެއިނަރު މުއީނާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި މުބާރާތަށް ފަހު އެހެން ކްލަބަކާ ހަވާލުވިޔަސް، ކްލަބެއް ނޫން ފުޓްބޯޅަ ނޫން އެހެން ފީލްޑަކަށް ދާން ވިޔަސް އަޅުގަނޑު މެކްސިމަމް އަށް ވޯކްކުރާނަން. އަޅުގަނޑުގެ ކެޕޭސިޓީގައި ހުރި މެކްސިމަމްއެއް އަޅުގަނޑު ދޭނަން. ޕްލޭޔަރުންނާއި ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ދޭނެ. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ ދިވެހި ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ގައުމީ އަންހެން ޓީމު މި ފަހަރު ނެރެދޭނެކަމަށް،" އާތީ ބުންޏެވެ.
އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް މުބާރާތުގައި ރާއްޖެ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަަހަރު ސެމީގައި ބަންގްލަދޭޝާ ވާދަކޮށް ބަލިވީ 6-0 އިންނެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅޭނީ ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމަށް ފަހު އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާޗް 13 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. އަދި 15 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ
ޔޫއޭއީ މެޗުތަކުން ގައުމީ އަންހެން ޓީމަށް ކުރިއެރުން
ފަދުވާގެ ހެޓްރިކުން ރާއްޖޭން ލަންކާ ބަލިކޮށްފި
ސާފް އަށް ތައްޔާރުވާން އަންހެން ޓީމު ޔޫއޭއީ އަށް
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
ރަޝިއާ އިން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަނީ
ރާއްޖެ ވާދަކުރާނީ މިޔަންމާ، އީރާން އަދި ބަންގްލަދޭޝްއާ
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި