07 ސެޕްޓެމްބަރ 2022
ކްލަބް ފުޓްބޯޅަ ސީޒަން ނިމި، މިހާރު ގައުމީ ޓީމުތައް ކުރިމަތިލާފައި މިވަނީ އިންޓަނޭޝަނަލް މުބާރާތްތަކަށެވެ.
ކްލަބް ފުޓްބޯޅަ ސީޒަން ނިމި، މިހާރު ގައުމީ ޓީމުތައް ކުރިމަތިލާފައި މިވަނީ އިންޓަނޭޝަނަލް މުބާރާތްތަކަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ރާއްޖޭން މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ވާދަ ކުރާނެ އެވެ. ސާފް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ވެސް މިއަދު ރާއްޖޭގެ ޓީމު ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގައި ވެސް މި މަހު، ރާއްޖޭގެ ޒުވާން ޓީމު ވާދަކުރާނެ އެވެ. ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެއިން ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ޓީމަށް، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޮތް ޗެލެންޖު ބޮޑެވެ. މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝް އަކީ އަންހެން ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ.
ދެން މި ގުރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އެވެ. ދެން އޮތީ ފީފާ ސަސްޕެންޝަނުން ސަލާމަތްވެ ފުޓްބޯޅައިގެ ފުރަތަމަ މުބާރާތުގައި ވާދަކުރާ ޕާކިސްތާނެވެ. ދެކުނު އޭޝިއާގެ ނިސްބަތުން ބަލާއިރު ޕާކިސްތާނަކީ ވެސް އަންހެން ފުޓްބޯޅައިގައި ވަރުގަދަ ޓީމެކެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ސާބިއާގެ ޑޭވޯ ބާބާ ހަމަޖެއްސިކަން ޖެނުއަރީ މަހު އެފްއޭއެމުން އިއުލާން ކުރި އެވެ. އޭނާ އާއެކު އެއްބަސްވީ އެއް އަހަރު ދުވަހަށެވެ. ރާއްޖޭގެ ކޯޗުގެ ގޮތުގައި އޭނާގެ ނަން ޖެނުއަރީ މަހު އިއުލާން ކުރި ނަމަވެސް ޓްރާންސްފާ މާކެޓް ޑޮޓް ކޮމްގައި ބުނާ ގޮތުން މިދިޔަ އަހަރު ޖޫން މަހު އޭނާ އާއެކު އެފްއޭއެމުން ވަނީ އެއްބަސްވުން ހަދައިފަ އެވެ. އޭރު ހެދި އެއްބަސްވުމުގައި ވާގޮތުން މި އަހަރު ޖޫން މަހު އޭނާގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން، ލަންކާގައި ކުރިއަށް ގެންދިޔަ ފަރިތަކުންތަކުގެ ތެރެއިން: އެ މުބާރާތުގައި މިއަދު ރާއްޖެއިން ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮލަށް --- ފޮޓޯ: އެފްއޭއެމް
ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ޓީމަށް އިރުޝާދު ދޭނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. ނޭޕާލްގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ ބޫޓާންގެ މައްޗަށް 4-0 ން މޮޅުވެފަ އެވެ.
ދިވެހި ލީގާއި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް އެކު އެކީގައި ދިއުމުން ގައުމީ އަންހެން ޓީމަށް ޕްރެކްޓިސް ކުރަން އެންމެ ރަނގަޅު މާހައުލެއް ލިބިފައި ނެތްކަން އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިން ފާހަގަ ކުރައްވައިފަ އެވެ.
ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ ލަންކާގަ އެވެ. ގުރޫޕް ބީ ގައި ހިމެނެނީ އިންޑިއާ އާއި ބޫޓާން އަދި ނޭޕާލެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އާއި އުޒްބެކިސްތާން ހިމެނެނީ ގުރޫޕް އޭ ގަ އެވެ. އެ ގުރޫޕްގެ މެޗުތައް ކުރިއަށް ދާނީ ސައުދީ އަރަބިއާގަ އެވެ. ރާއްޖެ އާއި އުޒްބެކިސްތާން އަދި ސައުދީ އަރަބިއާގެ އިތުރުން ދެން އެ ގުރޫޕްގައި ހިމެނެނީ ޗައިނާ އާއި މިޔަންމާ އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސައުދީ އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި މި މަހު 14 ވަނަ ދުވަހު ނުކުންނާނީ ޗައިނާ އާ ދެކޮޅަށެވެ. ފަހު މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ މިޔަންމާ އާ ދެކޮޅަށެވެ.
އަންހެން ޓީމާއި ޖޫނިއާ ފިރިހެން ޓީމުތަކަށް ފަހު، ފިރިހެން ސީނިއާ ޓީމަށް މި މަހު އޮތީ ބުރުނާއީ ދާރުއްސަލާމްގައި ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެކެވެ. އެ މެޗުތަކުގައި ރާއްޖެ އާއި ބުރުނާއީގެ އިތުރުން ދެން ވާދަކުރާނީ ލާއޯސް އެވެ.
ބައްސާމް ކުރިން ވިދާޅުވީ އެ މުބާރާތް ބޭނުން ކުރާނީ 2027 ގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ވާ ތައްޔާރީއެއްގެ ގޮތުން ކަމަށެވެ. އެހެންވެ ބުރުނާއީގެ މެޗުތަކަށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ސީނިއާ ޓީމުގައި ހިމެނުމަކީ ބައްސާމްގެ ވިސްނުމެވެ.
އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕު ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި އެ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު --- ފޮޓޯ: އެފްއޭއެމް
"ކޯޗާ ވެސް ހަވާލު ކުރާނީ ހަމަ ޒުވާން ޓީމަކާ އެއްކޮށް ކުރިއަށް ދިއުން. އެހެންވީމަ ވަރަށް ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް،" ބައްސާމް ވިދާޅުވެފައި ވެއެވެ.
"ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރަން. ބޭނުމަކީ މަޑުމަޑުން ޑިވޮލޮޕް ކުރަމުން ދިއުން. މި މެޗުތައް ކުޅުމުގެ ބޭނުމަކީ ވެސް އާ ކުޅުންތެރިން ފުރުސަތު ދީގެން މަޑުމަޑުން ޑިވްލޮޕް ކުރުން."
ބައްސާމް ވިދާޅުވީ އޮކްޓޯބަރު ނުވަތަ ނޮވެމްބަރުގެ ތެރޭގައި ވެސް ގައުމީ ޓީމު ޓްރޭނިން އަށް ކޭމްޕަކަށް ދިއުމަށް މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ސީނިއާ ޓީމު ވެސް ވަރަށް ބޮޑަށް ޒުވާން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކޭޕްމްގައި ވެސް އާ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އެންމެ ފަހުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅުނީ މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. މާލޭގައި ކުޅުނު އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ 2-0 އިންނެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ވަނީ އުޒްނެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އާ ދެކޮޅަށް އުޒްބެކިސްތާންގައި ކުޅެފަ އެވެ. ފަހު މެޗުގައި ލަންކާ އަތުން މޮޅުވިޔަސް ތައިލެންޑާއި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވެ އޭޝިއަން ކަޕުގެ ފުރުސަތު ރާއްޖެއަކަށް ނުލިބުނެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ ބުރުނާއީ އާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. ޗައިނާގައި 2004 ގައި ބޭއްވި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ބުރުގައި މާޗް 2003 ގައި ގަލޮޅު ދަނޑުގައި ބުރުނާއީ އާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. ރާއްޖޭގެ ފޯވާޑް އަދި އެފްއޭއެމްގެ މިހާރުގެ ނައިބު ރައީސް އަލީ އުމަރު 42 ވަނަ މިނެޓްގައި ރާއްޖެއަށް ލީޑް ނަގައި ދީފައި ވަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި ބުރުނާއީގެ ފަދްލިން ބިން ގަލަވަތު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ލާއޯސް އާ ދެކޮޅަށް ދެ ފަހަރު ރާއްޖޭން ކުޅުނެވެ. އޭޝިއަން ކަޕް 2019 ގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގެ ފުރަތަމަ ލެގް މެޗުގައި ލާއޯސް އާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 4-0 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އާއި ހުސައިން ނިޔާޒު މުހައްމަދު (ބޮކުރީ) އެވެ.
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
އަންހެން މުބާރާތެއް ނެތް، އެކަމަކު ޓީމާ މެދު އުއްމީދު
ސަމޫހްގެ ވޯޓު މެސީ އަށް، ލިޒީގެ ވޯޓު މޯގަން އަށް
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
އަންހެން ޓީމާއި ފިރިހެން ޓީމަށް ދެރަ ނަތީޖާއެއް
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރިނުވާނެ
ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް