Roadha Mihaaru
ފަތުހުﷲ ގުލަން ހައްޔަރުކުރުމުގެ އަމުރު ތުރުކީން ނެރެފި

ފަތުހުﷲ ގުލަން ހައްޔަރު ކުރުމުގެ ކޯޓު އަމުރު ތުރުކީން ނެރެފި

05 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 5) - އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަން ހައްޔަރު ކުރުމަށް އިސްތަންބޫލްގެ ކޯޓަކުން އަމުރު ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 5) - އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަން ހައްޔަރު ކުރުމަށް އިސްތަންބޫލްގެ ކޯޓަކުން އަމުރު ނެރެފި އެވެ.

ތުރުކީ އަށް ދާދި ފަހުން ގެނައި ބަޣާވާތުގެ ފަހަތުގައި ވަނީ ގުލަން ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ތުރުކީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ގުލަންގެ މައްޗަށް އަމުރު ނެރުނީ ޖުލައި 15 ވަނަ ދުވަހު ބަޣާވާތް ކުރަން އަމުރުކުރީ އޭނާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ގުލަން އަނބުރާ ފޮނުވައި ދިނުމަށް ވެސް ތުރުކީން އެތަައް ފަހަރަކު ވަނީ އެމެރިކާގައި އެދިފަ އެވެ. އެކަމަކު ރަސްމީކޮށް އަދި އެމެރިކާ އަށް ހުށަހަޅައިފައެއް ނުވެ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ގުލަން ފޮނުވައި ދިނުމަށް ތުރުކީން ރަސްމީކޮށް ހުށަހަޅައިފި ނަމަ އެ ގައުމުގެ ޝަރުއީ ނިޒާމުގެ ތެރޭން އެކަމާ ވިސްނާނެ ކަމަށެވެ. އަދި ބަޣާވާތުގައި ގުލަން ބައިވެރިވިކަމުގެ ހެކި ހުށަހެޅުމަށް ވެސް އެމެރިކާ އިން ތުރުކީގައި ވަނީ އެދިފަ އެވެ. ގުލަން ވަނީ ބަޣާވާތާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

ބަޣާވާތް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ތުރުކީން މިހާތަނަށް ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ގުލަންއާ ކުޑަކޮށް ވެސް ގުޅުމެއް އޮތް މީހެއް ނަމަ ވަޒީފާ އިން ވަކިކޮށް އަދި އޭނާއާ ގުޅުން އޮންނަ މީޑިއާތައް ބަންދުކޮށް، ނޫސްވެރިން ހައްޔަރު ކުރުން ހިމެނެ އެވެ. ބަޣާވާތާ ގުޅިގެން މިހާތަނަށް ވަނީ 18،000 މީހުން ހައްޔަރުކޮށްފަ އެވެ.

ރައީސް އުރުދުޣާން ވަނީ ގުލަންއާ ގުޅިފައިވާ ވިޔަފާރިތައް ވެސް ބަންދުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ތުރުކީގެ ޗެމްބާ އޮފް ކޮމާސްގެ އިސްވެރިންނާ ބައްދަލު ކުރައްވާ އުރުދުޣާން ވިދާޅުވީ "އަތުގައި ލޭ ހޭކިފައިވާ މީހުންނާ" އެ ޖަމާއަތާ އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުންތައް ކަނޑާލާނެ ކަމަށެވެ.