10 އެޕްރީލް 2018
ދެކުނުގެ މަސްވެރިކަން އިންތިހާ އަށް ރަނގަޅުވެ، ބޭނި މަސްތަކެއް ކިރޭނެ ގޮތެއް ނުވެގެން އެތައް ޓަނުގެ މަހެއް ކަނޑަށް އުކާލައިފި އެވެ.
ދެކުނުގެ މަސްވެރިކަން އިންތިހާ އަށް ރަނގަޅުވެ، ބޭނި މަސްތަކެއް ކިރޭނެ ގޮތެއް ނުވެގެން އެތައް ޓަނުގެ މަހެއް ކަނޑަށް އުކާލައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުވަދު އަތޮޅުގައި މަސްވެރިކަން ކުރަމުން އަންނަ ލ. ގަމު ދޯންޏަކުން ވަނީ ކޫއްޑު އަށް ނުކިރިގެން އެތައް ޓަނުގެ މަސް ކަނޑަށް އުކާލައިފަ އެވެ. އެ ދޯނިން މަސް އުކާލާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ ދޯނީގެ އިތުރުން ގދ. ތިނަދޫ ދޯންޏަކުން ވެސް ބޭނި މަސްތަކެއް ނުކިރިގެން އިއްޔެ ރޭ އުކާލާފައިވާ ކަމަށް އެނގިފައިވެ އެވެ.
ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ ކޫއްޑު އާއި އެހެނިހެން ތަންތަނުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބިގެން ވެސް އެތައް ޓަނެއްގެ މަސް އެކި ދޯނިތަކުން އުކާލާފައިވާ ކަމަށެވެ.
"އެންމެ ބޮޑު މައްސަލައަކީ މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުން. މި ސަރަހައްދަށް މާ ދުރު އަތޮޅުތަކުން ވެސް ދޯނިފަހަރު އައިސް މަސްވެރިކަންކުރަން އެބައުޅޭ. އެހެންވެ އައިސްގެ ޑިމާންޑް ވަރަށް ބޮޑު،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވިއިރު، އައިސް ނުލިބުމާއި މަސްކިރޭނެ ޖާގަ އެކަށީގެންވާ މިންވަރަށް ނެތުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ކޫއްޑުއަށް ގޮސްގެން މަސްކިރަން ބަލާއިރު ވަރަށް ގިނަ ވަގުތު އެބަ ބޭނުންވޭ. އެހާ ގިނަ ވަގުތަށް މަޑުކުރެވެން އޮތީ އައިސް ލިބިގެން. އެހެން ނަމަވެސް އައިސްޕްލާންޓްތަކަށް އޮބިނޯންނަ ވަރަށް ދޯނިތައް ގަންނަން ކިޔޫ ހަދައިގެން ތިބޭ،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބަހައްޓަން އައިސް ހޯދަން އެކި ރަށްރަށުގައި ދޯނިފަހަރު ކިޔޫ ހަދަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވުމުން ބައެއް ދޯނިތަކުން 40-15 ޓަނާ ދެމެދުގެ އަދަދަކަށް މަސްބާނާ ކަމަށްވެ އެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވި މަސް ނުކިރޭ މައްސަލަ ކުރިމަތިވުމުން މިފްކޯ އިން ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު 150 ޓަނުގެ މަސް ކިރިއިރު، މިދިޔަ ތިން ދުވަހުގެ ތެރޭގައި އެވެރެޖްކޮށް 600 ޓަނުގެ މަސް ކިރުވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ދެކުނުން މަސް ކިރާ ކެޕޭސިޓީ އިތުރު ކުރުމަށް، އުތުރުގައި މަސް ކިރަން ހަރަކާތްތެރިވި އެ ކުންފުނީގެ "ކަލަމިންޖާ 402" ބޯޓް ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އަދި ގއ. ކޫއްޑޫ ގެ ކެޕޭސިޓީ އިތުރު ކުރުމަށް ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯ އިން ބުނީ ކުރިއާ އަޅާބަލާއިރު މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާއިރު 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
ކޫއްޑޫގައި ގިނަ ދޯނިފަހަރު އަނެއްކާ ވެސް މަސް ނުކިރި
900 ޓަނު މަސް ކިރުވަން 63 ދޯނި ކިއޫގައި!
މިފްކޯ އިން ދެކުނުގެ މަސްވެރިންނަށް ފައިސާ ދޫކުރަނީ
މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ: މިފްކޯ
ތިނަދޫން މަސްވެރިންނަށް އައިސް ނުލިބުނު
ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެއްޖެ
ދޯންޏަކުން މިފްކޯ އަށް ކިރުވޭނީ 2.5 ޓަނުގެ މަސް
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ