Roadha Mihaaru
ތިނަދޫން މަސްވެރިންނަށް އައިސް ނުލިބުނު

ތިނަދޫން މަސްވެރިންނަށް އައިސް ނުލިބިގެން އިހުތިޖާޖްކޮށްފި

09 އެޕްރީލް 2018

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައި ވަނިކޮށް، ގދ. ތިނަދޫން މަސްވެރިންނަށް އައިސް ނުލިބިގެން ރޭ އިހުތިޖާޖްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައި ވަނިކޮށް، ގދ. ތިނަދޫން މަސްވެރިންނަށް އައިސް ނުލިބިގެން ރޭ އިހުތިޖާޖްކޮށްފި އެވެ.

ދެކުނުގައި މި ދުވަސްކޮޅު މަސްވެރިކަން އިންތިހާ އަށް ރަނގަޅުވުމުން އައިސްގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އެންމެ ޑިމާންޑް ބޮޑުވެފައި ވަނީ ތިނަދޫ އައިސް ޕްލާންޓަށެވެ.

ތިނަދު އަށް ރޭ އައިސް ގަންނަން ދިޔަ ގއ. ދެއްވަދޫ "ދަރުމަ" ދޯނިން ވާހަކަދެއްކި މީހަކު މިއަދު ބުނީ އައިސް ގަންނަ ތިނަދު އަށް އިއްޔެ މެންދުރު ދޭއް ޖެހިއިރު ދޯނި ގޮސް ރޭ 11 ޖަހަންދެން މަޑުކޮށްގެން އޮވެގެން ވެސް އައިސް ނުލިބުނު ކަމަށެވެ. އަދި ކިޔޫގައި މަޑުކޮށްގެން ތިއްބާ އެހެން މަސް ބާނައިގެން އައި ދޯންޏަކަށް އައިސް ދޫކުރުމުން މަސްވެރިން ހިތްހަމަނުޖެހިގެން އަޑުގަދަކޮށް ހެދި ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އަޅުގަނޑުމެން ވެސް މަޑުކޮށްގެން ތިބީ އަވަހަށް އައިސް ގަނެގެން މަހަށް ނައްޓާލަން. އެކަމަކު އަޅުގަނޑުމެން ކިޔޫގައި ތިއްބާ އެހެން ދޯންޏަކަށް އައިސް ވިއްކުމުން އެއްބަޔަކު ހިތްހަމަނުޖެހުނީ. އަޅުގަނޑު ވެސް ގަބޫލުކުރަން މަސް ހިފައިގެން އަންނަ ދޯންޏަކަށް އައިސް ލިބެން ޖެހޭނެ ކަމަށް،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ ދެކުނުގައި މި ދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ބޭނުންވާ ވަރަށް އައިސް ނުލިބިގެން އެތައް ބަޔަކު އެބައުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފަހުން އައިސް ނުލިބިގެން މަހަށް ވެސް ނުގޮސް މިއަދު ފަޅުގައި މިތިބީ. މިއަދު އައިސް ލިބޭނެ ކަމަށް އެބަ ބުނޭ،" އެ މީހާ ބުންޏެވެ.

އެ މީހާ ބުނީ ތިނަދޫން އައިސް ގަންނަން ރޭ ހަތަރު ދޯނި މަޑުކޮށްގެން އޮތް ކަމަށެވެ. އަދި އިތުރު ދޯނިތަކެއް ވެސް މިހާރު ތިނަދުއަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ ތިނަދޫގައި ތިބި މަސްވެރިން ހިތްހަމަނުޖެހުނީ 17 ޓަނުގެ މަސް ބާނައިގެން ދިޔަ ދޯންޏަކަށް އައިސް ދޫކުރުމުން ކަމަށެވެ.

"މަސް ބާނައިގެން އައި ދޯންޏަކަށް ކޮންމެ ގޮތެއް ވިޔަސް އިސްކަން ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެން ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން އެތަނުގައި ބައެއް މީހުން އަޑުގަދަކޮށް ހެދީ. ނަމަވެސް ފަހުން އެ މައްސަލަ ހައްލުކޮށް އެންމެންނަށް ވެސް އައިސް ދޫކުރި،" އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ މަސްވެރިންނަށް އައިސް ލިބުމުގައި ދަތިތަކެއް އުޅެނީ ކޫއްޑޫން އައިސް ލިބުމުގައި ޝޯޓޭޖެއް އައުމާ ގުޅިގެން ކަމަށެވެ.

"ހުރިހާ މަސްވެރިން އެއް ދިމާލަކަށް ދިޔައި އައިސް ލިބުމުގައި ދަތިތަކެއް އުޅޭނެ. ކޫއްޑޫ އައިސްޕްލާންޓުގެ ޕަވާ ފްރީޒިން ކެޕޭސިޓީއަށް ބަދަލުކުރިމަ އައިސް އުފެއްދުން ވަނީ މަދުވެފައި،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި ހުންނަ 50 ޓަނުގެ އައިސް ޕްލާންޓަކީ ދެކުނުގައި ހުރި އެންމެ ބޮޑު އައިސް ޕްލާންޓެވެ.

އަދުލީ ވިދާޅުވީ އެތަނުގެ ފުލް ކެޕޭސިޓީގައި އައިސް އުފައްދައި މަސްވެރިންނަށް ދޫކުރަމުން އަންނަ ކަމަށެވެ.

"މަސްތައް މިހާ ގިނަ އަދަދަކަށް ގެނައި އަޅުގަނޑުމެން މަސްކޮޅު ސަލާމަތްކުރަން ޕަވާ ފްރީޒިން ބަދަލުކުރީ އައިސްގެ ޝޯޓޭޖެއް އައީ. އެހެން ނަމަވެސް އެ މައްސަލަ ހައްލުކޮށް ކޫއްޑޫ އިން ވެސް އައިސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"މުޅި ހުވަދު އަތޮޅުގައި ހުރި ހުރިހާ އައިސް ޕްލާންޓެއް އެހެރީ ޖައްސާފައި. ނަމަވެސް ވަކިތަނަކަށް ހުރިހާ އެންމެން ގޮސް އައިސް ހޯދަން އުޅެފި ނަމަ އޭގެ ދަތިކަން ކުރިމަތިވެދާނެ."

އަދުލީ ވިދާޅުވީ ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ، އިއްޔެ ވެސް 600 ޓަނުގެ މަސް ކޫއްޑު އަށް ކިރާފައިވާ ކަމަށެވެ. އަދި ކޫއްޑޫގެ އޮޕަރޭޝަން މިހާރު 24 ގަޑިއިރު ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.