Roadha Mihaaru

ބޭނި ދެ ޓަނު މަސް ނުކިރި ކަނޑަށް އުކާލައިފި

އިއްޔެ މަހަށް ނުކުމެ ބޭނި މަސްތަކެއް ކިރުވޭނެ ގޮތެއް ނުވެގެން މ. ނާލާފުށިީގެ ދޯންޏަކުން ދެ ޓަނަށް ވުރެ ގިނަ މަސް ރޭ ކަނޑަށް އުކާލައިފި އެވެ.

ބޭނި ދެ ޓަނު މަސް ނުކިރި ކަނޑަށް އުކާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

08 ޖުލައި 2025

އިއްޔެ މަހަށް ނުކުމެ ބޭނި މަސްތަކެއް ކިރުވޭނެ ގޮތެއް ނުވެގެން މ. ނާލާފުށިީގެ ދޯންޏަކުން ދެ ޓަނަށް ވުރެ ގިނަ މަސް ރޭ ކަނޑަށް އުކާލައިފި އެވެ.

ވިންދު 1 ދޯނީގެ އޮޑިވެރިޔާ އިބްރާހިމް ހުސެއިން "މިހާރު" އަށް ބުނީ ދެ ޓަނާއި 600 ކިލޯގެ މަސް ކަނޑަށް އަޅާލީ ކިރުވޭނެ އެއްވެސް ގޮތެއް ނެތި ކުނިވެގެން ކަމަށެވެ.

އިބްރާހިމް ބުނީ، އިއްޔެ މަހަށް ނުކުމެ ދެ ޓަނަށް ވުރެ ގިނަ މަސް ބޭނުމަށް ފަހު، އެ އަތޮޅު މުލި ބޭރުގައި އޮތް މިފްކޯގެ ޖަޒީރާ ބޯޓަށް މަސް ކިރުވަން ދިޔައީ ހެނދުނު 10:00 ހާއިރު ކަމަށެވެ. ނަމަވެސް މަސް ކިރުވުން އެ ވަގުތު މެދުކަނޑާލާފައިވާ ކަމަށާއި ދެން އަލުން މަސް ކިރަން ފަށާނީ ހަވީރު ކަމަށް ބުނި ކަމަށް އިބްރާހިމް ކިޔައިދިނެވެ.

އައިސް ހޯދަން ތިން ދުވަހު މަޑުކުރަން ޖެހޭތީ އެ ދޯނިން ނިންމީ އައިސް ނާޅާ މަސް ބާނައިގެން ވަގުތުން ކިރާށެވެ.

"އައިސް އަޅަން ވެސް ކިޔުއެއްގައި ތިން ދުވަހު މަޑުކުރަން ޖެހޭ. އަތޮޅުގަ ހުންނަނީ ދެ ޕްލާންޓު. އޭގެން އެކަތިން އައިސް މި ލިބެނީ. އަނެއް އައިސްޕްލާންޓުން އައިސް ހޯދަން މަސައްކަތް ކުރިން، ނުލިބުނު،" އޭނާ ބުންޏެވެ.

މ. ނާލާފުށި، ވިންދު 1 ދޯނިން ބޭނި މަސްތައް ކަނޑަށް އުކާލަނީ.--

މ. ނާލާފުށި، ވިންދު 1 ދޯނިން ބޭނި މަސްތައް ކަނޑަށް އުކާލަނީ.--

މަސްވެރިކަމުން އާމްދަނީ ހޯދައިގެން އުޅޭތީ އެ ދޯނިން ނިންމީ އައިސް ނުލިބުނަސް މަސް ބާނަން ދާށެވެ. އެހެންވެ، ދެ ޓަނުގެ މަސް ބާނައިގެން ކިރުވަން ކިޔުގައި ޖެހުނީ އެވެ.

"އަޅުގަނޑުމެން މަސް ކިރަން އައިއިރު އޮތީ އެންމެ ދޯންޏެއް މަސް ކިރުވަން. އަޅުގަނޑުމެން ބުނިން އައިސް ނާޅާ ހުރި މަސް ކަމަށް ހުރީ، އަވަހަށް އެ ނުބައި ވާނެ ކަމަށް. ބުނީ ދެން މަސް ކިރޭނީ ހަވީރުއޭ،" އޭނާ ބުންޏެވެ.

"މަސް ކިރުވާ ކިޔުގައި އޮންނަ ގޮތަކީ ކިޔު ނަމްބަރެއް ނުދޭ. ފަހުން ބާނައިގެން އަންނަ މީހުން ޖެހޭނީ ދޯނިތަކުގެ އެންމެ ފަހަތަށް އަހަރަން. ކިޔުއިން ބޭރަށް ނިކުމެގެން ގޮސް އައިސް ޖެހޭނީ އެންމެ ފަހަތަށް އަރަން."

އެހެންވެ، ހަވީރު ހަތަރެއް ޖެހުމުން ހެނދުނުއްސުރެ ކިޔުގައި އޮތް ވިންދު ދޯނިން މަސް ނުކިރާ ފަހުން އައި ދޯނިތަކުން މަސް ކިރުވަން ފެށި ކަމަށް އިބްރާހިމް ބުންޏެވެ.

"ހަތަރު ދޯނިން ކިރި ފަހުން އަޅުގަނޑުމެންނަށް ޖެހުނީ. އެއް ދޯނިން ހަ ޓަނު މަސް، އަނެއް ދޯނިން ހަތަރު ޓަނު ކިރި. އަޅުގަނޑުމެންނާ ޖެހުނީމަ ބުނީ ބޯޓު އެއްކޮށް ފުލް ވެއްޖެއޭ، ދެން ނުކިރޭނެއޭ. އާދޭސް ކުރިން ކިރައިދޭތޯ. ބުނިން އަޅުގަނޑުމެން ކުރިން އައިސް ތިއްބާ ފަހުން އައި މީހުންގެ މަސް ކިރީ ކޮން އުސޫލަކުންތޯ،" އިބްރާހިމް ބުންޏެވެ.

އޭނާ ބުނިގޮތުގައި، ރޭ އަށެއް ޖަހަންދެން މަސް ކިރުވޭނެތޯ ސުވާލު ކުރުމުން ވެސް އިތުރަށް ނުކިރުވޭނެ ކަމަށް ބުނެފައި ވެ އެވެ. އެހެންވެ މަސްތައް ކުނިވާން ފަށާފައި ހުރުމުން މަސް ކިރުވާ ބޯޓާ ކައިރިއަށް ކަނޑަށް އުކާލީ އެވެ.

މަސް ކައްކާ ބަޔަކަށް ނުދިނީ ކީއްވެތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ ގިނައިރު ވެފައި ހުރުމުންނާއި އެފަދަ މަސައްކަތެއް ކުރާ ބަޔަކު ރަށުގައި ނޫޅޭ ކަމަށެވެ. އަދި މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން މަސް ގަންނާނެ ބަޔަކު ވެސް ނޫޅެ ކަމަށް އޭނާ ބުންޏެވެ.

"ބޯޓަށް މަސް ކިރަނީ 14ރ. ގެ ރޭޓުން. ކަނޑަށް އަޅާލަން ޖެހުނު މަހުގެ އަގަށް ބަލާ ނަމަ އެއީ 38،000ރ. ވަރަށް ބޮޑު ގެއްލުމެއް މިއީ،" އިބްރާހިމް ބުންޏެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަވެސް މަސް ނުކިރި ކަނޑަށް އުކާލަން ޖެހުމުން އެ ދޯނި މިއަދު މަހަށް ވެސް ނުދެ އެވެ.