Roadha Mihaaru
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!

މަސްވެރިން ކޮންޓްރޯލް ނަގައި އައްޑޫގެ އޮޕަރޭޝަން ހުއްޓުވައިފި

23 ޖޫން 2024

މަސްވެރިންގެ މުޒާރާ ހޫނުވެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ އޮޕަރޭޝަންތައް މިއަދު ހުއްޓުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސްވެރިންގެ މުޒާރާ ހޫނުވެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ އޮޕަރޭޝަންތައް މިއަދު ހުއްޓުވާލައިފި އެވެ.

އައްޑޫގެ މަސްވެރިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާއާ ގުޅިގެން މުވައްޒަފުންނަށް އޭއެފްސީގައި މަސައްކަތްތައް ކުރުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.

މިފްކޯ އިން ބުނީ މިއަދު ހަވީރު ހަތަރެއްގެ ފަހުން އޭއެފްސީގެ މުވައްޒަފުން އެ ތަނުން ނެރެ، އެ ސައިޓު އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު އައްޑޫގެ މަސްވެރިން ދީފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، ހުޅުމީދޫގައި ހިންގާ އޭއެފްސީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް، މުޒާހަރާ އަށް އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށާއި އެކަމަކު އެ ސަރަހައްދުގައި މުޒާހަރާ ކުރިއަށް ގެންދާ ނަމަ ކުންފުނީގެ އޮޕަރޭޝަނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

މިފްކޯގެ މުވައްޒަފުން ސްޓާފް ބިލްޑިން ބޭރުގައި ނިދާފައި -- ފޮޓޯ: މިފްކޯ

މިފްކޯގެ މުވައްޒަފުން ސްޓާފް ބިލްޑިން ބޭރުގައި ނިދާފައި -- ފޮޓޯ: މިފްކޯ

އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ސަރަހައްދުގައި އައްޑޫގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިއްޔެގެ މުޒާހަރާގައި މުވައްޒަފުންގެ ކެންޓީން ބަންދުކޮށްފައި ވަނިކޮށް، ކުޑަދޮރުން ވަދެ އެ ތަނުގައި ހުރި ފުޑް ސަޕްލައި މަސްވެރިން ވަނީ ބޭނުން ކޮށްފައި ކަމަށް މިފްކޯ އިން ބުންޏެވެ. އެކޮމޮޑޭޝަން ބްލޮކް ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން މުވައްޒަފުން ނިދަން ޖެހުނީ ބޭރުގަ ސަތަރި އަޅައިގެންނެވެ. ކަރަންޓު ކަނޑާލުމުގެ ސަބަބުން ފާހާނާ ވެސް ބޭނުން ކުރަން މުވައްޒަފުންނަށް ދަތިވެފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

ފުލުހުން އެދިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ރޭ އަލުން ކަރަންޓު ދިން ނަމަވެސް މަސްލަހަތު ގެއްލި އެ ތަނާއި މުދަލާއި މުވައްޒަފުންނަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު، ޖެހުނީ ކަރަންޓު ކަނޑާލާށެވެ.

އައްޑޫގެ މަސްވެރިން ނުކުމެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ދަތިކޮށް، ހަރުކަށި އަމަލުތައް ހިންގަން ފެށިއިރު، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރަން މުޒާހާރާގެ ބައިވެރިންގެ ކިބައިން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު ސުލްހަވެރިކަމާ އެކު، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

މުޒާހަރާގައި މަސްވެރިން ޑިމާންޑު ކުރަނީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާލާފައި ބެހެއްޓުމެވެ. އަނެއް ޑިމާންޑަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަަކަށް ދިނުމެވެ.

މިފްކޯ އިން ބުނީ މަސްވެރިންނަށް ދޭ ޖެހޭ ބާކީ ފައިސާ ވީ އެންމެ އަވަހަށް ކްލިއާ ކުރުމަށްޓަކައި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

މުވައްޒަފުން ބޭރުގައި ކަނީ -- ފޮޓޯ: މިފްކޯ

މުވައްޒަފުން ބޭރުގައި ކަނީ -- ފޮޓޯ: މިފްކޯ

މިދިޔަ ހަފުތާގައި ފާހަގަކުރި އަޟްހާ އީދަށް ބަންދުވުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ދޫކޮށްފަ އެވެ.

މިފްކޯ އިން ބުނީ، ފައިސާ ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސުލްހަވެރިކަމާ އެކު މަސްވެރިން އިހުތިޖާރު ކުރުމަށާއި އެ ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ދަތިވާނެ ގޮތަކަށް ކަންކަން ނުކުރުމަށް އެދިފައިވާނެ އެވެ.

އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އެ ތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިފްކޯއިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.