Roadha Mihaaru
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ

އައްޑޫގެ މަސްވެރިންނަށް މިފްކޯގެ އިންޒާރެއް: "އޮޕަރޭޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނަން"

23 ޖޫން 2024

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގައި އައްޑޫގެ މަސްވެރިން ކުރަމުންދާ މުޒާހަރާގައި އެ ތަނުގެ އޮޕަރޭޝަނަށް ހުރަސް އަޅާ ނަމަ ތިން މަސް ދުވަހުގެ މުއްދަތަށް ދޯނިތަކުން މަސް ގަތުން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު މިފްކޯ އިން މިއަދު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގައި އައްޑޫގެ މަސްވެރިން ކުރަމުންދާ މުޒާހަރާގައި އެ ތަނުގެ އޮޕަރޭޝަނަށް ހުރަސް އަޅާ ނަމަ ތިން މަސް ދުވަހުގެ މުއްދަތަށް ދޯނިތަކުން މަސް ގަތުން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު މިފްކޯ އިން މިއަދު ދީފި އެވެ.

އެ ކުންފުނިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަން ހުއްޓުވާފައިވާތީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތައް ހުރަސް އަޅާ ދޯނިތަކުން މަސްގަތުން ސަސްޕެންޑް ކުރާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

ހުޅުމީދޫގައި ހުންނަ އޭއެފްސީގައި އައްޑޫގެ ބައެއް ދޯނި ތަކުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭގޮތަށް އަމަލުތައް ބަހައްޓަމުން ގެންދާތީ މިކަން ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯގެ އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި މުވައްޒަފުން މުޒާހަރާ ކުރަނީ -- ފޮޓޯ: މިފްކޯ

މިފްކޯގެ އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި މުވައްޒަފުން މުޒާހަރާ ކުރަނީ -- ފޮޓޯ: މިފްކޯ

މުޒާހަރާގެ ބައިވެރިން ވަނީ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތާއި މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓުވައިފަ އެވެ.

މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ އަދި އެކަމޮޑޭޝަން ސަރަހައްދަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ނުދިނުމުން، ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ނިދީ އެ އިމާރާތުން ބޭރުގައި ސަތަރި އަޅައިގެންނެވެ. ކެއުމާއި ފާހާނާ ކުރުމަށް ވެސް ރޭގައި ވެސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.

މިއަދު ހަވީރު ހަތަރެއްގެ ފަހުން އޭއެފްސީގެ މުވައްޒަފުން އެ ތަނުން ނެރެ، އެ ސައިޓު އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު އައްޑޫގެ މަސްވެރިން ދީފައި ވެ އެވެ. ނަމަވެސް، އެ ސަރަހައްދުގައި އޭއެފްސީގެ މުވައްޒަފުން ފުލުހުންގެ ރައްކާތެރިކަމާ އެކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މުޒާހަރާގައި މަސްވެރިން ޑިމާންޑު ކުރަނީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށެވެ. އަނެއް ޑިމާންޑަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަަކަށް ދިނުމެވެ.

މިދިޔަ އަހަރު ނިމުނު އިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. މިފްކޯ އަށް މަސް ގަންނަނީ ކިލޯއަކަށް 8ރ. ގެ ގެއްލުމެއްގަ އެވެ.

މަސްދޯނިތަކުން މިފްކޯ އަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ އެހީގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މަސްވެރިންނަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ އެކީ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.