07 ނޮވެމްބަރ 2018
ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މަސް ކިރުވުމުން މިހާތަނަށް ނުދީ ހުރި ފައިސާ އެ ކުންފުނިން މަސްވެރިންނަށް ދޫކުރަން ފަށައިފި އެވެ.
ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މަސް ކިރުވުމުން މިހާތަނަށް ނުދީ ހުރި ފައިސާ އެ ކުންފުނިން މަސްވެރިންނަށް ދޫކުރަން ފަށައިފި އެވެ.
ގއ. ގެމަނަފުށީ މަސްވެރިއެއް ކަމަށްވާ މުހައްމަދު ސޯލިހު، "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ފައިސާ ނުލިބި ދެ ހަފުތާއެއްހާ ދުވަސް ހޭދަވުމަށް ފަހު ފައިސާ ބަލައި އަންނަން ކޫއްޑޫން މަސްވެެރިންނަށް އަންގާފައިވާ ކަމަށެވެ.
"ކުރިން އާއްމު ގޮތެއްގައި ދެދުވަހުން ތިން ދުވަހުން ފައިސާ ލިބޭނެ. ދެން ފަހުން ހަފުތާއަކުން ހަފުތާއަކުން ލިބެމުން އައީ. އެކަމަކު މި ފަހަރު ތަންކޮޅެއް ދިގުލައިގެން ދިޔައީ ފައިސާ ލިބުން. މިހާރު އަންގައިފި ފައިސާ ބަލާ އެތަނަށް ދާން،" ސޯލިހު ބުންޏެވެ.
މިފްކޯ އިން އިއްޔެ ބުނީ ގަނޑުކުރި ރޯމަހުގެ އަގު، ދުނިޔޭގެ ބާޒާރުގައި ވަރަށް ދަށުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ ކުންފުންޏަށް ކުރިމަތިވި މާލީ ދަތިކަން އަދިވެސް ހައްލުނުވާ ކަމަށެވެ. މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އަދުލީ އިސްމާއީލް ވިދާޅުވީ ރޯމަހުގެ އަގު ދަށްކަމުން ވެލިއު އެޑެޑް އުފެއްދުންތައް އިތުރުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެންވެ، ކޭޝް ފްލޯ ދަށްވެފައިވާ ކަމަށެވެ.
"ފްރޯޒަން ވެއްޖެއްޔާ، ފައިސާ ލިބޭ އެޑްވާންސްކޮށް ވެސް. އެހެންވީމާ ކޭޝްފްލޯ އަށް ތާށްޓެއް ނުވާނެ. އެކަމަކު ދަޅުގައި ބަންދުކުރި މަހަށް އަގު މި ލިބެނީ އެންމެ ކުޑަމިނުން ރާއްޖޭން ފުރުވާލާ ހިސާބުން. އޯޑަރު ނަގަން ޖެހޭ ތިން މަސްދުވަސް ކުރިން. ދެން ދަޅު ބަންދުކުރަން ބޭނުންވާ ތެލާއި ދަޅު ހަދަން ބޭނުންކުރާ މެޓީރިއަލް ގަތުމަށް އަދި މަސް ގަތުމަށް ވެސް ފައިސާތަކެއް އެ ހުންނަނީ ބަންދުވެފައި،" ތާށިކަން އަންނަ ގޮތް ތަފުސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް އެ ކުންފުންޏަށް ކުރިން ހަމަޖައްސައިދީފައިވާ 50 މިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން މިހާތަނަށް ދޫނުކޮށް އޮތް 25 މިިލިޔަން ރުފިޔާ ދޫކުރަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ފިނޭންސުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިފްކޯ އަށް ހަމަޖައްސައިދިން ލޯނުގެ ތެރެއިން 25 މިލިޔަން ރުފިޔާ މިދިޔަ ދެ މަހު އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. ބާކީ 25 މިލިއަން ރުފިޔާ ކުރި އަށް އޮތް ތިން މަހުގެ ތެރޭގައި ދޫކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި އެ ލޯނަކީ މަސް ގަތުމަށް އެހީތެރިވުމަށް އުފައްދާފައިވާ 100 މިލިޔަން ރުފިޔާގެ ފަންޑަށް ސަރުކާރުން ލާފައިވާ 50 މިލިޔަން ރުފިޔާ އެވެ. ލޯނު ދިނުމަށް ފިނޭންސުން މިފްކޯއާ އެކު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. އެ އަށް ފަހު، ސެޕްޓެމްބަރުގައި 15 މިލިޔަން ރުފިޔާ އަދި އޮކްޓޯބަރުގައި 10 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދޫކޮށްފަ އެވެ.
މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލު ކޮށްދިނުމަށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 140 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ފޯރުކޮށްދީފައިވާ ކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ވެސް މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތަކެއް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި އެ ކުންފުނިން ޕްރޮސެސްކުރާ މަހުގެ އަދަދު ދުވާލަކު 50 ޓަނަށް އިތުރުކުރުން ހިމެނެ އެވެ. އަދި މިފްކޯ އިން އުފައްދާ ހުރިހާ އުފެއްދުމަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ 12 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުގެ ކަންތައްތައް ހަމަ ޖައްސައި އެ ކުންުފުންޏަށް އަންގާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
"...ސަރުކާރުން މިހާތަނަށް ވެސް މަސައްކަތް ކޮށްފައި ވާނީ މިފްކޯ އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއްގެ ގޮތުގައި ހެދުމަށެވެ. މިފްކޯއަކީ ވިޔަފާރިކުންފުންޏެއް ކަމުން ސަރުކާރުން އެހީތެރިވުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ހުންނާތީ އެ އުސޫލުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދީފައި ވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިފްކޯ އަށް މާލީ ދަތިކަން ކުރިމަތިވެ މަސްވެރިންނަށް އަގު ދިނުން ލަސްވާކަމުގެ ޝަކުވާ ރާއްޖޭގެ ދެކުނުގެ މަސްވެެރިން އަންނަނީ ކުރަމުންނެވެ.
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!