Roadha Mihaaru
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ

މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ

31 ޖެނުއަރީ 2017

ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސް ކިރުވާ ތަންތަނަށް ބާރު ބޮޑު ވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސް ކިރުވާ ތަންތަނަށް ބާރު ބޮޑު ވެއްޖެ އެވެ.

ބައެއް މަސްވެރިން މިއަދު ބުނި ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު، ވަކިން ހާއްސަކޮށް ރާއްޖޭގެ ދެކުނަށް މި ދުވަސްވަރު ވަނީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ވެފަ އެވެ. އުތުރުގެ މަސްވެރިކަން ވެސް ރަނގަޅުވަމުން އަންނަ އިރު، މި ދުވަސްވަރު އެންމެ ގިނައިން މަސް ބޭނެނީ ހުވަދު އަތޮޅުން ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

މަސްވެރިކަން ރަނގަޅުވުމާ އެކު، މަސް ކިރުވުމުގައި ދަތިކަމެއް ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބާރު ބޮޑުވެފައި ވަނީ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާ އަށެވެ. ކޫއްޑު އަށް ދާ ބައެއް ދޯނިތަކުގެ މަސް ނުކިރުވި، އައިސް އަަޅައިގެން އަނބުރާ ދާން ޖެހޭ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ބައެއް މަސްވެރިން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަސްވެރިކަން މި ދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވެ، ކޫއްޑު އަށް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ. ދުވާލަކު 150 ޓަނުގެ މަސް ކިރުވޭ ކުއްޑު އަށް މިހާރު 200 ޓަނަށް ވުރެ ގިނައިން ލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންވެ، ދެ ގޮތަކަށް އަމަލުކުރަމުން އަންނަ ކަމަށް އަދުލީ ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ކޫއްޑު އަށް އަންނަ ބައެއް ދޯނިތައް ޖާގަ ހުރި އެހެން ދިމަދިމާލަށް ފޮނުވުމާއި މަދުން މަސް ގެންނަ ދޯނިތަކަށް އައިސް ދީ، ޖެހިގެން އަންނަ ދުވަހު މަހަށް ނުކުތުމަށް ފަހު އަނެއްކާ ވެސް މަސް ކިރުވަން އައުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

"އެއްވެސް ދޯންޏެއް މަސް ނުކިރުވިއެއް ނުދާނެ. ތެދެއް، މި ދުވަސްވަރު ވަރަށް ބާރު ބޮޑު. އެހެންވީމަ، މަސް ކިރުވޭނެ ގޮތްތައް ހަދައި ދެވޭތޯ މި ބަލަނީ،" އަދުލީ ވިދާޅުވި އެވެ.

ކޫއްޑޫގެ އިތުރުން، އައްޑޫގައި ބަނދަރުކޮށްފައި އޮންނަ ފަސްދޮޅަހަކަށް ޓަނުގެ ކެޕޭސިޓީގެ ބޯޓާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަތަރު ބޯޓާ އެކު، މިފްކޯގެ ޖުމްލަ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް 340 ޓަނެވެ.

އަދުލީ ވިދާޅުވީ މަސް ކިރުވަން ދިއުމުގެ ކުރިން މިފްކޯއާ ގުޅުމުން ޖާގަ ހުރި ދިމާލެއް ދޯންޏަށް އަންގާނެ ކަމަށާއި، އެހެންވެ ކޫއްޑު އަށް މަސް ނުކިރުވުނަސް، އައްޑު އަށް ނުވަތަ ބޯޓަކަށް މަސް ކިރުވޭނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ކޫއްޑު އަށް މަސް ކިރުވަން ރޭ ދިޔަ ބައެއް ދޯނިތަކުން ފުރަތަމަކޮޅު ޝަކުވާ ކުރިޔަސް، އޭގެ ތެރޭން ބައެއް އައްޑު އަށް އަދި ބާކީ ދޯނިތަކަށް އައިސް ފޯރުކޮށްދިނުމުން އެ މައްސަލަ ހައްލުކުރެވުނު ކަމަށެވެ.

"އެކަމަކު، މިވާ ގޮތަކީ އައިސް ޕްލާންޓެއްގައި ވެސް ވަކި ކެޕޭސިޓީއެއް މި ހުންނަނީ. މިސާލަކަށް، ކޫއްޑު އާއި [ގދ.] ތިނަދޫގައި ހުންނަ ބޮޑު ދެ ޕްލާންޓުން ކޮންމެ ތަނަކުން ފަހަރަކު 50 ޓަނު އައިސް މި އުފެއްދެނީ. އެހެންވީމަ، ދޯންޏަކަށް ތިން ޓަނު އައިސް ދޭ އިރު، އެއްފަހަރާ 50 ދޯންޏަށް އައިސް ދޭން އުނދަގޫވާނެ،" އަދުލީ ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމަކީ ކޮމިއުނިކޭޝަން. ކެޕޭސިޓީ ހުރި ތަންތަނާއި އައިސް ލިބެން ހުރި ސަރަހައްދުތައް ދުރާލައި ބެލުން."

އަދުލީ ވިދާޅުވި ގޮތުގައި މިފްކޯގެ މުވައްޒަފުންނަށް ވެސް ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ. އެ ގޮތުން، ދޯނިތަކުން މަސް ކިރުވުމުން، މަހުގެ ބާވަތްތައް ވަކިކޮށް، ސާފު ކުރުުމަށް ފަހު، މިފްކޯގެ ސްޓޯރޭޖަށް ލާން ޖެހޭ ކަމަށާއި އެ ކަމަށް ވެސް ވަރަށް ގިނަ ވަގުތު ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭގައި ވެސް އަޅުގަނޑުމެންގެ މުވައްޒަފުން ފަތިހު 4:30 ހާއިރު ނިދީ. އަނެއްކާ މިއަދު ހެނދުނު 8:00 މަސައްކަތަށް ނުކުމެގެން އެ އުޅެނީ،" އަދުލީ ވިދާޅުވި އެވެ.

މިދިޔަ އަހަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެ ގޮތުން، މިދިޔަ ރޯދަ މަހަކީ މިފްކޯގެ ތާރީހުގައި ވެސް މަސްވެރިކަން އެންމެ ދަށަށް ދިޔަ ދުވަސްވަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މަސްވެރިކަން ދަށްވުމާ އެކު، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭން ބޭރު ކުރާ މުދަލުގެ ނިސްބަތް ވެސް ވަރަށް ބޮޑަށް ދަށް ވި އެވެ.