Roadha Mihaaru
ކޫއްޑޫގައި ގިނަ ދޯނިފަހަރު އަނެއްކާ ވެސް މަސް ނުކިރި

ކޫއްޑޫގައި ގިނަ ދޯނިފަހަރު އަނެއްކާ ވެސް މަސް ނުކިރި ކިޔޫގައި

20 ސެޕްޓެމްބަރ 2022

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން ރަނގަޅުވެ، މަސް ނުކިރިގެން ގއ. ކޫއްޑޫގައި މަސްވެރިން ކިއޫގައި ތިބެން ޖެހިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން ރަނގަޅުވެ، މަސް ނުކިރިގެން ގއ. ކޫއްޑޫގައި މަސްވެރިން ކިއޫގައި ތިބެން ޖެހިއްޖެ އެވެ.

ގއ. ގެމަނަފުށި އުދަރެސް ދޯނީގެ ކެޔޮޅު މުހައްމަދު ޝިނާޒު ބުނީ، ރޭ ކިޔޫ ނަންބަރު ނަގައިގެން އަދިވެސް މަސް ކިރޭ ގޮތް ނުވާ ކަމަށެވެ. އޭނާ ބުނީ ކިޔޫގައި އެއް ދުވަސް މިހާރު ތިބެން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކޫއްޑޫގެ ކެޕޭސިޓީގައި 400 ޓަނު އުޅޭ އިރު އެތަނުން ކިރަނީ މަދުން ކަމަށެވެ. އެހެންވެ، ކެޕޭސިޓީ ވަރަށް އަވަހަށް ފުލްވެ، އަނެއް ދުވަހަށް މަޑުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ވެސް ފަންސާހަކަށް ދޯނި ކިޔޫގައި އެބައޮތް. މިއީ ހަމަ ކޮންމެ އަހަރު ވެސް ވެރިކަން ރަނގަޅުވާ ދުވަސްވަރަކު މަސްވެރިން އުޅޭ ހާލު،" އޭނާ ބުންޏެވެ.

މަސް އަވަހަށް ނުކިރޭ އިރު މަސް ރަނގަޅު ކޮލިޓީގައި ބަހައްޓަން އައިސް ނުލިބުމަކީ މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ބުންޏެވެ.

އެ އަތޮޅުގެ އައިސް ޕްލާންޓް ހުންނަ ގިނަ ރަށްރަށުން މިހާރު އައިސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އެ އަތޮޅު ފިޔޯރީ، ފަރެސްމާތޮޑާ، ދާންދޫ، އަދި ކޮލަމާފުއްޓާއި ދެއްވަދޫން ވެސް މިހާރު އައިސް ނުލިބެ އެވެ. އެ ސަރަހައްދުން މިހާރު އައިސް ލިބެނީ ހަމައެކަނި ގެމަނަފުއްޓާއި ތިނަދޫންނެވެ. ޝިނާޒު ބުނީ، މަސްވެރިންނަށް ދުވާލެއްގެ މައްޗަށް 15 ވަރަކަށް ޓަނު އައިސް ބޭނުންވާ އިރު އެ ނުލިބޭތީ، މަސް ކިރުވަން އުނދަގޫ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޯކޭ ކިތަންމެ ކުޑަ އަގެއްގައި ވެސް މަސް ކިރެނިކޮށް. އެކަމަކު އަބަދުވެސް އޮންނަނީ މަސް ނުކިރިފައި،" އޭނާ ބުންޏެވެ.

ގއ. ނިލަންދޫ މަސްވެރިޔާ އަލީ ރަޝީދު ބުނީ، އިއްޔެ ހެނދުނު ކިޔޫގައި ޖެހިގެން މަސް ކިރޭ ގޮތްވީ މިއަދު ހެނދުނު ކަމަށެވެ. އެހެން ނަމަވެސް، މަހުގެ ކޮލިޓީ ދަށް ކަމަށް ބުނެ، ކޫއްޑޫން މަސް ނުކިރުނު ކަމަށް އޭނާ ބުންޏެވެ.

"އައިސް ނުލިބޭ. ދެން ކިހިނެއް އެ ބޭނުންވާ ކޮލިޓީގައި މަސް ބަހައްޓާނީ. ނުވަ ޓަނު މަސް މިވީ ބޭކާރު،" އޭނާ ބުންޏެވެ.

މިފްކޯއިން މަސް ކިލޯއިން ވިއްކަނީ 17 ރުފިޔާއަށެވެ. އަދި މި ވަގުތު އެންސިސް އިން މަސް ކިލޯއެއް ވިއްކަނީ 18 ރުފިޔާ އަށެވެ.

މި ވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ މަސް ކިރުވަން އެހާ ދުވަސްވުމެވެ. ކޫއްޑޫން ދުވާލެއްގެ މައްޗަށް 540 އެއްހާ ޓަނު ކިރުވަ އެވެ. މިފްކޯއިން ބުނީ، މި ވަގުތު ގާތްގަނޑަކަށް 25 ދޯނި ކިޔޫގައި އެބައޮތް ކަމަށާއި 24 ގަޑިއިރު މަސް ކިރަމުން އަންނަ ކަމަށެވެ. އަދި އައިސް ހޯދުމުގައި ދަތިތައް އުޅެނީ އެ އަތޮޅު ދެއްވަދޫގައި ހުރި އައިސް ފެކްޓްރީ ހަލާކުވެފައި ހުރުމުން ކަމަށެވެ.

މިއަހަރު ކުރީކޮޅު ވެސް މަސްވެރިކަން ރަނގަޅުވި ދުވަސްވަރު ކިޔޫގަައި ގިނަ ދުވަސްތަކެއް ތިބެން ޖެހުމުން މަސްވެރިން ވަނީ ޝަކުވާ ކޮށްފަ އެވެ. އޭރު މަސްވެރިން ޝަކުވާ ކުރީ ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުވާ ގޮތަށް މިފްކޯއިން ލިމިޓްކުރުމުންނެވެ. މަސްވެރިންގެ ހިތްހަމަ ނުޖެހުންތަކާ އެކު އެކަން ފަހުން ވަނީ ބަދަލުކޮށްފަ އެވެ.