Roadha Mihaaru

އެންސިސް މަސް ފެކްޓަރީއާ މިފްކޯ އިން ހަވާލުވަނީ!

ރާއްޖޭގައި އަމިއްލަ ފަރާތަކުން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓަރީއާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހަވާލުވާން ނިންމައިފި އެވެ.

އެންސިސް މަސް ފެކްޓަރީއާ މިފްކޯ އިން ހަވާލުވަނީ!

ރާއްޖޭގައި އަމިއްލަ ފަރާތަކުން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓަރީއާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހަވާލުވާން ނިންމައިފި އެވެ.

މިފްކޯއިން، އެންސިސް ކޭނަރީ ގަންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، މިފްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މަސައްކަތް ހުއްޓާލިތާ ދޮޅު އަހަރު ވެފައިވާ "އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ" މިފްކޯ އަށް ލިިބިގަތުމަށްޓަކައި ދިރާސާތައް ނިންމާފައިވާ ކަމަށެވެ. އެންސިސްއާ އެކު އޭގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނިގޮތުގައި، އެންސިސް ފެކްޓަރީއަކީ ފަހުގެ މެޝިނަރީ އާއި އާލާތްތަކާ އެކު އިންވެސްޓް ކޮށްފައިވާ ތަނެވެ.

ނަމަވެސް އަމިއްލަ ފަރާތަކުން ކޮށްފައިވާ ބިޔަ އިންވެސްޓްމަންޓެއް މިފްކޯ އަށް "ލިބިގަތުމަށްޓަކައި" ނިންމާ ގޮތްތަކެއް އަދި އޭގެ އަގެއް އަދި ހާމައެއް ނުކުރެ އެވެ. މިފްކޯ އަށް އެންސިސް "ލިބިގަންނަނީ" ކުއްޔަށް ކަމެއް، ގަންނަނީ ކަމެއް ވެސް ނޭނގެ އެވެ.

އެންސިސް ކޭނަރީއާ ގުޅޭ މައުލޫމާތު:

● ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 އިގައި. މިއީ މާލެ ސަރަހައްދުގައި ހެދި މި ފަދަ ފުރަތަމަ ފެކްޓަރީ.

● އިންވެސްޓްމަންޓުގެ އަގު: 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)

● މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައިވޭ.

● ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭ.

● ސެޕްޓެމްބަރު 2023 ގައި ކޭނަރީ ބަންދުކުރުމާ ހަމައަށް 200 އެއްހާ މުވައްޒަފުން މަސައްކަތްކުރި. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުން.

● ކޭނަރީގެ ބިމުގެ ޖާގަ: 50،000 އަކަފޫޓު.

● ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން.

ހުޅުމާލެ 1 ގައި 50،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އެންސިސްގެ ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 ގައި އެ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށެވެ. އެ އިންވެސްޓްމަންޓަށް 385 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެއީ 23 އަހަރުވީ އެންސިސް ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓު ވެސް މެ އެވެ.

ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ގާބިލްކަން ހުރި އެންސިސް ކޭނިން ފެކްޓަރީ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރު ނުކޮށް ހުރިހާ ބާވަތަކުން އެކި ރަހަތައް އެކުލަވާލައިގެން މަސްދަޅާއި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުން ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ތެލާއި ފެނުގައި ބަންދުކުރާ ދަޅުމަހާއި ޗިލީ ސޯސް އާއި ސަން ފްލާވާ އޮއިލްގައި ބަންދުކުރާ ދަޅު މަސް ވެސް ހިމެނެ އެވެ.

ދުއިސައްތައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އައި އެންސިސްގެ ކޭނަރީ ސެޕްޓެމްބަރު 2023 ގައި ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ.

އެހާ ހިސާބާ ޖެހެންދެން ރާއްޖޭގައި އެންމެ ފުޅާކޮށް މަސް ގަންނަމުން އައި އަމިއްލަ ކުންފުނި, އެންސިސް ފިޝަރީސްގެ ޑިރެކްޓަރު އަބްދުލް ވާހިދު އެ ދުވަސްވަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، މަސްވެރިންގެ އަތުން ކަނޑު މަސް ގަތުން ހުއްޓާލީ 25ރ. އަށް ގަނެގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.

ވާހިދު އޭރު ވިދާޅުވީ، މަސް ކޭނަރީއަކާއި ބޮޑު ފެކްޓަރީއެއް ހެދީ ބޭރުން ލޯނު ނަގައިގެން ކަމަށާއި އެހާ ބޮޑު ގެއްލުމެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯ އިން ބުނީ، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިފްކޯ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު ރިޕެއާ އެންޑް މެއިންޓަނެންސް ވަރަށް ބޮޑު ތަނުން ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުތަކާއި އަދި ބަދަލު ކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯ އިން ވަނީ އިސްކަންދީފަ އެވެ،" ބަޔާނުގައި ބުންޏެވެ.

މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ އެތައް ދުވަހެއް ވެފައިވާ މިފްކޯ އިން ބުނިގޮތުގައި، މަރާމާތުގެ މަސައްކަތްތަކަށް އިސްކަންދީފައިވީ ނަމަވެސް، އެ ކުންފުނީގެ ޖުމުލަ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި މެނޭޖުމަންޓުން އަންނަނީ އެކި ދާއިރާތަކުން މަސައްކަތް ކުރަމުންނެވެ.

"މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑް ކުރުމުގެ ގާބިލްކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އެއް އަމާޒެވެ،" މިފްކޯގެ ބަޔާނުގައި ވެ އެވެ.