Roadha Mihaaru
ވަކިކުރަނީ ވަޒީފާގެ ނާޖާއިޒް ފައިދާ ނަގާ މީހުން:މިފްކޯ

ވަކިކުރަނީ ވަޒީފާއަށް ފަރުވާ ކުޑަކޮށް، ނާޖާއިޒް ފައިދާ ނަގާ މީހުން: މިފްކޯ

07 ޖުލައި 2024

މިފްކޯގެ ވަޒީފާއިން ވަކިކުރަނީ ފަރުވާ ކުޑަކުރާ މީހުން ކަމަށާއި އެގޮތަށް އަމަލުކުރާ ކުރާ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިފްކޯގެ ވަޒީފާއިން ވަކިކުރަނީ ފަރުވާ ކުޑަކުރާ މީހުން ކަމަށާއި އެގޮތަށް އަމަލުކުރާ ކުރާ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެ މީހުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުންތައް އާންމު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލުކުރުމުން މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ ވަޒީފާއިން ވަކިކުރި މީހުންނަށް އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ހައްގަކާ ނުލާ ކަމަށް ނުބުނެވޭނެ ކަމަށެވެ.

"އެ ކަނޑާލި މީހުންނަކީ ޖެހިޖެހިގެން ފަސް ދުވަހު އޮފީހަށް ނާންނަ މީހުން. މުޅި އަހަރު ތެރޭ 15 ދުވަސް އޮފީހަށް ނައިސްފިނަމަ އެއްވެސް ޝަރުތަކާ ނުލައި އެ މީހުން އޮޓޮމެޓިކަލީ ވަޒީފާއިން ވަކިކުރެވޭ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

"އެއީ ޕޭރޯލް ނިމުނު ފަހުން އެ މީހުން ޑޮކިއުމެންޓުތައް ހުށަހަޅާފައި ހުރީ. އަހަރުމެން ވަރަށް ކުރިން ބުނެދޭން ފަށައިފިން ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ނޫނޭ. ކުންފުނި އެބަ ޖެހޭ އިންޖިނިއަރިންގް ޕްރޮގްރާމްތަކެއް ހިންގައި ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަން."

ފެލިވަރަށް ކިރުވި މަސްތަކެއް ކެނޑުމުގެ މަސައްކަތުގައި އެ ތަނުގެ މުވައްޒަފުން.-- ފޮޓޯ: މިހާރު

ފެލިވަރަށް ކިރުވި މަސްތަކެއް ކެނޑުމުގެ މަސައްކަތުގައި އެ ތަނުގެ މުވައްޒަފުން.-- ފޮޓޯ: މިހާރު

އިބްރާހިމް ވިދާޅުވީ މިހާތަނަށް ވަކިކޮށްފައި ވަނީ ކިތައް މީހުންކަން ބުނަން ނޭނގޭ ކަމަށެވެ.

"މިގޮތަށް މައްސަލަ ޖެހިފައި ގަޑިއަށް ނައުމާއި ނަހަލާލު ގޮތުގައި މުސާރަ ހޯދުމާއި ނުހައްގުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މަގާމުގައި ދެމިހުރުމާއި ވާނުވާ ނާންގާ މީހުން އެބަތިބި. މިފްކޯގެ ހެޑްއޮފީހުގައި ވެސް ހަމަ ފާހަގަ މީހުން ވަކިކުރާނެ، ކުރިއަށް އޮތްތަކުގައި ވެސް ވަކިކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ކުންފުނިން ބަލާނީ އެ މީހާ ވަޒީފާއަށް ގަޑިއަށް އާދޭތޯ ނޫންތޯ ނުވަތަ ނާދެވޭ ސަބަބު އަންގާތޯ ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމުގައި ވިޔަސް، އެ މީހާ ވަޒީފާއަށް ނާންނަ ސަބަބު ބުނެދޭން ޖެހޭނެ. މީގެ ކުރިން އޮންނަ އުސޫލަކީ ފިޔަވަޅު އަޅައިފިއްޔާ އޭނަ ގޮސް މި ގުޅަނީ ދާއިރާގެ މެމްބަރަށް. މެމްބަރު ބޭނުންކޮށްގެން އައިސް އަނެއްކާ ކުންފުންޏަށް މި ވަންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފްކޯގައި އުޅުނު ބައެއް މުވައްޒަފުން އިތުރު ގަޑީގެ މައްސަލަތަކުގެ ގޮތުގައި ލިބޭ (އޯޓީ) ވެސް އޮޅުވާލައިގެން ނަގާފައި ހުރި ކަމަށެވެ.

"މުޅި ދުވަހު އޯޓީގެ ގޮތުގައި ޖަހާ މީހުން، އެއަށް ބަލާއިރު އެނގޭނެ އޭނަ ކައިފައެއް ވެސް ނެތްކަން. ނިދާފަ ވެސް ނެތްކަން. ކިހިނެތްހޭ މުޅި ދުވަހު އެއްކޮށް މިވަރަށް މަސައްކަތް މި ކުރީ. މިކަހަލަ ނޭދެވޭ ކަންކަން ވެސް އެބަހުރި ކުންފުނީގައި ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ފެލިވަރުގައި ހުންނަ މިފްކޯ މަސް ފެކްޓަރީގައި ބަޔަކު މަސައްކަތްކުރަނީ--- ފައިލް ފޮޓޯ: މިހާރު

ފެލިވަރުގައި ހުންނަ މިފްކޯ މަސް ފެކްޓަރީގައި ބަޔަކު މަސައްކަތްކުރަނީ--- ފައިލް ފޮޓޯ: މިހާރު

އެއްވެސް މުވައްޒަފަކު، ހައްގުން ކަމަކާއިނުލާ މިފްކޯއިން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބުނަން ކެރޭނެ 100 ޕަސެންޓު ޔަގީން ކަމާއެކު، މިފްކޯގެ އެއްވެސް މުވައްޒަފަކު ހައްގަކާ ނުލައި ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން،"

އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން މިފްކޯގެ އިސް ބައެއް މަގާމުތަކަށް އައްޔަންކުރި މުވައްޒަފުން އަދިވެސް އެ މަގާމުތަކުގައި ބައިތިއްބާފައި ކަމަށެވެ.