Roadha Mihaaru
ޚަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް މިފްކޯ ބަދަލުވެއްޖެ

ޚަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް މިފްކޯ ބަދަލުވެއްޖެ: އެސްޓީއޯ

13 މާޗް 2017

އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމާ ގުޅިގެން، އެ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ހިންގުން ހަރުދަނާ ކޮށްފައިވާ ކަމަށާއި އަދި މިފްކޯގެ މާލީ ހާލަތު ރަނގަޅުވެ، ހަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލުވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމާ ގުޅިގެން، އެ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ހިންގުން ހަރުދަނާ ކޮށްފައިވާ ކަމަށާއި އަދި މިފްކޯގެ މާލީ ހާލަތު ރަނގަޅުވެ، ހަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލުވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު، މިފްކޯ އަށް ވިއްކާފައިވާ ތެލަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ކަމަށާއި އެ ފައިސާ މިހާރު ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، މިފްކޯއާ ހަވާލުވިއިރު، މިފްކޯގެ ދަރަނި 338 މިލިއަނަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ އަށް 100 މިލިއަން އަދި މަސްވެރިންނަށް ހަ މިލިއަނެއްހާ ރުފިޔާ ދައްކަން އޮތް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެ ފަސް މަސް ކުރިން މިފްކޯއާ ހަވާލުވުމަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެ ފިޔަވަޅު އެޅީ ވަރަށް ދަށް ހާލަތެއްގައި ކުންފުނި އޮއްވައި ކަމަށެވެ. އަދި މިފްކޯގެ ދަށުން ހިންގަމުން ގެންދިޔަ ފެލިވަރާއި ކޫއްޑޫ އާއި ކަނޑުއޮތްގިރި އަށް އިންވެސްޓް ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން، އެ ތަންތަން އޮތީ ހިންގޭ ފަދަ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތުން ކޫއްޑޫ އާއި ކަނޑުއޮތްގިރި އަދި މަސް ގަންނަ ބޯޓުތައް ވެސް ވަރަށް ދެރަ ހާލަތަކަށް ގޮސްފައި. މީގެ ތެރެއިން އަޅުގަނޑުމެން ހަވާލުވިއިރު ފެލިވަރު ވަނީ ކޭނިން ފެސިލިޓީ 50 ޓަނަށް އަޕްގްރޭޑް ކުރެވިފައި. އަޕްގްރޭޑް ކުރި ނަމަވެސް އެ އަށް ބޭނުންވާ ކޮމްޕްލިމެންޓްރީ އެހެން އިންފްރާސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ރަންޑައުން ވެފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު، އެ ކުންފުނީގެ ފެލިވަރުގައި ހުރި ޖެނެރޭޓަރުތަކާއި ޑީސަލިނޭޝަން ޕްލާންޓާއި ކޯލްޑްސްޓްރޭޖް އަދި ބޯޓުތައް އޮތީ ވަރަށް ނިކަމެތި ހާލަތުގަ އެވެ. އަދި ކޫއްޑޫގައި ވެސް ފްރީޒިން ފެސިލިޓީ އޮތީ ހިންގޭ ވަރަށް ވުރެ ދަށް ހާލަތުގައި ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ އައިސް ޕްލާންޓްތަކުގެ ހާލަތާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ 11 އައިސް ޕްލާންޓްގެ ތެރެއިން ހަ އައިސް ޕްލާންޓެއް ބޭނުން ނުކުރެވި ހުރި ކަމަށެވެ. އެކަމަކު މިހާރު 10 އައިސް ޕްލާންޓް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެލިވަރުގައި މަސް ބަންދުކުރުން ހުއްޓި އަޅުގަނޑުމެންނަށް ލިބުނު މަދު އޯޑަރުތަކަށް އޮނާ ނުކުރެވި އޮތުމުން މިފްކޯއާ ދޭތެރޭގައި ވަރަށް ބޮޑަށް މަސް ގަންނަ ފަރާތްތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައި. އޭގެ އިތުރުން ފެލިވަރު އަޕްގްރޭޑްކުރަން ޖެހި، ބޭނުންވާ އޮޑިޓް ރިކުއާމަންޓް ވެސް ވަނީ ފުރިހަމަ ނުކުރެވޭ،" ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ މާލީ ހާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ކުންފުނީގެ އެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ ލޯނުތައް ނުދެއްކި އޮތް ކަމަށެވެ. އަދި އޭގެ އިތުރުން މިފްކޯގެ ސަޕްލަޔަރުންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދެއްކި ލަސްވެފައި އޮތް ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން ހަވާލުވިއިރު މަސްވެރިންގެ އަތުން ގަންނަ މަހަށް ވެސް ލާރި ނުދެވި އޮތް،" އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމަށް ފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ އޮންނަ އުސޫލުގެ ތެރެއިން މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.