09 ޖުލައި 2017
މިފްކޯ އަށް މަސް ގަންނަ އަގު ކިލޯއަކުން އެއް ރުފިޔާ މާދަމާ އިން ފެށިގެން ބޮޑުކުރާ ގޮތަށް ނިންމައިފި އެވެ.
މިފްކޯ އަށް މަސް ގަންނަ އަގު ކިލޯއަކުން އެއް ރުފިޔާ މާދަމާ އިން ފެށިގެން ބޮޑުކުރާ ގޮތަށް ނިންމައިފި އެވެ.
އެކަން އިއުލާން ކުރުމަށް އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރީ މިދިޔަ މަސްތަކުގައި ދުނިޔޭގެ ބާޒާރުގައި މަގު އަގު އުފުލިފައިވުމާއި މަސް ގަންނަ ބޭރުގެ ކުންފުނިތަކުން ވެސް ކުރިއަށް ވުރެ ރަނގަޅު އަގެއް ލިބޭތީ ކަމަށެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.
މިފްކޯ އިން މިހާރު މަސް ގަންނަނީ ފިނިކުރި ކަނޑުމަސް ކިލޯއެއް 19ރ. އަށް އަދި ފިނި ނުކުރާ މަސް ކިލޯއެއް 17ރ. އަށެވެ.
މިފްކޯގެ ޗެއާމަންކަން ވެސް ކުރައްވާ ޝަހީރު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބޭނުން ވަނީ މިފްކޯ އަށް ލިބޭ ފައިދާ މަސްވެރިންނާ ހިއްސާކުރަން ކަމަށެވެ. އެގޮތުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުތައް ދެ ފަހަރެއްގެ މިހާރު ހެޔޮކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިންނަށް ވީހާ ވެސް ލުއި ފަސޭހަކޮށް ކަންތައްތައް ހަމަޖައްސައިދިނުމަށް އަޅުގަނޑުމެންނަށް އަބަދުވެސް އަންނަނީ ސަރުކާރުން އިރުޝާދު ލިބެމުން. މިގޮތުން އަޅުގަނޑުމެން މިފްކޯއިން މިދަނީ މަސްވެރިންނާ ގުޅޭ ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރަމުން. މިގޮތުން މިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯގެ ބައެއް ފެސިލިޓީސްތައް ދުވަސްވެ ވީރާނާވެފައި ވީނަމަވެސް ކެނޑިނޭޅި މަސައްކަތް ކުރަނީ މަސްވެރިންނަށް ދޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް ދިނުމަށް ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ ގުޅިގެން ޕްރޮޖެކްޓްތަކެއް ރާވައި އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފެސިލިޓީސްތައް ރަނގަޅު ކުރެވި، މަސްވެރިންގެ ބޭނުންތައް މިހާރަށް ވުރެ ރަނގަޅަށް ފުއްދައިދެވޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް އަޅުގަނޑު ދެން،" އޭނާ ވިދާޅުވި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ ވޭތުވެދިޔަ ދެތިން އަހަރު އެ ކުންފުނި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
"އެހެން މިދިމާވީ އަޅުގަނޑުމެން އަގުތަކަށް ބަދަލު ނުގެނެސް ދުނިޔޭގެ ބާޒާރަށް އަންނަ ހުރިހާ ބަދަލެއް މަސްވެރިންނަކަށް ނާދޭ. އަޅުގަނޑުމެންނަށް މަސް ޓަނެއްގެ އަގު ވަރަށް ބޮޑުތަން، ގާތްގަނޑަކަށް ދެ ގުނަ ދަށްވެގެންދިޔައިރު ވެސް މަސްވެރިންގެ އަތުން ގަންނަ އަގު އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ދަށެއް ނުކުރަން،" އަދުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސް ގަންނަ އަގު ދަށް ނުކުރުމުގެ ސަބަބުން ކުންފުންޏަށް ވަރަށް ގިނަ ދަތިތަކަކާ ދިމާވި ކަމަށެވެ. އަދި އެކަން ސަރުކާރުން ދިޔައީ ފޫބައްދަމުން ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.
"މި އަހަރު އިރާދަކުރެއްވިއްޔާ ފްރޯޒަން ޓޫނާ މާކެޓް ފުދޭވަރަކަށް ރަނގަޅަށް ސްޓޭބަލް ވެގެން މިދަނީ. ފޯކާސްޓް ކުރެވޭ ގޮތުން އަހަރުގެ ދެން އޮތް ބައިވެސް ފުދޭވަރަކަށް ރަނގަޅުވާނެ ކަމަށް މި ފެންނަނީ. މިހެންވެ އެ ހެޔޮ ބަދަލު މަސްވެރިންނާ ހަމަޔަށް ގެނެސްދޭން އެބަ ޖެހޭ،" އަދުލީ ވިދާޅުވި އެވެ.
މިފްކޯއަށް އަލުން ހިންދެމިލެވޭނެތަ؟
މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދިއްޖެ: މިފްކޯ
ޚަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް މިފްކޯ ބަދަލުވެއްޖެ
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
ޕީއެންސީގެ މެންބަރުން ގޮވާލީ މަހުގެ އަގު ދަށްކުރަން