Roadha Mihaaru
900 ޓަނު މަސް ކިރުވަން 63 ދޯނި ކިއޫގައި!

900 ޓަނު މަސް ކިރުވަން 63 ދޯނި ކިއޫގައި، ކްލިއާ ވާނީ އާދިއްތަދުވަހު

13 އެޕްރީލް 2022

މަސްކިރުވަން ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު އެބަ އޮތް ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސްކިރުވަން ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު އެބަ އޮތް ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ކޫއްޑޫގައި މަސް ކިރުމުގައި ކޮންމެ ދޯންޏަކަށް ފަސް ޓަނުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށްފަ އެވެ. މިކަމަށް ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އިއްޔެ މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފަ އެވެ.

ފައުޒީ ވިދާޅުވީ، މިހާރު ވެސް މަސް ކިރަމުން އަންނަނީ އެގޮތަށް ކަމަށެވެ. ކޮންމެ ދުވަހަކު ވެސް މިފްކޯގެ ލިމިޓް ހަމަވަންދެން މަސްވެރިން އަތުން މަސް ކިރުވަ އެވެ. މިވަގުތު މިފްކޯގެ ފްރީޒިން ކެޕޭސިޓީ އަކީ 480 ޓަނެވެ. އެހެންވެ، ކިޔޫގައި ތިބި ހުރިހާ ދޯންޏަކުން މަސް ކިރައި ނިންމަން ދުވަސްތަކެއް ނަގާނެ އެވެ.

"އަންނަ އާދިއްތަަ ދުވަހަށް މިވަގުތު ކިޔޫގައި ތިބި ދޯނިތައް ކްލިއާ ކުރެވޭނީ. އެހެންވެ މިވަގުތަށް އިތުރު ކިޔޫ ނަންބަރެއް ދޫނުކުރަން،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުމަށް ދަތިވެ، ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިފްކޯއިން ބުނީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.