Roadha Mihaaru
މައްކާގައި ހާލުގައި ޖެހުނު ދިވެހިންގެ މައްސަލަ ބަލަނީ

މައްކާގައި ހާލުގައި ޖެހުނު ހަތަރު ދިވެހިންގެ މައްސަލަ ސަރުކާރުން ބަލަނީ

26 އޯގަސްޓް 2017

ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ހައްޖުގެ އަޅުކަމަށް މިދިޔަ ބުރާސްފަތި ދުވަހު މައްކާ އަށް ދިޔަ ދެމަފިރިއަކާ އުމުރުން ދުވަސްވީ ދެ މީހަކު ހާލުގައި ޖެހުމުން، އެމީހުންގެ ކަންކަމާ ހައްޖު ކޯޕަރޭޝަނުން ވަނީ ހަވާލުވެފަ އެވެ. އެމީހުންނަށް ސައުދީއަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެކަން ހިނގާދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓު އެ މިނިސްޓްރީ އަށް ފޮނުވުމަށް ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނަށް އަންގާފައިވާނެ ކަމަށެވެ. އަދި މާދަމާ އެ ރިޕޯޓު ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ހަތަރު ދިވެހިން ހައްޖަށް ގެންދިއުމުގެ ކަންތައްތައް ބެލުމަށް ފަހު އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އަޅާނެ އެވެ.

"މިވަގުތު އެނގޭ އެއްޗަކީ އެއީ ރާއްޖެ އަށް ލިބުނު 1،000 ކޯޓާގެ ތެރެއިން، މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ އެއްވެސް ކުންފުންޏެއްގެ ކޯޓާގެ ތެރެއިން ގޮސް ތިބި ބައެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ދިވެހި ހައްޖު މިޝަންގެ ރައީސް އިބްރާހިމް އަހުމަދު ވިދާޅުވި ގޮތުގައި ހަތަރު ދިވެއްސެއްގެ އަތުން ފައިސާ ނެގި މީހާ، އެ މީހުން ސައުދީއަށް ފޮނުވީ ވެސް ހުންނާނެ ތަނެއް ހަމަ ނުޖައްސަ އެވެ.

ދެމަފިރިންނާ ހަވާލާދީ އިބްރާހިމް ވިދާޅުވީ އެ ދެ މީހުންގެ އަތުން 70،000ރ. ނެގި ކަމަށާއި އެކަން ކުރީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ އެވެ. އަދި ހައްޖަށް ދެވޭނެ ކަމުގެ ލިޔުން ވެސް ނަސްރުﷲ ދިން ކަމަށް، އެ ދެމަފިރިންނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތިވި އެވެ. ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށް ވަނީ ރާއްޖެ ގެނެސްފަ އެވެ.

އެ މައްސަލަ އަދި ވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.

މަލިޝާ އިން ފައިސާ ނެގި މީހުން ފަހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރަދުގަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި މަކަރާއި ހީލަތުން ފައިސާ ނަގަމުންދާތީ، އެކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް 2014 ވަނަ އަހަރު ސަރުކާރުން ހައްޖު ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް ވެސް އުފެއްދި އެވެ.