Roadha Mihaaru
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ

ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމަށް ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރަނީ

19 ނޮވެމްބަރ 2023

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހިންގަން ފެށި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަންގެ ދަށަށް ގެންދިޔުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އާންމުންނަށް އެންމެ ފައިދާވާނެ ގޮތަކީ ވެސް އެއީ ކަމަށެވެ. އަދި ރާއްޖެ އަށް ލިބޭ ކޯޓާ އިތުރުކުރަން ވެސް މަސައްކަތް ކުރެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިހާރު އާންމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ އާ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.

ޝަހީމް ވިދާޅުވީ ކޯޓާ ހަމަޖެއްސުމަކީ ދިވެހި ސަރުކާރުގެ އަތްމަތީގައި އޮންނަ ކަމަކަށް ނުވާތީ ކުއްލި ނިންމުމެއް ނިންމަން ދަތިވާނެ ކަމަށެވެ. ނަމަވެސް، އެކަމުގެ މަޝްވަރާތައް ސައުދީ އަރަބިއްޔާގެ ސަރުކާރާ އެކު ފަށައި، އިތުރު ކޯޓާ ލިބޭނެ ކަމުގެ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަގާމާ ހަވާލުވެޑައިގަތުމަށް ފަހު މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެން މިނިސްޓްރީގެ މުވައްޒަފުންނާ މުހާތަބުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަގާމާ ހަވާލުވެޑައިގަތުމަށް ފަހު މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެން މިނިސްޓްރީގެ މުވައްޒަފުންނާ މުހާތަބުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަހީމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒު ވަނީ މިހާރު ވެސް އެ މަޝްވަރާތައް ފައްޓަވައިފަ އެވެ. އެ މަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީގެ ވަފުދާ އެކު ވެސް އެ މަޝްވަރާ ކުރެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭނާގެ މިނިސްޓަރު ކަމުގެ ދަށުގައި، ހައްޖަށް ގެންދިއުމަށް ކޯޓާ އަށް ބޮޑު އަގު ނަގާ މައްސަލަ އަށް އިތުރަށް ފާރަވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެ މައްސަލަ ހައްލުކުރުމަށް އޭނާ ގެންގުޅުއްވާ އެއް ވިސްނުމަކީ، އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޫކުރުމުގެ ބަދަލުގައި ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭ ގޮތަށް ހަމަޖެއްސުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މާ ގިނަ ފައިސާ ރައްޔިތުންގެ އަތުން ނަގަނީ. 75،000ރ.، 80،000ރ.، 90،000ރ.، ޖަހައިގެން ބޮޑެތި ބިޑްތައް ނަގަނީ. އަދި އިތުރަށް 50،000ރ.، 70،000ރ.، އެބަ ނަގާ މީހުންގެ އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މި ނޫން ގޮތެއް އެބަ ހޯދަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

"މިކަމަށް އޮތް ހައްލަކީ ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދިނުން."

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. ބާކީ ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުނިތަކަށް ދިން ކޯޓާތަކަށް ބޮޑު އަގު ނަގާ މައްސަލަ އެ ފަހަރު ވެސް ފެންމަތިވި އެވެ. އަދި ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް އެ ކުންފުނިތަކުގެ މައްސަލަތައް ވަރަށް ބޮޑުވި އެވެ.

ޝަހީމް ވިދާޅުވީ އުމްރާ އަށް މީހުން ގެންދިއުމުގެ ކަންކަން އަމިއްލަ ކުންފުނިތަކުން މިހާރު ވެސް ކުރަމުން އަންނަ ގޮތަށް ކުރުމުގެ ފުރުސަތު ދެން ވެސް އޮންނާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދީ ވެސް ޝަހީމްގެ މިނިސްޓަރު ކަމުގެ ދަށުން 2013 ވަނަ އަހަރުގަ އެވެ. އެ ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރޭގެ އިންޓަވިއުގައި ޝަހީމް ދެއްވި އެވެ.