Roadha Mihaaru
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން ނިންމައިފި

ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޫކުރަން ނިންމައިފި

17 ޑިސެމްބަރ 2023

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، އެ ގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ވެފައި ވާތީ، ހިދުމަތް އަވަސް ކުރުމަށް ކަމަށެވެ.

މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޫކުރުމުގެ ބަދަލުގައި ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭ ގޮތަށް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅެނީ އަމިއްލަ ކުންފުނިތަކުން މާ ބޮޑު އަގުގައި ވިޔަފާރި ކުރާތީ ކަމަށް އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

"މާ ގިނަ ފައިސާ ރައްޔިތުންގެ އަތުން ނަގަނީ. 75،000ރ.، 80،000ރ.، 90،000ރ.، ޖަހައިގެން ބޮޑެތި ބިޑްތައް ނަގަނީ. އަދި އިތުރަށް 50،000ރ.، 70،000ރ.، އެބަ ނަގާ މީހުންގެ އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މި ނޫން ގޮތެއް އެބަ ހޯދަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. ބާކީ ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަމިއްލަ ކުންފުނިތަކަށް ދިން ކޯޓާތަކަށް ބޮޑު އަގު ނަގާ މައްސަލަ އެ ފަހަރު ވެސް ފެންމަތިވި އެވެ. އަދި ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވެސް އެ ކުންފުނިތަކުގެ މައްސަލަތައް ވަރަށް ބޮޑުވި އެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދީ ވެސް ޝަހީމްގެ މިނިސްޓަރު ކަމުގެ ދަށުން 2013 ވަނަ އަހަރުގަ އެވެ.