Roadha Mihaaru
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"

ހައްޖު ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ: ޝަހީމް

08 ޖޫން 2024

ރާއްޖެއިން ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ޖެހިފައި އޮއްވައި އެ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެއިން ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ޖެހިފައި އޮއްވައި އެ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ކިއޫގައި ޖެހިފައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އޭގެ ތެރޭގައި އެތައް އަހަރެއް ކުރިން ފައިސާ ދައްކާ ހަލާސްކޮށްފައިވާ މީހުން ހިމެނެ އެވެ. އެކަމަކު އެ މީހުން ކިއުގައި ތިއްބައި ކިއު ފަޅާފައި މީހުންނަށް ޖާގަ ދޭކަމުގެ ޝަކުވާތައް އަބަދުވެސް ކުރެ އެވެ.

އެކަން ދޮގުކުރައްވައި ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ވެސް ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ކަށަވަރުކޮށްފައި ހުންނަ ކަމަށާއި ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ކުރިންވެސް ކަން އޮންނަ ގޮތަކީ އެއީ ކަމަށެވެ.

ޝަހީމް ވިދާޅުވީ މިއަހަރަކީ މުޅިން އަލަށް އެ ކިއުގައި ޖެހިފައިވާ މީހުންގެ ތެރެއިން 1000 މީހުންނަށް ވުރެ ގިނަ މީހުންނަށް އެ ފުރުސަތު ދިން ފަހަރު ކަމަށެވެ. ކުރިން އެ ކިއުއިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަހަރު ރާއްޖެއިން 1150 މީހުން ޖުމްލަ ހައްޖަށް ދާނެ. މިއީ ރައީސްގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި އެވެ.

ކުރީ އަހަރުތަކުގައި ހައްޖަށް ގެންދިޔަ މީހުންގެ ތަފްސީލު ދެއްވައި ޝަހީމް ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރު ހައްޖަށް ގެންގޮސްފައި ވަނީ 400 މީހުންނެވެ. އޭގެ ކުރީ ދެ އަހަރު ކޮވިޑާ ގުޅިގެން މީހުން ހައްޖަކަށް ނުގެންދެ އެވެ. އަދި ހައްޖަށް ދިއުމަށް ލިސްޓުގައި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ކޮވިޑާ ގުޅިގެން ތިން އަހަރު މީހުން ހައްޖަށް ނުގެންދެވުމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލަން އުޅުމަކީ ދެރަވަރު ކަމެއް،" ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިދާރާއަކީ އިސްލާމީ ދުނިޔޭގައި ހައްޖު އިދާރާތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ރަނގަޅު އިދާރާއެކެވެ. ހައްޖު ކޯޕަރޭޝަނާ މެދު ދިވެހިން އުފާވާން ޖެހޭ ކަމަށާއި މިއީ ފައިސާ ދެއްކުމުން ކޮންމެ މީހަކަށް ވެސް ޖާގަ ކަަށަވަރުވާ އިދާރާއެއް ކަމަށް ވިދާޅުވިި އެވެ.

އެހެން ގައުމުތަކުގައި ހައްޖަށްދާ މީހުން ހޮވަނީ ގުރުއަތުން ކަމަށާއި އެއްވެސް މީހަކަށް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ނޯންނަ ކަމަށެވެ. އަދި ކުރިން ހައްޖު ކޮށްފައި ހުންނަ މީހުންނަށް ސައުދީގައި އޮންނަ ގޮތަށް ފަސް އަހަރު ފަހުން ނޫނީ އަލުން ނުދެވޭ ގޮތަށް ވެސް ބައެއް ގައުމުތަކުން އަމަލު ކުރެ އެވެ. މިއީ ގިނަ ބަޔަކަށް ފަރުލު ހައްޖަށް ފުރުސަތު ދިނުމަށް ކަމަށް އެ ގައުމުތަކުން އަމަލުކުރާ ގޮތެކެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހުރިހާ ދިވެހިން މިހާރު ތިބީ ސައުދީގަ އެވެ. މިއަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީއަށް ބުރާސްފަތި ދުވަހުގެ ރޭ ފެނިފައިވާތީ އިއްޔެ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން، އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ މި މަހު 16 އެވެ.