Roadha Mihaaru

ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރި އަށް ވަންނަން އެއްގޮތަކަށް ވެސް ތާއީދެއް ނުކުރަން: ޝަހީމް

ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކުންފުނިން ޓޫރިޒަމް ވިޔަފާރިކުރުމާ ޝަހީމް ދެކޮޅު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 އޯގަސްޓް 2025

ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖެ އިން މީހުން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނިން ސަރުކާރަށް ފައިދާވާނެ ގޮތް ހެދުމަށް ކަމަށް ބުނެ ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ އޭނާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އެކަމުގައި ކޯޕަރޭޝަނުން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހައްޖުގެ ކަންކަމަށް މީގެ 12 އަހަރު ކުރިން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވި ދުވަސްވަރުގަ އެވެ. އެއީ، ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުންނެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.

"އަޅުގަނޑާ ސަރުކާރުން ހައްޖު ކޯޕަރޭޝަން ހަވާލުކޮށްފައި އޮންނަނީ. މަޖިލީހަށާއި ވަޒީރުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާ ގޮތަށް އޮންނަނީ އަޅުގަނޑު. ނަމަވެސް، ތި ކަންކަމާ އެއްވެސް މަޝްވަރާއެއް އަޅުގަނޑާ ކޮށްފައެއް ނުވޭ. ތިކަން ދާ ގޮތެއް ތިކަމުގެ ފީސިބިލިޓީއެއް އަޅުގަނޑު ނުދެކެން،" ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން އިއްޔެ ބުނީ ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ، ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި މުހައްމަދު ޝިހާބެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ޝަކީލް ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.