Roadha Mihaaru

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނުކޮށްފި

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 އޯގަސްޓް 2025

ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ ރަށުގައި އަމިއްލަ ހަރަދުގައި ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީވާން މުހުލަތެއް ދީފަ އެވެ.

ރަޖިސްޓަރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. އެ އަށް ފަހު، ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ މުހައްމަދު ޝިހާބެވެ. ޢެއީ ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަ އެ ކުންފުނި ހާއްސަ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ބެހެއްޓުން މުހިންމު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ފޮނުވަން ލިބޭ ފަންޑު މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެކްސެސް ފަންޑު ހުރި ނަމަ ސްޕެޝަލިސްޓުންނާ ހަވާލު ކޮށްގެން ކަންކަން ކުރުމުން އޭގެ ފައިދާ ކުންފުންޏަށް ބޮޑުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޓޫރިޒަމަށް އިންސްވެސްޓު ކުރާ ނަމަ ޓޫރިޒަމަށް އިންވެސްޓް ކުރެވޭނެ ކުންފުނިތައް އެބަހުރި ސަރުކާރުގެ. ހުރިހާ ކުންފުނިތަކުން، އެޗްޑީސީ ހައްޖު ކޯޕަރޭޝަން އަދި ފެނަކަ އާއި އެންމެން ގެސްޓް ހައުސް އާއި ރިސޯޓު ހެދީމާ ނަތީޖާ ރަނގަޅެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، ޝަކީލް ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.