Roadha Mihaaru
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ

ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ

10 ޖޫން 2024

ކ. ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް ހަދައި ހިންގައިދޭނެ ފަރާތަކަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކ. ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް ހަދައި ހިންގައިދޭނެ ފަރާތަކަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހިންމަފުށީ ކައުންސިލް އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތަށް ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަހައްދުން ކަމަށެވެ. ހޮޓާ ނުވަތަ ގެސްޓު ހައުސްއެއް ހަދައި ހިންގަން އެ ސަރަހައްދުން ދޫކުރަނީ 52،107 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށެވެ.

އެ ސަރަހައްދުގައި އަމިއްލަ ހަރަދުގައި ޓުއަރިސްޓު ހޮޓަލެއް އިމާރާތްކޮށް އަދި ހިންގައި، ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން އަންނަ ޖުލައި 15 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. ބީލަމެއްގެ އަގަކީ 25،000ރ. އެވެ. ބީލަން ވިއްކާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހާ ހަމައަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12:30 ވަންދެން ބީލަން ފޮތް ވިއްކާނެ ކަމަށް އިއުލާނުގައި ވެ އެވެ. ޕްރީ ބިޑް ބައްދަލުވުން ތާވަލް ކޮށްފައި ވަނީ ޖުލައި ތިން ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނާޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. އެ އިން ތަނެއްގައި ބިދޭސީ މީހެއްގެ ހިއްސާ އޮވެގެން ނުވާނެ އެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރިއަރަމުން އަންނަ ހިންމަފުށީގައި މިހާރު 17 ގެސްޓް ހައުސް ހިންގަ އެވެ. އެކަމަކު، މިއީ މިހާ ގިނަ އަދަދެއްގެ ކޮޓަރިއާ އެކު ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް އެ ރަށުގައި ހަދަން ނިންމި ފުރަތަމަ ފަހަރެވެ.

ހިންމަފުށި ބޮޑަށް މަޝްހޫރު ވެފައި ވަނީ ސިނާއީ އެކިއެކި މަސައްކަތްތަކަށް ބިންތައް ދޫކުރާ ރަށެއްގެ ގޮތުގަ އެވެ. އެ ބިންތަކުން ކައުންސިލަށް މިހާރު ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. އެކަމަކު، މިހާރު ބޮޑަށް އަމާޒު ހިފާފައި ވަނީ ޓޫރިޒަމް ވިޔަފާރި ތަރައްގީ ކުރުމަށެވެ.