20 ޑިސެމްބަރ 2018
ރާއްޖެއަށް ފަރުތުރުވެރިކަން ތައާރަފްވިތާ 45 އަހަރު ވެފައިވާއިރު މި ދާއިރާއަށް މިވަނީ ނުހަނު ގިނަ ބަދަލުތަކެއް އައިސްފަ އެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންގިލާބެއް ގެނުވި އެއް ކަމަކީ 2011ގައި، މީހުން ދިރިއުޅޭ ރަށްތައް ވެސް، ފަތުރުވެރިކަމަށް ހުޅުވާލުމެވެ. ދެބަސްވެވެން ނެތް ހަޤީގަތަކީ ލޯކަލް ޓޫރިޒަމްގެ އެއް ބައި ކަމަށް ވާ ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް މަދު މަހުޖަނުންތަކެއްގެ އަތްމަތީގައި އޮތް އޮތުން ކޮންމެވެސް ވަރަކަށް ބަދަލުވެ، އެތައް ބަޔަކަށް އޭގެ ފައިދާކުރާ ގޮތަށް އެކި ރަށްރަށަށް ފެތުރިގެން ދިއުމެވެ. ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން ރަށްރަށަށް ނުހަނު ގިނަގުނަ ފައިދާތަކެއް މިހާރުވެސް ލިބެމުންދެ އެވެ. އަދި އެ ފައިދާތަކާ އެކު ރަނގަޅު ކުރަން ޖެހޭ ކަންތައް ވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް މި ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ގަސްތުކުރަނީ ލޯކަލް ޓޫރިޒަމްގެ ބައެއް ކަމުގައިވާ، މީހުން ދިރިއުޅޭ ރަށްރަށުން ޓުއަރިޒަމަށް ބިން ކަނޑައަޅައިގެން ހިންގާ "ސިޓީ ހޮޓެލް" އަށެވެ.
ރާއްޖެއަށް ފަރުތުރުވެރިކަން ތައާރަފްވިތާ 45 އަހަރު ވެފައިވާއިރު މި ދާއިރާއަށް މިވަނީ ނުހަނު ގިނަ ބަދަލުތަކެއް އައިސްފަ އެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންގިލާބެއް ގެނުވި އެއް ކަމަކީ 2011ގައި، މީހުން ދިރިއުޅޭ ރަށްތައް ވެސް، ފަތުރުވެރިކަމަށް ހުޅުވާލުމެވެ. ދެބަސްވެވެން ނެތް ހަޤީގަތަކީ ލޯކަލް ޓޫރިޒަމްގެ އެއް ބައި ކަމަށް ވާ ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް މަދު މަހުޖަނުންތަކެއްގެ އަތްމަތީގައި އޮތް އޮތުން ކޮންމެވެސް ވަރަކަށް ބަދަލުވެ، އެތައް ބަޔަކަށް އޭގެ ފައިދާކުރާ ގޮތަށް އެކި ރަށްރަށަށް ފެތުރިގެން ދިއުމެވެ. ގެސްޓުހައުސް ވިޔަފާރީގެ ސަބަބުން ރަށްރަށަށް ނުހަނު ގިނަގުނަ ފައިދާތަކެއް މިހާރުވެސް ލިބެމުންދެ އެވެ. އަދި އެ ފައިދާތަކާ އެކު ރަނގަޅު ކުރަން ޖެހޭ ކަންތައް ވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް މި ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ގަސްތުކުރަނީ ލޯކަލް ޓޫރިޒަމްގެ ބައެއް ކަމުގައިވާ، މީހުން ދިރިއުޅޭ ރަށްރަށުން ޓުއަރިޒަމަށް ބިން ކަނޑައަޅައިގެން ހިންގާ "ސިޓީ ހޮޓެލް" އަށެވެ.
މީހުން ދިރިއުޅޭ ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލުމުގެ ގޮތުން ގެސްޓުހައުސްތަކަށް ހުއްދަ ދިނެވެ. މި ލިޔުމުގައި ގެސްޓުހައުސް މާނަކޮށްފައި މިވަނީ މީހުން ދިރިއުޅެން ދޫކޮށްފައިވާ ގޯތީގައި ހިންގާ ތަންތަން ކަމަށް ވިޔަސް، އެ ރަށްރަށުން ޓުއަރިޒަމަށް ބިން ކަނޑައަޅައިގެން ހޮޓާ ތަރައްޤީކޮށް ގެސްޓުހައުސްއެއްގެ ގޮތަށް ރެޖިސްޓަރީކޮށްގެން އެބަ ހިންގަ އެވެ. ސިޓީހޮޓާ މަފްހޫމްގައި ރަށެއްގެ ވަކި ސަރަހައްދެއް ސިޓީ ހޮޓާ ތަރައްޤީކުރަން ކަނޑައަޅަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިގޮތަށް ކަނޑައަޅާ ސަރަހައްދުތަކުގައި ސިޓީ ހޮޓަލެއް ބިނާކުރުމަކީ ރަށުގެ މީހުން އުޅޭ ސަރަހައްދާ މުޅިން ވަކިކޮށްލުމެވެ. ގެސްޓްހައުސްއެއް ގޮތަށް ރެޖިސްޓްރީ ކޮށްފައި ވިޔަސް ރަށުން ޓުއަރިޒަމަށް ވަކި ބިމެއް ކަނޑައަޅައި ހޮޓަލެއްގެ ސިފައިގައި ހިންގާ ނަމަ އެފަދަ ތަންތަން މި ލިޔުމުގައި ހިމަނާފައިވާނީ ސިޓީ ހޮޓަލެއްގެ ގޮތުގަ އެވެ. އެއީ މިފަދަ ވިޔަފާރިތަކަކީ ގެސްޓްހައުސްއަކަށް ވުރެ ބޮޑަށް ސިޓީ ހޮޓެލް ނުވަތަ ހޮޓަލެއްގެ މަފްހޫމަށް ފެތޭ ތަންތަން ކަމަށް ވާތީ އެވެ.
މީހުން ދިރިއުޅޭ ރަށެއްގެ ބައެއް ފޮތިކޮށް ސިޓީ ހޮޓަލެއް އެޅުމަށް ދޫކުރުމުގެ ބޭނުމާއި އެގެ ފައިދާތަކުގެ ގޮތުގައި އެތައް ސަބަބުތަކެއް ދައްކަ އެވެ. މިގޮތުން އެންމެ ބޮޑު ފައިދާއެއް ކަމަށް ބުނަނީ ސިޓީ ހޮޓަލެއްގެ ސަބަބުން ރިސޯޓްތަކާ ޚިލާފަށް އަމިއްލަ ރަށުގައި އަނބިދަރިންނާއި މައިންބަފައިން ކައިރީ ތިބިގެން ރިސޯޓެކޭ އެއްފަދަ ވަޒީފާތަކެއް ރަށުގެ ރަށްވެހިންނަށް ލިބިގެން ދިއުމެވެ. ރަށުގެ އިޤްތިޞާދު ރަނގަޅުވެ ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެހެނިހެން ތަކެތި ސިޓީ ހޮޓާތަކަށް ވިއްކުމުގެ މަގު ފަހިވުމަކީ ވެސް ފައިދާވާނެ ކަމެއް ކަމުގައި ދައްކަ އެވެ. މީގެ އިތުރުން ރަށެއްގައި ސިޓީ ހޮޓަލެއް އެޅުމުގެ ހުއްދަ ދޫކުރުމުގެ ކޮންޓްރެކްޓްގައި ކުންފުނީގެ ސީއެސްއާރު (ނުވަތަ އިޖުތިމާއީ ޒިންމާ) ގެ ދަށުން ރަށަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ވެސް ކަނޑައެޅިގެންދެ އެވެ. މި ކަންތައްތަކުގެ ތެރޭގައި ރަށްރަށަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ކަމަށް ވާ ނަރުދަމާ އާއީ ޞިއްހީ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ހިމަނާފައި ހުރެ އެވެ.
ނަމަވެސް މިހާރު ސިޓީހޮޓާ ތަރައްގީކޮށްފައިވާ ރަށްރަށުގައި ފެންނަން އޮތް މަންޒަރު މިއާ ވަރަށް ވެސް ތަފާތެވެ. ސިޓީ ހޮޓާތަކުގައި ރިސޯޓްތަކެކޭ އެއްފަދައިން ބިދޭސީ މުވައްޒަފުންގެ އަދަދު ގިނަ އެވެ. ގިނަ ސިޓީ ހޮޓާތަކުގައި ސާވިސް ޗާޖް ނުލިބުމުގެ އިތުރަށް މުވައްޒަފުންނަށް ލިބޭ މުސާރަ ވެސް އިންތިހާއަށް ކުޑަ އެވެ. އުޒުރެއްގެ ގޮތުން ސިޓީ ހޮޓާތަކަކީ ރިސޯޓެއް ނޫން ކަމަށް ބުނި ނަމަވެސް ގިނަ ސިޓީ ހޮޓާތަކުގައި އެނދުގެ އަގު ރިސޯޓްތަކާ އެއްހަމަ އެވެ. ރަށުގެ އުފެއްދުންތައް ބޭނުން ނުކުރުމުގެ އިތުރުން އުފެއްދުންތައް ބޭނުން ކުރުމަށް ބާރު އަޅާތަނެއް ވެސް ނުފެނެ އެވެ. މިއާ ޚިލާފަށް ބައެއް ސިޓީ ހޮޓާތަކުގައި ތިމާވެއްޓާ ރައްޓެހި ވުމުގެ ނަމުގައި ދަނޑު ހައްދާ ތަނާއި ބަކަރި ގެންގުޅޭތަން ވެސް ވަނީ ފެނިފަ އެވެ. ހދ. ހަނިމާދު އަކީ މީގެ އެއް މިސާލެވެ.
ރަށެއްގެ އެއް ބައި އާންމުންނަށް ނުވަދެވޭ ގޮތަށް ފެންސް ޖަހައިގެން ބަންދުކޮށްފައި: މި ގޮތަށް ލޯކަލް ޓުއަރިޒަމް ތަރައްގީކުރަން ބައެއް މީހުން ދެކޮޅު
ސިޓީ ހޮޓާތަކުން ލިބޭނެ ކަމަށް ބުނާ ފައިދާ ރަށްރަށަށް ނުލިބުމުގެ އިތުރުން ސިޓީ ހޮޓާތަކުގެ އެންމެ ބޮޑު އަނެއް މައްސަލައަކީ ރަށުގެ ގުދުރަތީ ވަސީލަތްތައް ރަށުގެ ހައްގުވެރި ރަށްވެހިންގެ ކިބައިން މަޙުރޫމް ކުރުމެވެ. މިގޮތުން ސިޓީ ހޮޓާ ތަރައްގީކުރަނީ ރަށުގެ އެންމެ ރީތި ގޮނޑުދޮށާއި މޫދު އޮންނަ ދިމާލުގަ އެވެ. ސިޓީ ހޮޓާ އެޅުމަށް ފަހު ފެންސް (ނުވަތަ ދަގަނޑު ޖާލި) ޖަހައި ފާރު ރާނާ، ރަށުގެ އާންމު ރައްޔިތުންނަށް މި ސަރަހައްދުތައް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްލަ އެވެ. މީގެ އިތުރުން ސިޓީ ހޮޓާ ހިމެނޭ ސަރަހައްދުތަކުން ރަށު ރައްޔިތުން ކެއުމަށް ބޭނުންކުރާ ކާއްޓާއި ފަންގިވިނުން ފަދަ އާމުދަނީ ހޯދަން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަން ލިބުން ވެސް ބަންދުވެ އެވެ. މިދިލި ވަލުގައި ވާލު ކައިފައި ވައްޓާލާ އޮށް ވެސް ކަނަމަދު ވިޔަފާރިއަށް ބޭނުންކުރުމުގެ އިޒުނައެއް އަންހެންވެރިންނަކަށް ނުލިބެ އެވެ.
ސީއެސްއާރުގެ ދަށުން ރަށަށް ކޮށްދޭން ޝަރުތު ކުރާ ކަންތައް ފުރިހަމަ ނުކުރުމުގެ އިތުރުން ސިޓީ ހޮޓާތައް ވަނީ ރަށުގެ ނާޒުކު ތިމާވެއްޓަށް ވެސް އޮތް ނުރައްކަލަކަށެވެ. މިގޮތުން ސިޓީ ހޮޓަލުގައި އުފެދޭ ކުނި ވެސް ރަށުގެ އާންމު ކުނިގޮނޑަށް އުކާލަ އެވެ. އަދި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ނެތް ރަށްރަށުގައި ސިޓީ ހޮޓަލުގެ ސަބަބުން ކުއްލިއަކަށް ރަށުގައި ކުނި އިތުރުވެގެން ދިއުމުގެ ތަކުލީފު ވެސް އުފުލަން ޖެހެނީ ރަށުގެ ރައްޔިތުންނަށެވެ.
ޓޫރިޒަމް ސިނާޢަތުގައި ކުނީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް 2015 ގައި ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އާންމު ރައްޔިތަކަށް ވުރެ ފަތުރުވެރިއަކު އުފައްދާ ކުނި 4-5 ގުނަ އިތުރެވެ. މީގެ އިތުރުން ސިޓީ ހޮޓާ އަޅަން 'ޑީވޯޓަރިން" (ބިމުގެ ފެން ބޭރުކުރުން) ކުރުމަށާއި ސިމެންތި މަސައްކަތަށް ބޭނުންވާ ފެން ނެގުމުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރު ކުރެ އެވެ. ސިޓީ ހޮޓަލެއްގެ ފާޚާނާ ހޮޅި ވެސް ރަށުގެ ފަޅުތެރެއަށް ދޫކޮށްލާ ފަހަރު ވެސް މެދުވެރިވެފައި އެބަ ހުއްޓެވެ.
ރާއްޖޭގައި މިހާރު ހަދާފައިވާ ގިނަ ސިޓީ ހޮޓާތަކަކީ ބޭރު މީހުން ބައިވެރިވާ، އޮޕަރޭޓްކޮށް ނުވަތަ ހިންގާ އަދި އިންވެސްޓް ކޮށްފައިވާ ތަންތަނެވެ. މިހެންކަމުން ސިޓީ ހޮޓާ ވިޔަފާރީގައި އާންމުންނާއި ރަށު މީހުންގެ ހިއްސާ އޮތްވަރާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. ސިޓީ ހޮޓާތަކުން ނެގޭ ބިމު ކުލި ވެސް ދައްކަން ޖެހެނީ ވެރިރަށް މާލޭގައި ހުންނަ ސަރުކާރުގެ މައި އިދާރާތަކަށެވެ. ސިޓީ ހޮޓާ އޮންނަ ރަށަށް ނުވަތަ އަތޮޅަށް ބިމު ކުލި ވާސިލްވާނެ ގޮތެއް ހަމަޖެހިފައެއް ނެތެވެ. އަދި ސިޓީ ހޮޓާތަކުން ނެގޭ ބިމު ކުލިން ލިބޭ އާމްދަނީ ރިސޯޓްތަކާ އަޅާބަލާއިރު ކުޑަކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ރަށުން ބިން ކަނޑައަޅައި، ޖާލި ޖަހައި، ފާރު ރާނައިގެން، ރަށު މީހުން ދިރިއުޅޭ ސަރަހައްދާ ވަކިކޮށްފައިވާ ބައެއް ރަށްރަށުގެ މީހުން ދިރިއުޅޭނެ ބިން އިތުރުކުރަން ހިއްކާ ތަން ވެސް ވަނީ ފެނިފަ އެވެ. މިގޮތުން ކ. ހުރައަކީ ސިޓީ ހޮޓާ އަޅަން ރަށުން ބޮޑު ބިމެއް ނެގުމަށް ފަހު މީހުން ދިރިއުޅެން ރަށުގެ ފަޅުން، ޓެކްސް ފައިސާ ބޭނުންކޮށްގެން ބިން ހިއްކަމުން ދާ އެއް ރަށެވެ.
ކަންތައް މިހެން ހުރިއިރު އަހަރެމެން ދިވެހިން އަމިއްލަ ނަފްސާ ކުރުން ވަރަށް ރަނގަޅު އެތަކެއް ސުވާލު އެބަ ހުއްޓެވެ. ސިޓީ ހޮޓާތަކުން ލިބޭނެ ކަމަށް ބުނާ ފައިދާ ފުރިހަމައަށް ލިބުނަސް މީހުން ދިރިއުޅޭ ރަށެއްގެ ބައެއް ރަށްވެހިންނަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަކީ ރަނގަޅު ގޮތެއް ބާވަ އެވެ؟ ރަށް ވަށައިގެން ހިނގާ ނުލެވޭ ގޮތަށް އަދި ރަށުގެ އެންމެ ރީތި މޫދާއި ގޮނޑުދޮށް ބޭނުން ނުކުރެވޭ ގޮތަށް ދަގަނޑު ޖާއްޔާއި ފާރު ރާނައި އާންމުންނަށް ބަންދުކޮށްގެން ހިންގާ ޓޫރިޒަމަކީ ވެސް ހަމަ ލޯކަލް ޓޫރިޒަމް ބާވަ އެވެ؟ ސަރުކާރުން ރަށްރަށަށް ފޯރުކޮށްދޭން ޖެހޭ ފެނާއި ނަރުދަމާ އަދި ސިއްހީ ވަސީލަތްތައް ރަނގަޅު ކުރުމަށް ރަށުން ބައެއް ހިބަކޮށް ވިޔަފާރިއަކަށް ދިގު މުއްދަތަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ބާވަ އެވެ؟ އެތައް ސަތޭކަ ޑޮލަރަށް އެނދެއް ވިއްކާ ސިޓީ ހޮޓަލެއްގައި އުފެދޭ ކުނި ރަށެއްގެ ގޮނޑުދޮށަށް އެޅުމުގެ ހުއްދަ ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ބާވަ އެވެ؟ މީހުން ދިރިއުޅޭ ރަށަކުން މިފަދަ ބޮޑު ޤުރުބާނީއެއް ވުމަށް ފަހު ވެސް އާންމު ދިވެހި ރައްޔިތަކަށް ޙައްގު މިންވަރަކީ ގުދާރު ބިންދައިގެން މުޅި އުމުރު ދުވަހު ވަޒީފާއެއްގައި ހޭދަކޮށް، އެއްވެސް އުފަލެއް ނެތި އުޅުން ބާވަ އެވެ؟
ލޯކަލް ޓޫރިޒަމާއި ސިޓީ ހޮޓެލްގެ ސިޔާސަތު ރަނގަޅު ކުރުމަށް ކުރު އަދި ދިގު މުއްދަތުގައި ހައްލުތަކެއް ބޭނުންވެ އެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށެއްގައި ރަށުގެ ރައްޔިތުންނަށް ނުވަދެވޭ ދިމާލެއް އޮވެގެން ނުވާނެ އެވެ. ހާއްސަކޮށް ރަށް ވަށައިގެންވާ ގޮނޑުދޮށާއި މޫދު ވާން ޖެހޭނީ ހުޅުވާލެވިފައިވާ އާންމު ތަންތަނަށެވެ. ލޯކަލް ޓޫރިޒަމްގައި ބޭރު ފަރާތްތަކަށް ބައިވެރިނުވެވޭ އަދި އިންވެސްޓް ނުކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. ލޯކަލް ޓުއަރިޒަމަށް އަހުލުވެރިކުރުމަށް ކައުންސިލާއި ރަށްރަށުގެ އާންމު ރައްޔިތުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މީހުން ދިރިއުޅޭ ރަށެއްގައި އެރަށެއްގެ ބިމާ ބެހޭ ހުރިހާ ކަމެއް ސަރުކާރުގެ މައި އިދާރާތަކުން ނެގުމަށް ފަހު ކައުންސިލްތަކަށް ދިނުމަކީ ކުރަން ލާޒިމް ކަމެކެވެ. ޓުއަރިސްޓް ޚިދުމަތް ދޭ ހުރިހާ ތަނެއްގައި ވަކި އަދަދަކަށް ދިވެހިންނަށް ވަޒީފާ ދޭން ލާޒިމު ކުރުމަކީ ވެސް ބޭނުންތެރި ކަމެކެވެ. ރަށާއި އަތޮޅުގައި ހައްދާ މޭވާ އާއި ތަރުކާރި، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން ގަތުމަށް ބާރުއެޅުމަށް ވެސް މަސައްކަތްކުރެވިދާނެ އެވެ.
ރާއްޖާގައި މިހާރު އަމަލު ކުރާ ޓުއަރިޒަމްގެ ޤާނޫނު ހަދާފައި ވަނީ 1999 ގަ އެވެ. އެހެންކަމުން ޓުއަރިޒަމް ޤާނޫނު، އައު ޤާނޫނު އަސާސީ އަދި ލާމަރުކަޒީ ޤާނޫނާ ހުރި ފުށުއެރުންތައް ފިލުވައި މިހާރުގެ ހާލަތާ އެއްގޮތަށް މުރާޖާ ކުރުމަކީ ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމާ ބެހޭ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހެ އެވެ. މީހުން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާފައިވާ ގެސްޓްހައުސް އަދި ޓުއަރިޒަމަށް ރަށުން ބިން ކަނޑައަޅައިގެން ހިންގާ ހޮޓަލާއި އެހެނިހެން ވިޔަފާރިތައް އެ ގަވާއިދުގައި ވަކިވަކޮށް ތަރުތީބު ކުރުމަކީ ކުރުން ވަރަށް މުހިންމު ކަމެކެވެ. ޓުއަރިޒަމް މިނިސްޓްރީގެ ހިންގުން ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭންއާ އެއްގޮތަށް ބަދަލުކޮށް ޕްލޭންގައި ވާ ގޮތަށް، ޓުއަރިޒަމް މިނިސްޓްރީގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމަށް އަދި ބެލެހެއްޓުމަށް ވަކި ސެކްޝަނެއް އުފެއްދިއްޖެ ނަމަ ލޯކަލް ޓުއަރިޒަމް ހިންގުމާއި ކުރިއެރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ލިބޭ ބާރަކަށް ވެގެންދާނެ އެވެ.
ރަށެއްގައި ލޯކަލް ޓުއަރިޒަމް ވިޔަސް އަދި ތަރައްގީގެ ކޮންމެ މަޝްރޫއެއް ހިންގާއިރު ރަށުގެ ރައްޔިތުން ސިޔާސަތު ކަނޑައަޅާ ހިސާބުން ފެށިގެންގޮސް ގޮތް ނިންމުމާއި ހިންގުމުގައި ބައިވެރިކޮށް ބަސްކިޔޭނެ މަގު ފަހިކުރުން މުހިންމެވެ. ދެބަސްވެވެން ނެތް ހަޤީގަތަކީ ލޯކަލް ޓުއަރިޒަމް ފުޅާވެގެން ދިޔައިރު ލިބުނު ފައިދާތަކާ އެއްކޮށް ރަނގަޅު ކުރަން ޖެހޭ އެތައް ކަންތައްތަކެއް ވެސް ހުރިކަމެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ރާއްޖޭގެ ރަށްތަކުގެ އާދަކާދަ އާއި ތިމާވެއްޓާއި ރަށްފުށުގެ ދިރިއުޅުމާ ފުށުނާރާ ގޮތަށް އަދި ލޯކަލް ޓުއަރިޒަމްގެ ފައިދާ ރަށްފުށުގެ މީހުންނަށް ލިބޭ ގޮތަށް ސިނާއަތު ބައްޓަން ކުރަން ވަރަށް އަވަސް ހައްލެއް މިވަނީ ބޭނުންވެފަ އެވެ. ލޯކަލް ޓުއަރިޒަމްގެ ހަގީގީ ފައިދާ ލިބޭ ފަރާތްތަކަކީ ރަށްފުށުގެ މީހުންކަން ޔަގީންކޮށް އެގޮތަށް މަގުފަހިވާނޭހެން ގާނޫނުތަކާއި ގަވާއިދުތައް ހެދި އަދި ހިންގުން އިސްލާހުކުރުން އަވަސް ކުރަން މި އޮތީ ޖެހިފަ އެވެ.
އެޑަމްއަކީ އެމެރިކާގެ ސިރެކިއުސް ޔުނިވަސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން-އެންވަޔަރަމެންޓަލް ޕޮލިސީގެ ރޮނގުން މާސްޓާސް އަދި ސްޓޭޓް ސްކޫލް އޮފް ނިއު ޔޯކް އެންޑް ފޮރެސްޓްރީގައި އެންވަޔަރަމެންޓަލް ޑިސިޝަން މޭކިންގެ ރޮނގުން ކިޔަވަމުން އަންނަ ރާއްޖޭގެ ތިމާވެށި އަދި ރަށްފުށުގެ ތަރައްގީގެ ދިފާއުގައި ވަކާލާތުކުރާ ފަރާތެކެވެ. ފުލްބުރައިޓް ސްކޮލަޝިޕެއްގައި އެމެރިކާއަށް ދިއުމުގެ ކުރިން އެޑަމް ވަޒީފާ އަދާކުރީ ޔޫއެންޑީޕީ މާލެ އޮފީހުގަ އެވެ. ފުރަތަމަ ޑިގްރީ ފުރިހަމަ ކޮށްފައިވަނީ އޮސްޓްރޭލިޔާގެ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީންނެވެ.
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ
ޓޫރިޒަމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ދެނީ
ގެސްޓްހައުސް ހަދަން ފުރުސަތު ހޯދީ މަޖިލިހުން
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ލޯކަލް ޓޫރިޒަމް: މިނިސްޓަރު
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
ނާޒިމްގެ "ވިލެޖް ލައިފް" ވަރަށް ސަޅި!
ހޯމް ސްޓޭގެ ސަބަބުން ގެއްލުމެއް ނެތް: ގޭމް
ދެން އޮތީ ޓޫރިސްޓުން ގޭގައި ބޭތިއްބުމުގެ މޫސުން