Roadha Mihaaru
ޓޫރިޒަމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ދެނީ

ޓޫރިޒަމްގެ ބޭނުމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދެނީ

14 އޯގަސްޓް 2023

ޓޫރިޒަމްގެ ބޭނުމަށް ބ. ގޮއިދޫން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން މިއަދު އެކަން އިއުލާން ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓޫރިޒަމްގެ ބޭނުމަށް ބ. ގޮއިދޫން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދޭން ނިންމައި އެ ރަށު ކައުންސިލުން މިއަދު އެކަން އިއުލާން ކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ޓޫރިޒަމާ ގުޅޭ ދެ ވިޔަފާރިއަކަށް އެ ބިންތައް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ؛

• ގެސްޓް ހައުސް ހަދަން ދޭ ބިން (އެއީ 5,000 އަކަފޫޓުގެ ފަސް ބިމާއި 10,000 އަކަފޫޓުގެ ފަސް ބިން).

• ވިލާ އަދި ސާވިސް ރެސިޑެންސް ހަދަން ދޭ ބިން (200,000 އަކަފޫޓުގެ ބިމެއް).

އެ މަޝްރޫއުގެ ބީލަން ފޮތް އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 28 ގެ ނިލަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އާ ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ. އޮންލައިންކޮށް ވެސް ބީލަން ފޮތް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ބ. ގޮއިދޫގެ އަތިރިމަތި: ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ބ. ގޮއިދޫގެ އަތިރިމަތި: ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން 275،000 އަކަފޫޓުގެ ބިން ކުއްޔަށް ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ބީލަން ފޮތުގެ އަގަކީ ގެސްޓް ހައުސް ނަމަ 5،000ރ. އަދި ވިލާ ނަމަ 15،000ރ. އެވެ.

އަމިއްލަ ހަރަދުގައި ހިންގަން ޖެހޭ މަޝްރޫއުތަކުގެ ބީލަން ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

ގޮއިދޫ ކައުންސިލުން ބުނީ ގެސްޓް ހައުސް ހަދާ ބިންތަކަށް ކުރިމަތިލެވޭނީ ދިވެހިންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް ކަމަށެވެ. ވިލާ/ސާވިސް ރެސިޑެންސް ހެދުމަށް ދޭ ބިމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ބ. އަތޮޅުގައި އެންމެ ބިން ބޮޑު ރަށް ކަމަށްވާ ގޮއިދު އަކީ މިހާރު ވެސް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ.