Roadha Mihaaru
މިހާތަނަށް 182 ގެސްޓްހައުސް ހުޅުވައިފި

މިހާތަނަށް 182 ގެސްޓްހައުސް ހުޅުވައިފި

19 ޑިސެމްބަރ 2020

ކޮވިޑްއާ ގުޅިގެން ބަންދު ކުރުމަށް ފަހު ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ހުއްދަ ދިނުމާ އެކު މިހާތަނަށް 182 ގެސްޓްހައުސް ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްއާ ގުޅިގެން ބަންދު ކުރުމަށް ފަހު ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ހުއްދަ ދިނުމާ އެކު މިހާތަނަށް 182 ގެސްޓްހައުސް ހުޅުވައިފި އެވެ.

ކޮވިޑްގެ ކުރިން ޓޫރިޒަމް ދާއިރާގައި އެންމެ ބާރަށް ކުރިއަރަމުން އައީ ގެސްޓްހައުސް ވިޔަފާރިތަކެވެ. އޭރު 530 ގެސްޓްހައުސްއަކުން ރާއްޖޭގައި ހިންގި އެވެ. ނަމަވެސް ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ވެސް މެދު ފަންތީގެ ގެސްޓްހައުސްތަކަށެވެ.

ކޮވިޑަށް ފަހު މިހާރު ރާއްޖޭގެ 10 އަތޮޅެއްގެ ގެސްޓްހައުސްތައް މިވަނީ ހުޅުވައިފަ އެވެ. އެގޮތުން އެންމެ ގިނަ ގެސްޓްހައުސް މި ވަގުތު ވެސް ހިންގަމުން އަންނަނީ މާލެ އަތޮޅުގަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މާލެ އަތޮޅުގެ 81 ގެސްޓްހައުސްއެއް ވަނީ ހުޅުވައިފަ އެވެ.

އއ އަތޮޅުގެ 48 ގެސްޓްހައުސް އަދި އދ އަތޮޅުގެ 18 ގެސްޓްހައުސްއެއް ހިންގަން ފަށައިފި އެވެ. ވ އަތޮޅުން މިހާތަނަށް 17 ގެސްޓްހައުސްއެއް ވަނީ ހިދުމަތަށް ނުކުމެފަ އެވެ.

މީގެ އިތުރުން ހއ، ނ، ބ، ގދ، ފުވައްމުލައް އަދި އައްޑޫގެ ބައެއް ގެސްޓްހައުސްތަކަށް ވެސް ޓޫރިސްޓުން ގެންދަން މިހާރު ވަނީ ފަށައިފަ އެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނީ އޮކްޓޫބަރު 15 ގަ އެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވީ މި މަހު 15ގަ އެވެ.

ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 458 ފެސިލިޓީއަކުން ޓޫރިސްޓުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ. މިއީ 39،193 އެނދެވެ. އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކުގެ އިތުރުން 138 ރިސޯޓާއި 129 ސަފާރީ އާއި ނުވަ ހޮޓަލެވެ. މި މަހު އިތުރު ދެ ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.