Roadha Mihaaru
ދެން އޮތީ ޓޫރިސްޓުން ގޭގައި ބޭތިއްބުމުގެ މޫސުން

ގޭގައި ޓޫރިސްޓުން ބައިތިއްބައިގެން "ހޯމް ސްޓޭ" ތައާރަފު ކުރަނީ!

15 ޖޫން 2021

ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ ގޮތަށް، ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށަން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ ގޮތަށް، ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށަން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.

މި އަހަރު އިންތިހާބުވި އާ ކައުންސިލްތަކާ ޓޫރިޒަމް މިނިސްޓްރީން ބައްދަލު ކުރަމުން އަންނައިރު އެކި އަތޮޅުތަކުގައި ހޯމް ސްޓޭ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. ނަމަވެސް އެ ޓޫރިޒަމް ފެށުމާ މެދު އަދި ވަކި ގޮތެއް އެ މިނިސްޓްރީން ނިންމައިފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މި ކޮންސެޕްޓަކީ ފައިދާ އަށް ވުރެ ބޮޑަށް، އެކަން ރަނގަޅަށް ނުކުރެވިއްޖެ ނަމަ "އަތަށް ގޮވައިފާނެ" ކަމެކެވެ.

ގެސްޓު ހައުސް ވިޔަފާރި އަށް އަސަރު ކުރާނެ

"މިހާރު"އާ ވާހަކަދެއްކި ގިނަ މީހުންގެ ކަންބޮޑުވުމަކީ ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓުހައުސްތަކަށް ކުރާނެ އަސަރެވެ. އެގޮތުން، ގޭގައި ކޮޓަރިތައް ހެޔޮ އަގުގައި ކުއްޔަށް ދިނުމުގެ ސަބަބުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ގެސްޓު ހައުސް ވިޔަފާރިވެރިޔަކު ބުނީ، ގެސްޓު ހައުސްތަކަކީ ބޮޑު އިންވެސްޓެއް ކޮށްފައިވާ ވިޔަފާރިއަކަށް ވާއިރު ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު އެފަދަ ތަންތަނަށް ގެއްލުން ނުވާ ގޮތަށް ވިސްނުން މުހިންމު ކަމަށެވެ. އަދި ގެސްޓުހައުސްތަކުން ނަގަމުން އަންނަ ހުރިހާ ބާވަތެއްގެ ޓެކްސްތައް އެ ކޮޓަރިތަކުން ނަގަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޮޑު ލޯނެއް ނަގައިގެން ގެސްޓުހައުސްއެއް މި ހަދަނީ. އެހެންކަމުން އެ ތަންތަނުގެ ކޮޓަރިތަކުގެ އަގު ކުޑައެއް ނުކުރެވޭނެ. އެކަމަކު ގޭގޭގައި ހުންނަ ކޮޓަރިތައް ބޭނުން އަގެއްގައި ދޫކުރެވިދާނެ. އެހެން ހެދީމަ ޓޫރިސްޓުން ދާނީ އެ ތަންތަނަށް،" ގެސްޓު ހައުސް ވިޔަފާރިވެރިޔަކު ބުންޏެވެ.

ހަނިމާދޫގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެއް-- ފޮޓޯ: ދި އެޑިޝަން

ހަނިމާދޫގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެއް-- ފޮޓޯ: ދި އެޑިޝަން

ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅަކު ނަން ހާމަ ނުކުރަން އެދި "މިހާރު" އަށް ވިދާޅުވީ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ދޭއިރު އެ ކޮޓަރިއަކީ ގެސްޓުހައުސްތަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދާފައިވާ ކޮޓަރިއަކަށް ވާން ޖޭހެނެ ކަމަށެވެ. އަދި ކޮޓަރިއަކީ ވަކި ވިޔަފާރިއެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓު މީހާ މި އަންނަނީ ވަރަށް ހިތްހަމަޖެހިލައިގެން ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުރި ކަންކަން ތަޖުރިބާ ކޮށްލަން. އެހެން ކަމަށްވާ ނަމަ އޭނާ އެ ހުންނަ ކޮޓަރި ވާން ޖެހޭނެ އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ކޮޓަރިއަކަށް،" އޭނާ ވިދާޅުވި އެވެ.

"މި ކޮންސެޕްޓަށް އަމަލު ކުރަން ފެށުމުން ކޮންމެ ގޮތެއްވިއަސް ގެސްޓުހައުސްތަކަށް އަސަރު ކުރާނެ. އެކަމަކު އެ އަސަރު ކުޑަކުރަން އެ ކޮޓަރިތަކުން ޓެކްސް ނަގައި ވަކި ވިޔަފާރިއެއް ގޮތަށް ހަދަން ޖެހޭ."

ގަވާއިދުތައް ހަދައި ރެގިއުލޭޓު ކުރުން މުހިންމު

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ހޯމް ސްޓޭ ޓޫރިޒަމަކީ ރައްޔިތުންނަށް ފައިދާވާ ކޮންސެޕްޓަކަށްވުމުން އެ ޖަމިއްޔާ އޮތީ އެކަން ކުރިއެރުވުމަށް ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. ނަމަވެސް އޭގެ ކުރިން ރެގިއުލޭޓު ކުރެވޭ އުސޫލުތައް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޯމް ސްޓޭ ޓޫރިޒަމް ފުޅާ ކުރުމުގެ ހިޔާލާ އަޅުގަނޑުމެން އެއްބަސް. އެކަމަކު މިއީ ވަރަށް ބޮޑު ކަމެއް. މިފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކޮށް ގަވާއިދުތައް ހަދައި ރެގިއުލޭޓު ކުރެވެން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

މި ކޮންސެޕްޓު ތައާރަފު ކުރުމުގެ ކުރިން ގާނޫނުތަކެއް ހަދަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ މި ކޮންސެޕްޓު އަލުން ތައާރަފު ކުރުމުގެ ކުރިން ގާނޫނުތަކަށް ބަދަލު ގެނެސް ރެގިއުލޭޓު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އެންމެނަށް ވެސް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން. ހޯމް ސްޓޭ ޓޫރިޒަމް ފުޅާކޮށް އެ ދާއިރާ ކުރިއަރުވަން ޕްލޭން އެބަ ކުރެވޭ. އެކަމަކު އެކަން ކުރަން ގާނޫނަށް އިސްލާހު ގެނެސް ރެގިއުލޭޓު ކުރެވޭނެ ގޮތް ހަދަން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެގިއުލޭޓު ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް

ރާއްޖޭގެ ބައެއް ރަށްތަކުގައި ޓޫރިސްޓުން އާއްމުންގެ ތެރޭގައި އުޅުމަކީ އެ ރަށްރަށުގެ ރައްޔިތުން ދެކޮޅު ހަދާ ކަމެކެވެ. އެހެންކަމުން ގިނަ ރަށްތަކުގެ ގެސްޓުހައުސްތައް ހަދާފައި ހުންނަނީ ވެސް އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. ނަމަވެސް ހޯމް ސްޓޭ ޓޫރިޒަމް އައުމާ އެކު ޓޫރިސްޓުން އުޅޭނީ އާއްމުންނާ އެކުގަ އެވެ. އެ ގެއިން ކައި، އެ ގޭގައި ނިދައި، އެ ގޭގެ އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް އުޅޭނެ އެވެ. މީގެ ސަބަބުން އިޖުތިމާއީ ގޮތުން އެކި ގޮންޖެހުންތަކާ ދިމާވެދާނެ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ޓޫރިޒަމް ވިޔަފާރިވެރިޔަކު ބުނީ ބައެއް ދިވެހިންގެ އުޅުން ހުންނަ ގޮތުން ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓޭ ކަމަށެވެ. މިފަދަ ހާދިސާތަކެއް ކުރިން ވެސް ދިމާވެފައިވާ ކަމަށާއި ގިނަ ޓޫރިސްޓުންނަށް އެފަދަ ކަންކަން ދިމާވާ ނަމަ ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާ އަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކުރިން ވެސް ރަށެއްގެ ގެސްޓު ހައުސްއަކަށް އައި ޓޫރިސްޓަކަށް އެ ރަށުގެ ފިރިހެން ކުދިންތަކެއް ފުރައްސާރަ ކުރާތީ އެ ވާހަކަތައް އޭނާގެ ގައުމުގެ މީޑިއާތަކަށް ވެސް އެރި. އެ ޓޫރިސްޓުގެ ބްލޮގުގައި ރާއްޖެ އަށް އައުން ރައްކާތެރި ނޫން ކަމަށް ބުނެ ލިޔެފައި އޮތް. އޭގެ ސަބަބުން އެ ދުވަސްވަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި މިކަންކަމަށް ނުވިސްނައި ރަށްތަކުގައި ހޯމް ސްޓޭ ޓޫރިޒަމަށް ހުއްދަ ދީފި ނަމަ ރާއްޖޭގެ ޓޫރިޒަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ އެވެ. އެހެންކަމުން ރަށްތަކަށް ހުއްދަ ދިނުމުގެ ކުރިން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އެ މީހުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ހޯމް ސްޓޭއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ވިޔަފާރިއެކެވެ. މިހާރު ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން، ގޭގޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުން މަނާ ވިޔަސް، އުސޫލުތަކެއްގެ ދަށުން އެ ހުއްދަ ދޭން ސަރުކާރުން އަންނަނީ ވިސްނަމުންނެވެ. އެކަމަކު، ރާއްޖެ ކަހަލަ ގައުމެއްގައި، ގޭގޭގައި ޓޫރިސްޓުން ބައިތިއްބައިގެން ނުކުމެދާނެ މައްސަލަތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. ސަބަބަކީ، މިއީ ރާއްޖޭގެ އަގުބޮޑު ޓޫރިޒަމްގެ ކުރިމަގާ ގުޅިފައި އޮތް މައުލޫއަކަށް ވާތީ އެވެ.