Roadha Mihaaru

އެމްއައިބީގެ ގެސްޓް ހައުސް ސިންޕޯސިއަމް މި އަހަރު ވެސް ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މި އަހަރު ވެސް ގެސްޓް ހައުސް ސިންޕޯސިއަމެއް ބާއްވަން ނިންމައިފި އެވެ.

އެމްއައިބީގެ ގެސްޓް ހައުސް ސިންޕޯސިއަމް މި އަހަރު ވެސް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މި އަހަރު ވެސް ގެސްޓް ހައުސް ސިންޕޯސިއަމެއް ބާއްވަން ނިންމައިފި އެވެ.

އޮކްޓޯބަރު 2 ގައި ކްރޮސް ރޯޑްސްގައި ބާއްވާ މި އަހަރުގެ ސިންޕޯސިއަމްގައި ގެސްޓް ހައުސްގެ އިތުރުން އެ ވިޔަފާރިއާ ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެ ތަނަށް އެއްވެ މަޝްވަރާ ކުރާނެ އެވެ. އަދި އެ ދާއިރާ އަށް ކުރިމަތި ވެފައިވާ ދަތިތަކަށް ތަޖުރިބާކާރުންގެ ލަފާ އާއި ހިޔާލު ސިމްޕޯސިއަމްގެ ތެރެއިން ހޯދޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެ ބޭންކުން އިއްޔެ ބޭއްވި މީޑީއާ ބްރީފިންއެއްގައި ސީއޯއޯ އަހުމަދު ރިޒާ ވިދާޅުވީ، މިދިޔަ އަހަރު ވެސް އެ ބޭންކުން ބޭއްވި ސިމްޕޯސިއަމް ވަރަށް ކާމިޔާބު ކަމަށެވެ. އެ ސިމްޕޯސިއަމުން އެ ދާއިރާގެ ގިނަ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކެއް ލިބުނު ކަމަށާއި މި އަހަރުގެ ސިމްޕޯސިއަމް ކުރިއަށް ގެންދާނީ، މިދިޔަ އަހަރުގެ ބައިވެރިންގެ ތަޖުރިބާ އާއި ފާޅުކުރި ހިޔާލުތަކާ އެކު، އިތުރަށް ފުރިހަމަ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ގެސްޓްހައުސް ސިމްޕޯސިއަމް މިއަހަރު ވެސް ބޭއްވުމަށް ވަނީ ނިންމާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއައިބީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ގެސްޓްހައުސް ސިމްޕޯސިއަމް މިއަހަރު ވެސް ބޭއްވުމަށް ވަނީ ނިންމާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މި އަހަރު ވެސް އަޅުގަނޑުމެން ގަސްދު ކޮށްފައި އޮތީ 150 ފަރާތަކަށް ގެސްޓް ހައުސް ސިމްޕޯސިއަމް އިން ފުރުސަތު އަރުވަން. އަޅުގަނޑުމެންގެ އުންމީދަކީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ތަރުހީބެއް މި އަހަރު ވެސް ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ، ގެސްޓް ހައުސްގެ އިތުރުން ޓޫރިޒަމް ދާއިރާގެ އެކި ހިދުމަތްތައް ދެމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވެސް ސިމްޕޯސިއަމްގައި ސްޓޯލުތައް ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު އެމްއައިބީ އިން ބޭއްވި ފުރަތަމަ ގެސްޓް ހައުސް ސިންޕޯސިއަމްގައި 150 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ. އެ ސިމްޕޯސިއަމްގައި ވެސް ގެސްޓް ހައުސް އާއި ޓޫރިޒަމް ދާއިރާއާ ގުޅިގެން މުހިއްމު މައުލޫއުތަކުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ބޭންކުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު މިދިޔަ އަހަރު ވެސް ރަޖިސްޓްރީވި އެވެ. މި އަހަރުގެ ސިންޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެކަމަކު، އެ ކަމަށް އިއުލާނު ކުރާނީ ފަހުގެ ތާރީހެއްގައި ކަމަށް ބުންޏެވެ.