Roadha Mihaaru
ހޯމް ސްޓޭގެ ސަބަބުން ގެއްލުމެއް ނެތް: ގޭމް

ހޯމް ސްޓޭ ޓޫރިޒަމުން ގެސްޓް ހައުސްތަކަށް ކުރާނެ އަސަރެއް ނެތް: ގޭމް

01 ޖެނުއަރީ 2022

ރާއްޖޭގައި މިއަދު އަލަށް ފެށި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރި އަށް ކުރާނެ އެއްވެސް އަސަރެއް ނެތް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު މ. ދިއްގަރުން އާސިމާ ނިޒާރު

ރާއްޖޭގައި މިއަދު އަލަށް ފެށި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރި އަށް ކުރާނެ އެއްވެސް އަސަރެއް ނެތް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމް ސްޓޭ ފެށުމަށް މ. ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މީގެ 11 އަހަރު ކުރިން ލޯކަލް ޓޫރިޒަމް ފެށުމަށް މަސައްކަތް ކުރިއިރު ވެސް ރިސޯޓުތަކަށް ގެއްލުން ވާނެ ކަމަށް ގަބޫލުކުރި ބަޔަކު ތިބި ކަމަށާއި ނަމަވެސް ޓޫރިޒަމްގެ އާ ކޮންސެޕްޓުން ރިސޯޓުތަކަށް ލިބުނީ ފައިދާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓް ހައުސްތަކަށް ދިމާވާނެ އެއްވެސް ހުރަހެއް ނޯންނާނެ. ދެހާސް ދިހަވަނަ އަހަރު ގެސްޓް ހައުސް ތައާރަފު ކުރުމުން ރިސޯޓުތަކަށް ގެއްލުން ވާނެ ކަމަށް ދެކުނު ބަޔަކު ވެސް އުޅުނު،" ކ. މާފުށީގައި އެންމެ ފުޅާކޮށް، ގެސްޓް ހައުސް ވިޔަފާރި ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

"އެކަމަކު ކިހިނެއްތޯ ވީ؟. ގެސްޓް ހައުސްގެ ސަބަބުން ރިސޯޓުތަކަށް ލިބުނީ އިތުރު އާމްދަނީއެއް."

ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ފެށުމުގެ ގޮތުން ދިއްގަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހޯމްސްޓޭއަށް މި ރަށަށް އައި ޓޫރިސްޓުންގެ ފައިތިލައިގެ ނިޝާން ނެގުމަށްފަހު ފޮޓޯނަގަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ފެށުމުގެ ގޮތުން ދިއްގަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހޯމްސްޓޭއަށް މި ރަށަށް އައި ޓޫރިސްޓުންގެ ފައިތިލައިގެ ނިޝާން ނެގުމަށްފަހު ފޮޓޯނަގަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ގެސްޓް ހައުސްގެ ސަބަބުން އޮކިއުޕެންސީ ވެއްޓުނު އެންމެ ރިސޯޓެއް ވެސް ނެތް ކަމަށާއި ރަށްރަށަށް ޓޫރިސްޓުން ގެންދިއުމުން އާމްދަނީ ދިޔައީ އިތުރު ވަމުންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

މި ރަށުގައި ހޯމްސްޓޭ ޓޫރިޒަމް ފެށި ނަމަވެސް، އެކަން ކުރިއަށް ގެންދަން ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ހިތްގައިމު، ރީތި އަތިރިމައްޗެއް ނެތުމެވެ.

ލޯކަލް ޓޫރިޒަމްގައި އެންމެ ވަރުގަދަ ބްރޭންޑް، މާފުށީގައި "ކާނި ގެސްޓް ހައުސް" ހިންގަވާ ނަޝީދު، އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ މިފަދަ ޓޫރިޒަމަށް ރީތި އަތިރިމައްޗެއް ކޮންމެހެން މުހިއްމު ނޫން ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ހަޑި އަތިރިމަތި އޮންނަ އެއް ރަށަށް ވިޔަސް ތަފާތު އެކި ހަރަކާތްތަކާއެކު އެ ރަށް މަޝްހޫރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރަށް މިހާރު އެ އޮތީ ނަމްބަރު އެކަކަށް އަރާފައި. މި ރަށުގެ ރައްޔިތުން އެއްވެސް ގޮތަކަށް ހާސްވާކަށް ނުޖެހޭ. ރީތި ބީޗަކާ އެއްޗެހި އޮންނާކަށް ކޮންމެހެން ނުޖެހޭ މި ޓޫރިޒަމް ތައާރަފު ކުރާކަށް،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މާފުށީގައި ހުރި 1،600 އެނދު މި ވަގުތު ވެސް ވަނީ ފުރިފަ އެވެ.

ރާއްޖޭގައި މިހާރު 600 އަށް ވުރެ ގިނަ ގެސްޓް ހައުސް ހުރިއިރު ގިނައީ 3-6 ކޮޓަރިއާ ދެމެދުގެ ތަންތަން ކަމަށާއި އެއީ ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު ވެސް ހޯމް ސްޓޭއާ ދާދި އެއްގޮތަކަށް މަސައްކަތްކުރާ ތަންތަނެވެ.

މި ރަށުގައި ހޯމްސްޓޭ ޓޫރިޒަމް ފަށައި، އެންމެ ފުރަތަމަ އައިސްފައި ވަނީ ސޫދާންގެ ދެމަފިރިއަކާއި އެމެރިކާގެ ދެމަފިރިއެކެވެ. އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތްރިން ހެސްވެލް ވެސް ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕްގައި ބައިވެރިވެވަޑައިގަންނަވަ އެވެ.