Roadha Mihaaru
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ

ގަމުގައި ޓޫރިޒަމް ފުޅާކުރަން ބީޗްސައިޑުން އަށް ބިމެއް ދޫކުރަނީ

24 ޖުލައި 2023

ފުރަތަމަ ފަހަރަށް ލ. ގަމުގެ ބީޗް ސައިޑުން ޓޫރިޒަމުގެ ބޭނުމަށް އަށް ބިމެއް ދޫކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުރަތަމަ ފަހަރަށް ލ. ގަމުގެ ބީޗް ސައިޑުން ޓޫރިޒަމުގެ ބޭނުމަށް އަށް ބިމެއް ދޫކުރަން ނިންމައިފި އެވެ.

ލ. ގަމު ކައުންސިލުން ވަނީ ހަތަރު ގެސްޓް ހައުސް އާއި ސިޓީ ހޮޮޓަލެއްގެ އިތުރުން، އެންމެ މަތީ ފަންތީގެ ޓޫރިޒަމުގެ ހިދުމަތް ދޭން ތިން ބިމެއް ދޫކުރަން ހުޅުވާލައިފަ އެވެ.

ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ޓޫރިޒަމުގެ ބޭނުމަށް ބިން ދޫކުރަން ނިންމީ މިހާރަށް ވުރެ ބޮޑަށް ޓޫރިޒަމް އެ ރަށުގައި ފުޅާކުރަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި މިވަގުތު ހިންގަނީ ހަތް ގެސްޓްހައުސް އެވެ.

ގަމު ކައުންސިލުން ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން އެންމެ މަތީ ފަންތީގެ ޓޫރިޒަމްގެ ހިދުމަތް ދޭން ދޫކުރަނީ 50،000 އަކަފޫޓުގެ ބިމަކާއި 20،000 އަކަފޫޓުގެ ބިމަކާއި 10،000 އަކަފޫޓުގެ ބިމެކެވެ. އަކަފޫޓެއް ވިއްކަނީ އެއް ރުފިޔާގެ ރޭޓުންނެވެ. ބިޑް ފޮތެއް 2،000ރ. އަށް ވިއްކާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 5،000ރ. ހުށަހަޅަން ޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ހޮޓާ އަޅަން ދޫކުރަން ނިންމާފައި ވަނީ 13،900 އަކަފޫޓުގެ ބިމެކެވެ. އަދި ބިޑް ސެކިއުރިޓީ އާއި ބިޑާ ހަވާލުވާ ފީއެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ގެސްޓްހައުސް އަޅަން ދޫކުރަނީ 5،000 އަކަ ފޫޓުގެ ހަތަރު ބިމެވެ. އެ އިއުލާނުގައިވާ ގޮތުން ގެސްޓްހައުސް ހެދުމަށް ބިން ދޫކުރާ އިރު އެ ރަށުގެ ރައްޔިތުންނަށް އިސްކަން ދޭނެ އެވެ.

ގާތްގަނޑަކަށް 3،000 މީހުން ދިރިއުޅޭ ގަމުގައި ޓޫރިޒަމް ފުޅާކުރަން ބިން ދޫކުރަނީ 35 އަހަރަށެވެ. އަންނަ މަހުގެ 24ގެ ކުރިން އެކަމާ ގުޅޭ ޑޮކިއުމެންޓްތައް ހުށަހެޅުމަށް ގަމު ކައުންސިލުން ވަނީ އެދިފަ އެވެ.