Roadha Mihaaru
ފޮނަދޫ-ގަމުގެ މީހުންގެ ހިއްސާއާއެކު ގެސްޓްހައުސްއެއް!

ގަން، ފޮނަދޫ މީހުންގެ ހިއްސާ އޮންނަ ގޮތަށް ލަގްޒަރީ ގެސްޓް ހައުސްއެއް ހަދަން އުއްޗު ހުށަހަޅުއްވައިފި

27 އެޕްރީލް 2023

ޗަމްޕާ ބްރަދާސް އާއި ލ. ގަމާއި ފޮނަދޫގެ މީހުންގެ ހިއްސާ އޮންނަ ގޮތަށް އެ ދެ ރަށުގައި ލަގްޒަރީ ގެސްޓް ހައުސްއެއް އިމާރާތް ކުރަން އެ ކުންފުނިން ހުށަހަޅައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޗަމްޕާ ބްރަދާސް އާއި ލ. ގަމާއި ފޮނަދޫގެ މީހުންގެ ހިއްސާ އޮންނަ ގޮތަށް އެ ދެ ރަށުގައި ލަގްޒަރީ ގެސްޓް ހައުސްއެއް އިމާރާތް ކުރަން އެ ކުންފުނިން ހުށަހަޅައިފި އެވެ.

ފޮނަދޫ ކައުންސިލުން މިއަދު ބުނީ، އެ ރަށުގެ ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ލަގްޒަރީ ގެސްޓް ހައުސްއެއް އިމާރާތް ކުރުމުގެ ޝައުގުވެރިކަން، ޗަމްޕާ ބްރަދާސް އިން އިއްޔެ ފޮނުވި ސިޓީއެއްގައި ފާޅުކޮށްފައިވާ ކަމަށެވެ.

"ޗަމްޕާ ބްރަދާސް އާއި ފޮނަދޫގެ ރައްޔިތުންގެ ހިއްސާ އޮންނަ ގެސްޓް ހައުސްއެއް އިމާރާތް ކުރުމުގެ ޝައުގުވެރިކަން އެ ބޭފުޅުންގެ އެބަހުރި. އެކަމަކު ކައުންސިލްގައި އަދި އެކަމާ ގުޅޭ މަޝްވަރާއެއް ނުކުރޭ،" ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަމާ މެދު އަންނަ ހަފުތާގައި ކައުންސިލްގައި މަޝްވަރާކޮށް، ގޮތެއް ނިންމާނެ އެވެ.

ގަމު ކައުންސިލަށް ވެސް ޗަމްޕާ ބްރަދާސް އިން ވަނީ އެ ހުށަހެޅުން ހުށަހަޅައިފަ އެވެ. އެކަމަކު، އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޗަމްޕާ ބްރަދާސް އިން ކަނޑައަޅާ ޕަސެންޓެއް އަދި ނާންގަ އެވެ. އެނގިފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުނިން ނިންމާފައި ވަނީ ގަމާއި ފޮނަދޫ ކައުންސިލުން ވަކި ގޮތެއް ނިންމުމާއެކު، މަޝްވަރާތައް ފަށައި ވީހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށެވެ.

ގަމުގައި މިހާރު ވެސް މަތީ ފެންވަރުގެ ގެސްޓް ހައުސްތައް ހިންގަ އެވެ. އެކަމަކު، ފޮނަދޫގައި އެ ފެންވަރުގެ ތަނެއް އަދި ނެތެވެ.

ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އިސް ނެންގެވުމަކަށް ފޮނަދު އާއި ގަމުގެ ރައްޔިތުންގެ ހިއްސާ އޮންނަ ލަގްޒަރީ ގެސްޓް ހައުސްއެއް އިމާރާތް ކުރަން ނިންމެވިއިރު، އޭނާ ގެންދަވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުންނެވެ.

ޗަމްޕާ ބްރަދާސްގެ ދަށުން މިހާރު ހިންގަނީ ކޮމަންޑޫ އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި މީރު އައިލެންޑާއި ވެލިގަނޑު އަދި ވިލަމެންދު އެވެ. އޭގެ އިތުރުން ވެސް އުއްޗު ގެންދަވަނީ އެންމެ މަތީ ފެންވަރުގެ ރިސޯޓްތައް ހިންގަވަމުންނެވެ.