Roadha Mihaaru
ޝިމާ ހޯދުން: މުޅި އަތޮޅު ބަލައިގެން ވެސް ނުފެނުނު

ޝިމާ ހޯދުން: މުޅި ލ. އަތޮޅު ބަލައިފި، އެއްވެސް އެއްޗެއް ނުފެނުނު!

28 ފެބުރުއަރީ 2019

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން މުޅި ލ. އަތޮޅު ބެލުމުން ވެސް އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފާއި މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން މުޅި ލ. އަތޮޅު ބެލުމުން ވެސް އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފާއި މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ޝިމާ ގެއްލުނީ ލ. ގަމު، އިބްރާހިމް ފަޒީލް، 24، އާ އެކު ފޮނަދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން މާމެންދުއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭ 6:50 ކަންހާއިރު އެ މީހުން ދަތުރު ކުރި ޑިންގީ ބަންޑުޖަހާލުމުން ކަމަށް ފަޒީލް ބުނެ އެވެ. އެ ޑިންގީގައި އެ މީހުން ދަތުރު ކުރިއިރު މޫސުން ގޯސް ކަމަށް ކައުންސިލުން ބުންޏެވެ.

އެ ހާދިސާގައި ފަޒީލް ސަލާމަތްވީ ފަތާފައި ގޮސް "ސިކްސް ސެންސް ލާމް" ރިސޯޓަށް އެރުމުންނެވެ.

ހަމަ އެ ރެއިން ފެށިގެން ޝިމާ އާއި ޑިންގީ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އޮޔާއި ވައި ހުރި ގޮތް ބަލައިގެން ކަނޑާއި ވައިގެ މަގުން އަދިވެސް ޝިމާ ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ހާދިސާއާ ގުޅޭ ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ވަނީ ޑައިވިން ރޮބެޓް ބޭނުންކޮށްގެން 400 ކިލޯ މީޓަރުގެ ސަރަހައްދެއްގެ އަޑި ވެސް ބަލައިފަ އެވެ.

"މިހާރުވެސް ހަމަ ކޮންމެ ދުވަހަކު ކަނޑުގެ އޭރިއާ ބަލަމުން މި އަންނަނީ،" އާޒިމް ވިދާޅުވި އެވެ.

މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 10 ވަރަކަށް ރަށާއި 20 ފަޅުރަށް އޮތްއިރު އެކި ގޮތްގޮތުން އެ ހުރިހާ ތަނަކާއި ކަނޑުގެ ސަރަހައްދު ބަލާފައިވާ ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންގެ އިތުރުން މާމެންދޫގެ ރައްޔިތުން ހިމެނޭ ގޮތަށެވެ.

ޝިމާގެ އާއިލާ އާއި މާމެންދޫ ރައްޔިތުންގެ ޓީމަކުން ވަނީ ކުރިން މީހުން އުޅުނު ގާދު އާއި މާމެންދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅިމެންދޫ ވެސް ބަލާފަ އެވެ. އަދި ސިކްސް ސެންސް ލާމު ކައިރިއަށް ފީނައި ބަލާފައި ވެސް ވެ އެވެ.

"ރަށްރަށަށް ގުޅައިގެންނާއި ހެލިކޮޕްޓަރުގައި މަތިން ވެސް، ކަނޑުން ވެސް ބަލައިފި. ހަމަ އެއްވެސް އެއްޗެއް ނުފެނޭ. މިއަތޮޅު ރަށްރަށަށް ގުޅައިގެން ވެސް ބަލައިފިން. ހަމަ ހަބަރެއް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިން ފަޒީލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެ މީހުން ބުނަނީ ފަޒީލް ދެފަހަރު ވާހަކަ ދައްކަނީ ދެ ގޮތަށް ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ފަޒީލް ދޮގުކުރެ އެވެ.

Shima gehlun: "Kuri masahkaiy hedhdhevi faraathah engeyne"

Shima gehlun: "Kuri masahkaiy hedhdhevi faraathah engeyne"

The most trusted news source in the Maldives

Mihaaru

ފަޒީލް: ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ.

ފަޒީލް ބުނިގޮތުގައި އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ޝިމާ މިދިޔަ ބުދަ ދުވަހު ކައްދޫ މަގުން ގަމަށް ދިއުމުން ޝިމާގެ ކަންކަން ބެލެހެއްޓީ އޭނާ އެވެ. ޝިމާ ގޮވައިގެން ކުޑަ ޑިންގީއެއްގައި މާމެންދުއަށް ދާން ފުރީ ކޮންމެހެން ވެސް ރަށަށް ދިއުމަށް ޝިމާ ބޭނުންވެފައި ހުރުމުން ކަމަށް ފަޒީލް ބުނެ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ސަލާމަތް ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި މާކަނޑުގެ ވަކި ހިސާބުން އޭނާއަށް ޝިމާ ގެއްލުނީ ކަމަށް ފަޒީލް ބުނެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ފުލުހުން އެކަމާ ބެހޭ ގޮތުން މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ.